ENGLISH
11 ޖުލައި 2026
ޑޮލަރުގެ ތަދުކަން؛ މާލިއްޔަތުގެ ކަރަށް ފެއްތި މަޅިއާއި، މޮހައިލުމަށް ކުރަންޖެހުނު މަސައްކަތް
11 ޖުލައި 2026
|
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ އިގުތިސާދުގެ ވާހަކަދައްކާ ކޮންމެ މީހަކުމެ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރާނީ ޑޮލަރުގެ މައްސަލައެވެ. ބޭރުފައިސާ ނުލިބުމާއި، ރަސްމީ ބާޒާރުގެ ބޭރުން ހަވާސާ ބާޒާރެއް (ޕަރަލެލް މާކެޓް)އެއް އުފެދިފައި އޮތުމާއި، މާލީ ނިޒާމުގެ ތެރެއިން އެންމެ ބޭނުންވާ މިންވަރަށް ބޭރު ފައިސާ ނުލިބުމުގެ މައްސަލައެވެ. މި މައްސަލަ އުފެދުނު ގޮތާއި، މިއަދު އެ މައްސަލަ އޮތް ހިސާބާއި ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި އެކަމުގައި ހުރި ގޮންޖެހުންތަކަކީ އިލްމީ ގޮތެއްގައި ތަހުލީލުކުރަންޖެހޭ ކަންކަމެވެ.
މި މައުޟޫއުގައި ވާހަކަދެއްކުމަށް އެންމެ ފުރަތަމަ އަލިއަޅުވައިލަންޖެހެނީ މާލީ ސިޔާސަތުތަކުގެ ތެރެއިން ޑޮލަރު ނުވަތަ ބޭރުފައިސާގެ މައްސަލަ އުފެއްދި ސަބަބުތަކާއި، އެ މައްސަލަ އިތުރަށް ދެމިގެންދާނެ ގޮތަށް ނިޒާމުގެ ތެރެއަށް އުފަންކުރި ބާގަނޑުތަކާއި، އެކަންކަމުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކެވެ. މިދެންނެވުނު ކަންކަމަކީ ލާމެހިފައި ހުރި ކަންތައްތަކެކެވެ. އެއް މައްސަލައިން އަނެއް މައްސަލަ ބޮޑުކޮށް ފުޅާކުރާ ގޮތަށް ތަރުތީބުވެފައިހުރި މައްސަލަތަކުގެ ޗެންޗޭނެކެވެ.
2011 ވަނަ އަހަރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ޝާއިއުކުރި ކަރުދާހެއްގައި ފައިސާ ޗާޕުކުރުން ނުވަތަ ޕަބްލިކް އެކައުންްޓް އޯވާ ޑްރާފްޓުކުރުމުގެ އަސަރުތަކާ ގުޅޭ ގޮތުން ދުނިޔޭގެ އެކި ގައުމުތަކުގެ ތަޖުރިބާއަށް ބަލައި ނިންމާފައިވަނީ އެކަމުގެ އެންމެ އަސާސީ ނަތީޖާއަކީ އެ ގައުމެއްގެ ފައިސާގެ އަގުވެއްޓުން ކަމަށެވެ. އާޖެންޓީނާއާއި ޒިމްބާބުވޭ ފަދަ ގައުމުތަކުން ފެންނަން އޮތް ނަތީޖާއަކީ ފައިސާ ޗާޕުކުރަން ފެށުމުން އެ ގައުމުތަކުގެ ފައިސާ އިންތިހާއަށް ބަލިކަށިވާ ކަމެވެ. މިއީ ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު ވައިމާ ރިޕަބްލިކުގެ ތަޖުރިބާއިން އިގުތިސާދީ މާހިރުން ދެނެގަނެ، ފޮތްތަކުގައި ލިޔެ، ޔުނިވާސިޓީތަކުގައި ކިޔަވައިދެމުންދާ އިގުތިސާދީ ގާނޫނެކެވެ.
2020 ވަނަ އަހަރު ކޮވިޑް-19ގެ އާލަމީ ވަބާ ކުރިމަތިވުމާއެކު އެއިރު އޮތް އެމްޑީޕީ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގައި އެދުނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރުން ވަގުުތީ ގޮތުން މެދުކަނޑައިލުމުގެ ހުއްދައަކަށެވެ. އެ މާއްދާތަކުގެ ތެރެއިން އެއް މާއްދާއަކީ ސަރުކާރުން މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނެގުން ނުވަތަ ފައިސާ ޗާޕުކުރުމާ ގުޅޭ މާއްދާއެވެ. އެ މާއްދާއަށް އަމަލުކުރުން މެދުކަނޑައިލުމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް އެއިރުގެ މާލީ ވަޒީރު އިބްރާހީމް އަމީރު ވިދާޅުވީ ޗާޕުކުރާ ފައިސާ "މޮޕްއަޕް" ކުރާނެ ކަމަށެވެ. މާނައަކީ މަރުކަޒީ ބޭންކުން ބާޒާރުގައި ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން އެ ފައިސާ އަނބުރާ މަރުކަޒީ ބޭންކަށް ނަގާނެ ކަމަށެވެ. އަދި އެ ފިޔަވަޅަކީ އެއް އަހަރަށް އަޅާ ވަގުތީ ފިޔަވަޅެއް ކަމަށެވެ.
ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ފައިސާ ޗާޕުކުރުމަށް މަޖިލީހުން ދިން ހުއްދަ އެގޮތުގައި ދެމެހެއްޓިއެވެ. އަދި އެ މުއްދަތުގައި އަށް ބިލިއަންް ރުފިޔާ ޗާޕުކުރިއެވެ. އެއީ އޭގެ ކުރީގެ 40 އަހަރު ޗާޕުކުރި އަދަދަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.
ކުރީގެ ދައުރުތަކުގައި ޗާޕުކުރީ 4 ބިލިއަން ރުފިޔާއެވެ. އެއީ ރައީސް މައުމޫންގެ 30 އަހަރުގެ ދިގު ވެރިކަމުގައި 3.37 ބިލިއަން ރުފިޔާ، އަދި ރައީސް ނަޝީދުގެ ވެރިކަމުގައި 0.47 ބިލިއަން ރުފިޔާ، އަދި ރައީސް ވަހީދުގެ ވެރިކަމުގައި 2.44 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ރައީސް ޞާލިޙުގެ ވެރިކަމުގެ ފަސް އަހަރު ތެރޭ ކުރީގެ ފަސް އަހަރު ޗާޕުނުކުރާ އަދަދަށް ފައިސާ ޗާޕުކުރިއެވެ.
ކުރިން ހަވާލާދެވުނު އައިއެމްއެފްގެ ރިޕޯޓުގައި ފާހަގަކުރި ގޮތުން ފައިސާ ޗާޕުކުރުމުގެ އަސަރަކީ ވަގުތުން އިގުތިސާދުން ފެންނަ އަސަރެއް ނޫނެވެ. ބައެއް ފަހަރު ދާހިލީ ފައިސާގެ އަގު ދަށްވެ، ފައިސާ ބަލިކަށިވަމުންދަނީ މަރުހަލާތަކަކަށް ބެހިގެންނެވެ. މަޑުމަޑުންނެވެ. އަދި ބޭރުފައިސާއަށް ފިއްތުން ބޮޑުވާނެ އެހެން ސަބަބުތަކެއް އިގުތިސާދުގައި ހުރިނަމަ ފައިސާގެ އަގު ކުއްލިއަކަށް ވަރަށް ބޮޑަށް ދަށްވުމަކީ އެކަށީގެންވާ ކަމެއްކަން އައިއެމްއެފްގެ ރިޕޯޓުގައި ފާހަގަކުރިއެވެ.
ފައިސާ ޗާޕުކުރުމުން ގައުމެއްގެ ފައިސާގެ އަގު ވެއްޓޭ މައިގަނޑު ސަބަބަކީ އެ ގައުމެއްގެ އިގުތިސާދުގައި އެނބުރޭ ބޭރުފައިސާއަށްވުރެ އެ ގައުމެއްގެ ފައިސާ އިތުރުވެ، ރާއްޖޭގައި ނަމަ "ޑޮލަރު ފަހަތުން ދުވާ ރުފިޔާ ގިނަވަމުވެ." މިފަދަ ހާލަތެއްގައި އިގުތިސާދުގައި ދައުރުވާ ބޭރު ފައިސާއަށް އޮންނަ ޑިމާންޑު އިތުރުވެ، އެގައުމެއްގެ ފައިސާއަށް އޮންނަ ޑިމާންޑު ކުޑަވެއެވެ.
މި މައްސަލަ އިތުރަށް ބޮޑުވާ އަނެއް ސަބަބަކީ ބޭރުގެ ދަރަނި ބޮޑުވުމެވެ. ބޭރުގެ ދަރަނި އަދާކުރަންޖެހެނީ ބޭރު ފައިސާއިންނެވެ. ސަރުކާރަށް ބޭރުފައިސާއިން އާމްދަނީ ލިބޭ މަގުތައް އިތުރުކުރުމާއި، ބާޒާރުން ބޭރުފައިސާ ގަނެއް ރައްކާކުރާ މިންވަރު އިތުރުކުރަން މަޖުބޫރު ހާލަތެއް ކުރިމަތިކުރާ އެއްކަމަކީ ބޭރުގެ ދަރަންޏެވެ.
ފިނޭންސް މިނިސްޓްރީން 2018 އިން ފެށިގެން 2023 ގެ ނިޔަލަށް އާއްމުކޮށްފައިވާ ޑެޓް ބުލެޓިންގެ ހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރު ރާއްޖޭގެ ބޭރުގެ ދަރަންޏަކީ 20.3 ބިލިއަން ރުފިޔާއެވެ. 2018އާއި 2023 އާ ދެމެދުގައި އެ އަދަދު 38.08 ބިލިއަން ރުފިޔާއަށް އިތުރުވިއެވެ. 1.3 ބިލިއަން ޑޮލަރުން 2.4 ބިލިއަން ޑޮލަރަށް ބޭރުގެ ދަރަނީގެ ބުރަ ފަސް އަހަރުން އިތުރުވީއެވެ.
މި ފައިސާ ދެއްކުމުގެ ކަންކަން ތާވަލުކުރެވިފައި އޮތީވެސް އިތުރަށް ބޭރުފައިސާއަށް ފިއްތުން ބޮޑުވާނެ ގޮތަށެވެ. އެކަން އެނގެނީ 2024 އާއި، 2025އާއި، 2026ގެ މިހާތަނަށް ސަރުކާރުން ބޭރުފައިސާގެ ދަރަނި އަދާކުރުމަށް ކުރި ހޭދައިންނެވެ. ފިނޭންސް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު މި މުއްދަތުގައި ބޭރުގެ ދަރަނި އަދާކުރުމަށް 1.2 ބިލިއަން ޑޮލަރު ދައުލަތުން ހަރަދުކުރިއިރު، އެއިން 953.9 މިލިއަން ޑޮލަރަކީ 2018 އާއި 2023 އާ ދެމެދު އެއިރު އޮތް އެމްޑީޕީ ސަރުކާރުން ނެގި ދަރަނި އަދާކުރުމަށް ކުރި ހަރަދެވެ.
މާނައަކީ އެމްޑީޕީގެ ފަސް އަހަރު ނެގި ދަރަނީގެ ތެރެއިން ބޮޑު އިންސައްތައެއް ނަގާފައި އޮތީ ވަރަށް ކުރު މުއްދަތުގައި އަދާކުރުން ލާޒިމުވާ ގޮތަށެވެ. ނަތީޖާއަކަށްވީ ދައުލަތުން ބޭރުފައިސާއިން ކުރަންޖެހުނު ހަރަދު އިތުރުވެ، ބާޒާރަށް ނުކުންނަ ބޭރުފައިސާ މަދުވުމެވެ. އަދި މާލީ ނިޒާމުގެ ތެރެއިން ބޭރުފައިސާ ހޯދޭނެ ނިޒާމެއް ގާއިމުކޮށްގެން ދަރަނި އަދާކުރަން މަޖުބޫރުވުމެވެ.
މާލީ ނިޒާމުގެ ތެރެއިން ބޭރުފައިސާ ހޯދަން ސަރުކާރަށް މަޖުބޫރުވި މައިގަނޑު ސަބަބަކީ ބޭރުގެ ދަރަނީގެ ފިއްތުން ދަފަރާކުރުމަށް ބޭނުންކުރާ މައިގަނޑު ދެ ވަސީލަތްކަމުގައިވާ ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވްއާއި، ފިސްކަލް (މާލީ) ރިޒާވްއެއްގެ ގޮތުގައި ގާއިމުކޮށްފައިވާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު ހާވިޔާވެފައި އޮތުމެވެ.
މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ބޭރުފައިސާގެ ރަސްމީ ރިޒާވްގައި ހުރީ 590 މިލިއަން ޑޮލަރެވެ. ކުރު މުއްދަތުގެ އިލްތިޒާމުތައް އުނިކުރުމުން ބޭނުންކުރެވޭ ގޮތަށް ހުރި ބޭރުފައިސާއަކީ 179 މިލިއަން ޑޮލަރެވެ.
ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ބަލާއިރު 2019 ވަނަ އަހަރު ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭގެ މެދުގައި ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން އެ ފަންްޑުގައި ހުރި ބޭރުފައިސާ މާރުކުރެވޭ ގޮތަށް ހަމަޖެއްސިއެވެ. އެންމެ ފުރަތަމަ އެ ފަންޑުން ފައިސާ މާރުކުރިކަން ހާމަވީ 2021 ވަނަ އަހަރު އައިއެމްއެފްއިން ރާއްޖޭގެ މާލީ ހާލަތާ ގުޅޭ ގޮތުން އާއްމުކުރި ރިޕޯޓަކުންނެވެ. އެ ރިޕޯޓުގައިވާ ގޮތުން އެ ފަންޑުގައި ހުރި ބޭރުފައިސާގެ ބޮޑު ބައެއް މާރުކުރުމުގެ ސަބަބުން 2022 ވަނަ އަހަރު ސަނީ ސައިޑް ބޮންޑު އަދާކުރުމަށް އެ ފަންޑުގެ ބޭނުންކުރެވެން ނެތް ހާލަތަށް ފަންޑު އޮތީ ހީނަރުވެފައެވެ.
ދަރަނި އަދާކުރުމަށް ފައިސާ ރައްކާކުރުމުގެ މި ދެނިޒާމު ބަލިކަށިވުމުގެ ނަތީޖާއަކީ މި ދެ ނިޒާމު އަލުން ބިނާކުރުމުގެ މަސައްކަތް ރައީސް ޑރ.މުޢިއްޒުގެ ސަރުކާރަށް ކުރަންޖެހުމެވެ. ސަބަބަކީ މާލީ ގޮތުން ރާއްޖެ ބަނގުރޫޓުވެ ބޭރުގެ ދަރަނި އަދާނުކުރެވޭ ހާލަތެއް އަތުވެއްޖެނަމަ، ރާއްޖޭގެ އިގުތިސާދު ހުއްޓުމަކަށް އައިސް، އިންވެސްޓަރުން ރާއްޖެ ދޫކުރަން ފަށައި، ރާއްޖޭގެ އިގުތިސާދު ހުއްޓުމަކަށް އައިސްދާނެތީއެވެ. އެ ހާލަތަށް ވެއްޓުނަނުދެއްވުމަށް ރައީސް ފެެށްޓެވި އެންމެ އަގުހުރި މަސައްކަތްޕުޅަކީ ރިޒާވްްއާއި ސޮވެރިން ފަންޑަށް ދިރުން ގެންނެވުމުގެ މަސައްކަތްޕުޅެވެ.
މަތީގައި މިދެންނެވުނު ތިން ސިޔާސަތުވީ ދިވެހި ދައުލަތުގެ މާލިއްޔަތާއި، ރާއްޖޭގެ ބޭރުފައިސާގެ ބާޒާރުގެ ކަނދުރާއަށް މަހައިލި މަޅިއަކަށެވެ. އެމަޅީގައި ރަނގަޅަށް ބަނދެވި ހިރިނުލެވޭހައި ބަލިކަށިވެފައި އޮއްވައި މާލިއްޔަތު ކޮޅަށްޖައްސަވަން ފެށްޓެވީ ރައީސް ޑރ. މުޢިއްޒެވެ.
ފުރަތަމަ އަދި އެންމެ މުހިއްމު ފިޔަވަޅަކީ ފައިސާ ޗާޕުކުރުން ހުއްޓަވައިލެއްވުމެވެ. އަލަށް ރާއްޖޭގެ އިގުތިސާދީ ދައުރާނު (ސާކިއުލޭޝަން)ގެ ތެރެއަށް ދިވެހި ފައިސާ ނުނެރުއްވުމެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި އަށް ބިލިއަން ރުފިޔާ ޗާޕުކޮށް ނެރުމަށްފަހު އެއިން 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު މަރުހަލާތަކަކަށް ބަހާލައިގެން ޗާޕުކުރި ފައިސާގެ ތެރެއިން ބޮޑު އިންސައްތައެވެ. 30 އަހަރާއި 40 އަހަރުގެ ބޮންޑުތަކަށް ބަދަލުކުރީއެވެ. މާނައަކީ އެ ފައިސާ އިގުތިސާދުގައި ދައުރުވާން ދޫކޮށްލީއެވެ. އެއީ ފައިސާ ޗާޕުކުރަން ފެށްޓެވި ދުވަހު އަމީރު ވިދާޅުވި ގޮތަށް އެމްޑީޕީ ސަރުކާރަށް އެ ފައިސާ މޮޕްއަޕްނުކުރެވުމުންނެވެ.
ފައިސާ ޗާޕުކުރުން ރައީސް މުޢިއްޒު ހުއްޓަވައިލެއްވުމުން ބޭރުފައިސާއަށް އޮތް ޕްރެޝަރު ކުޑަވިއެވެ. ނުވަތަ ފިއްތުން ކުޑަވިއެވެ. ނަމަވެސް ދަރަނީގެ މައްސަލައާއެކު ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ބޭރުފައިސާގެ ރިޒާވްގައި ރައްކާކުރަންޖެހޭ މިންވަރު އިތުރުވިއެވެ. ހާއްސަކޮށް 2026 ވަނަ އަހަރު ދައްކަންްޖެހޭ އެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރުމަށް އިންތިޒާމުތަކެއް ތަރުތީބުކުރުން މަޖުބޫރުވިއެވެ.
ރައީސް ޑރ.މުޢިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެމްއެމްއޭއަށް ބޭރުފައިސާ ލިބެނީ ސަރުކާރުގެ އާމްދަނީގެ ތެރެއިންނެވެ. ވިޔަފާރި ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއަށް ބޭރުފައިސާ ވަންނަނީ ވަރަށް މަދުންނެވެ. ނަތީޖާއަކީ ސަރުކާރުން ބޭރުފައިސާއިން ކުރަންޖެހޭ ހޭދަތަކަށްފަހު ރަސްމީ ރިޒާވްގައި ރައްކާކުރެވޭ ބޭރުފައިސާގެ އަދަދު ވަރަށް ބޮޑަށް ދަށްވުމެވެ.
މި މައްސަލަ ހައްލުކުރެއްވީ ބޭރުފައިސާައާ ބެހޭ ގާނޫނު ތައާރަފުކުރައްވައި، ބޭންކިން ނިޒާމުގެ ތެރެއިން މަރުކަޒީ ބޭންކަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސަވައިގެންނެވެ. ނަތީޖާއަކީ 670.8 މިލިއަން ޑޮލަރު ބޭންކުތަކަށް ވަނުމެވެ. އަދި އެއިން 75 އިންސައްތަ އެމްއެމްއޭއަށް ބޭންކުތަކުން ވިއްކިއެވެ. ނަތީޖާއަކީ ދައުލަތުގެ ރިޒާވްގެ ހާލަތު ރަނގަޅުުވުމެވެ. ހަމައެއާއެކު ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ބޭރުފައިސާ ޖަމާކުރުމާއެކު، އެ ޖަމާކުރާ ފައިސާ ދަތިވާ ކޮންމެ ދަނޑިވަޅެއްގައި މާރުކުރުމުގެ ސަގާފަތް ނިމުމަކަށް ގެނައުމުން، އެ ފަންޑަށްވެސް ތިޔާނގިކަން ލިބުނެވެ.
މި އަހަރުގެ އޭޕްރީލު މަހުގައި 500 މިލިއަން ޑޮލަރުގެ ސުކޫކު ޕޭމެންޓު ހަދަންޖެހޭ މުއްދަތު އައިއިރު ރިޒާވްގައި 1.3 ބިލިއަން ޑޮލަރު ހުއްޓެވެ. ބޭނުންކުރެވޭ ގޮތަށް 250 މިލިއަނަށްވުރެ ގިނަ ޑޮލަރު ރައްކާކުރެވިފައި ހުއްޓެވެ. މި އަހަރުގެ ފުރަތަމަ ފަސް މަހެއްހައި ދުވަހުގެ ތެރޭ 900 އެތައް މިލިއަން ޑޮލަރެއްގެ ދަރަނި އަދާކުރުމަށްފަހު ރިޒާވްގައި 710 މިލިއަން ޑޮލަރު އަދި ބޭނުންކުރެވޭ ގޮތަށް 200 މިލިއަނަށްވުރެ ގިނަ ޑޮލަރު ހުއްޓެވެ.
ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ބަލާއިރު 2023 ވަނަ އަހަރު އެ ފަންޑުގައި ހުރީ 2 މިލިއަން ޑޮލަރެވެ. 2026 ގެ އޭޕްރީލު މަހުގައި ބޮޑު ދަރަނި އަދާކުރަންޖެހުމާ ހަމައަށް އެ ފަންޑުގައި 325 މިލިއަނަށްވުރެ ގިނަ ޑޮލަރު ރައްކާކުރެވިފައި ހުއްޓެވެ. އެ ފަންޑުގައި ހުރި ފައިސާގެ ބޮޑު ބައެއް ދަރަނި އަދާކުރުމަށް ބޭނުންކުރުމަށްފަހުވެސް ފަންޑުގައި 40 މިލިއަނާ ގާތްކުރާ އަދަދަށް ޑޮލަރު ހުއްޓެވެ.
ރިޒާވްއާއި އެސްޑީއެފްގައި ރައްކާކުރި ހުރިހާ ފައިސާއެއް މައިގަނޑު ގޮތެއްގައި ހަރަދުކުރަންޖެހުނީ ދަރަނި އަދާކުރުމަށެވެ. ނަމަވެސް މި އަހަރު އަދާކުރަން އޮތް އެންމެ ބޮޑު ދަރަނި އަދާކޮށް ނިމުމާއެކު، 2027 އާއި 2028 ގައި ދަރަނި އަދާކުރުމުގެ ހަރަދު ކުޑަވާނެ ކަމަށް އެމްއެމްއޭއާއި، އައިއެމްއެފްއާއި ވޯލްޑް ބޭންކުން ބުނެފައިވެއެވެ. ދަރަނި އަދާކުރުމުގެ ހަރަދުތައް ކުޑަކުރެވުމުން ދެން ނުކުންނާނެ ނަތީޖާއަކީ ބޭންކިން ނިޒާމަށް ވަންނަ ޑޮލަރުން އެމްއެމްއޭއަށް ނަގަންޖެހޭ އަދަދު މަދުވުމެވެ. އެ އަދަދު މަދުވާން ފެށުމުން ބޭކިން ނިޒާމުގެ ތެރެއިން ޑޮލަރުން ދޭ ހިދުމަތްތައް އިތުރުވާނެއެވެ.
ނިމުނު އަހަރުގެ ހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރަށްވުރެ 2025 ވަނަ އަހަރު މަރުކަޒީ ބޭންކުން އެކި ބޭނުންތަކަށް ދޫކުރި ޑޮލަރުގެ އަދަދު 10 އިންސައްތަ އިތުރުވިއެވެ. އަމިއްލަ ފަރުދުންނާއި ވިޔަފާރިަކާއި ސަރުކާރުގެ ބޭނުންތަކަށް މަރުކަޒީ ބޭންކުން ދޫކުރި ޑޮލަރު 29 އިންސައްތަ އިތުރުވިއެވެ.
ދަރަނީގެ ފިއްތުން ކުޑަވާން ފެށުމުން ބޭރުފައިސާއަށް އޮތް ޑިމާންޑު ކުޑަވާން ފަށާނެއެވެ. ސަރުކާރުން ދަރަނި އަދާކުރުމަށް ރައްކާކުރާ ޑޮލަރު މަދުވާން ފެށުމުން ބާޒާރުގައި ދައުރުކުރާ ޑޮލަރު އިތުރުވާނެއެވެ. އަދި ބާޒާރަށް އަލަށް ދިވެހި ރުފިޔާ ނުނެރެ، ޑޮލަރަށް އޮތް ޑިމާންޑު ކުޑަވަމުންދާނަމަ ރުފިޔާ ބާރުގަދަވެ، ޑޮލަރުގެ އަގު ތިރިވާނެއެވެ.
މިހާރުވެސް ކުރިއަށްވުރެ ގިނައިން ޟަރޫރީ ބޭނުންތަކަށް ޑޮލަރު ލިބެއެވެ. އާސަންދައިގެ ދަށުން ބޭސްފަރުވާއަށްދާ މީހުންނަށް ކޮންމެ ބޭންކަކުން 2،000 ޑޮލަރާ ހަމައަށް ގަންނަން ލިބޭނެއެވެ. އެއީ ބީއެމްއެލް އަދި އެމްއައިބީން ގަތުމުން 4،000 ޑޮލަރެވެ. ރާއްޖެއިން ބޭރަށްް ދަތުރުކުރާ ކޮންމެ މީހަކަށް ހޮޓަލުގެ ބުކިންްއާއި ޓިކެޓާއި ހޮސްޕިޓާތަކުން ބިލުތައް ކެނޑުމަށް ކާޑުތަކުން 3،000 ޑޮލަރާ ހަމައަށް ބޭނުންކުރެވޭނެއެވެ. ބޭރުގައި ކިޔަވާ ދަރިވަރުންގެ ކޯސް ފީތަކާއި ގެދޮރުގެ ކުލި ޓީޓީ ހެދުމަށް ބޭނުންވާ ޑޮލަރު އެ ބޭނުންވާ އަދަދަށް ބޭންކުން ދޫކުރާނެއެވެ.
ކުރުކޮށް ހުލާސާކޮށް ދަންނަވާނަމަ ބަޔަކު ގަސްތުގައި ދިވެހި ރުފިޔާގެ އަގު ދަށްކޮށް، ރާއްޖެއަށް ޑޮލަރު ވަނުމާއެކު، ދައުލަތަށް ނަގައި ދަރަނި އަދާކުރުމަށް ބޭނުންކުރަން މަޖުބޫރުވާނެ ގޮތަށް ސިޔާސަތުތައް ހިންގީއެވެ. ގިނަ ދައްޗާއި ތުރާ ތަހައްމަލުކޮށް މިއަދުގެ ސަރުކާރުން އެ ސިޔާސަތުތަކުން އުފަންކުރި ވަޅުގަނޑުން މިންޖުވަނީއެވެ. ފަސް އަހަރުގެ އިހުމާލާއި ނާގާބިލުކަމުން ކޮނުނު އަނދަވަޅުން އަރައިގަންނަން ވަގުތުކޮޅެއް ނެގިނަމަވެސް ހިސާބުތަކުން ފެންނަނީ މިސްރާބު ހުރީ އަނދަވަޅުން އަރައިގަނެ ހަމައިސްކޮޅަށް ތެދުވުމާ ދިމާލަށް ކަމެވެ.