ENGLISH
08 ޖުލައި 2026
އިންޑިޔާގެ ވިޔަފާރިއާ ބެހޭ ވަޒީރާއެކު އެފްޓީއޭއާއި އެއްބާރުލުން އިތުރުކުރާނެ ގޮތްތަކާމެދު ސައީދު މަޝްވަރާކުރައްވައިފި
08 ޖުލައި 2026
|
ވަޒީރު ސައީދު އިންޑިޔާގެ ކޮމާޝަލް އެންޑް އިންޑަސްޓްރިއަލް ވަޒީރާ ބައްދަލުކުރެއްވުން، ފޮޓޯ: އެކްސް
އެންމެ މަޤްބޫލު
އިންޑިޔާގެ ވިޔަފާރިއާއި ސިނާއަތާ ބެހޭ ވަޒީރު ޕިޔުޝް ގޯޔަލްއާ ބައްދަލުކުރައްވައި، ރާއްޖެއާއި އިންޑިޔާގެ މެދުގައި ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި، ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ އިތުރު މަސައްކަތްތަކާމެދު އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މަޝްވަރާކުރައްވައިފިއެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓުގައި ސަޢީދު ވިދާޅުވީ ރާއްޖެއާއި އިންޑިޔާގެ މެދުގައި އިގުތިސާދީ އެއްބާރުލުން އިތުރުކޮށް ހަރުދަނާކުރުމާމެދު ދެ ބޭފުޅުން ކާމިޔާބު އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށްގެންދެވި ކަމަށެވެ.
އެ މަޝްވަރާތަކުގެ ތެރޭގައި، އިންޑިޔާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް މިހާރު ފެށިގެން ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އިތުރަށް ދެ ގައުމުގެ މެދުގައި އިންވެސްޓުމެންޓު މުއާހަދާއެއް ގާއިމުކުރުމާމެދުވެސް މަޝްވަރާކުރެއްވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި ދެ ބޭފުޅުންވަނީ ވިޔަފާރިއާއި އިންވެސްޓުމެންޓާއި، އިގުތިސާދީ ގޮތުން ދެ ގައުމުގެ މެދުގައި އެއްބާރުލުންދިނުން އިތުރުކުރެވޭނެ އައު މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ މި މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިގުތިސާދީ އެއްބާރުލުމާއި، ހިއްސާވަނިވި ކުރިއެރުމުގެ ތެރެއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ގެންގުޅުއްވާ ތަސައްވުރު ރިވެލިވާ މަސައްކަތްތަކެއް ކަމަށެވެ.
ސައީދުވަނީ އިންޑިޔާގެ ވިޔަފާރިއާއި ސިނާއަތާ ބެހޭ ވަޒީރު ބެހެއްޓެވި މެހެމާންދާރީއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ގައުމުގެ ލީޑަރުން ދެ ގައުމުގެ ރަައްޔިތުންނަށް މަންފާވަނިވި އިހުސާސްވާ ނަތީޖާތަކެއް ނެރުއްވުމަށް ކުރައްވާ މަސައްކަތްޕުޅު ހަގީގަތަކަށް ހެއްދެވުމުގައި އެކުގައި މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.