ENGLISH
11 ޖުލައި 2026
ރައީސް ޑރ. މުއިއްޒު ތަފާތު، ހިދުމަތް ދިނުމުގައި ފަސްނުޖެހޭނެކަން ސާބިތުކޮށްދީފި: މެންބަރު އިބްރާހީމް ޙުސައިން
11 ޖުލައި 2026
|
ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން. ފޮޓޯ؛ މަޖިލިސް
އެންމެ މަޤްބޫލު
އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވެރިކަން ކުރެއްވި ވެރިންނާ ވަރަށް ބޮޑަށް ތަފާތުކަމަށާއި މިވީ ދެ އަހަރާއި ބައިގެ ތެރޭގައި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެމަނިކުފާނު ފަސްޖެހިވަޑައިނުގަންނަވާނެކަން ސާބިތުކޮށްދީފައިވާކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ޙުސައިން ވިދާޅުވެއްޖެއެވެ.
މެމްބަރު މިފަދައިން ވިދާޅުވީ މިއަދު ކުރިއަށްދާ ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް "އެމްއެމްޓީވީ" ން ގެނެސްދިން ހާއްސަ ކަވަރޭޖުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރުކާރަށް ދެ އަހަރާއި ބައިވީއިރު މާލީ ގޮންޖެހުންތަކާ އެކުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްދާކަމަށް މެމްބަރު ވިދާޅުވިއެވެ.
"ވެރިކަމެއް ފަށައިގަންނައިރު ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުންނާނެ، އޭގެ ތެރެއިން ވިސްނުންތެރިކަމާއެކު މަސައްކަތް ކުރަމުން އައިސް އަދި ކިރިޔާ ހަމަނޭވާލާނެ ވަގުތެއް މި ލިބުނީ އަޅުގަނޑުމެންނަށް، މިހާރު ވަރަށް ގިނަ ޕްރޮޖެކްޓްތައް ހިނގަމުންދަނީ އެކި މަރުހަލާތަކުގައި، އަޅުގަނޑު ގަބޫލުކުރަނީ ކުރިއަށް އޮތް ދެ އަހަރު މި މަޝްރޫއުތައް ނިންމައި ރައްޔިތުންނަށް އޭގެ މަންފާ ވާން ފަށާނެއޭ،". މެމްބަރު ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް އެރި ލޮޅުމާއެކުވެސް ރައްޔިތުން އޭގެ ބުރަ ތަހައްމަލުކުރަން ނުޖެހޭ ގޮތަކަށް ސަރުކާރުން ކަންކަން ރާވާލި މަންޒަރު ފެންނަމުންދާކަމަށް ވިދާޅުވިއެވެ.
މި އިންތިހާބުގައި ހޮވާ ކެންޑިޑޭޓުންނާއެކު އަތޮޅުތެރޭގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ފުޅާވެ، ރައްޔިތުން އެދޭ ތަރައްގީގެ މަޝްރޫއުތައް އިތުރަށް ވިލަރެސް ކުރެވިގެން ބާރަށް ހިނގައިގަންނާނެކަމަށް މެމްބަރު ވިދާޅުވިއެވެ.