ENGLISH
08 ޖުލައި 2026
9 އަހަރަށްފަހު ކްރޮއޭޝިއާގެ ކޯޗުގެ މަގާމުން ޑަލިޗް ވަކިވެއްޖެ
08 ޖުލައި 2026
|
ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް --- ފޮޓޯ: އޭއެފްޕީ
އެންމެ މަޤްބޫލު
ކްރޮއޭޝިއާގެ ފުޓްބޯޅަ ތާރީޚުގައި އެންމެ ކާމިޔާބު ކޯޗު ޒްލަޓްކޯ ޑަލިޗް، ނުވަ އަހަރަށްފަހު އެ މަގާމުން ވަކިވެއްޖެއެވެ. އޭނާ މަގާމުން ވަކިވެފައިވަނީ ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުގައި ޕޯޗުގަލް އަތުން ބަލިވެ، މުބާރާތުން ކްރޮއޭޝިއާ ކެޓިތާ ހަފުތާއެއްވެސް ނުވަނީހެވެ.
ޑަލިޗްގެ އިރުޝާދުގެ ދަށުން ކްރޮއޭޝިއާއިން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ދެވަނަ އަދި 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕުގެ ތިންވަނަ ހޯދާފައެވެ. ނަމަވެސް މި ފަހަރުގެ މުބާރާތުގެ ދެވަނަ ބުރުން އެ ޓީމު ވަނީ ކަޓާފައެވެ.
"މި ޓީމާ ހަވާލުވިއިރު، ކުޅުންތެރިންގެ ފެންވަރާއި އަހަރެންގެ އަމިއްލަ ނަފުސަށް އިތުބާރު އޮތް. ނަމަވެސް، ފާއިތުވި ނުވަ އަހަރު ތެރޭގައި އަހަރެމެން މި ހޯދި ބޮޑެތި ކާމިޔާބީތައް ހޯދޭނެ ކަމަށް ހުވަފެނުންވެސް ދެކެން ނުކެރުނު،" ޑަލިޗް ބުންޏެވެ.
އޭނާ އިތުރަށް ބުނީ، "ކޮންމެ މޮޅަކަށާއި، ބޮޑެތި މުބާރާތްތަކަށް ކޮލިފައިވުމާއި، ލިބުނު ތިން މެޑެލްގެ އިތުރުން ވޯލްޑް ކަޕުތަކުގައި އިންގްލެންޑާއި ބްރެޒިލް ފަދަ ޓީމުތައް ބަލިކުރި އުފާވެރި ރޭތަކާމެދު ފަޚުރުވެރިވާ މިންވަރު ބަޔާންކޮށްދޭންވެސް ނޭނގެ."
2017 ވަނަ އަހަރު ކޯޗުކަމާ ހަވާލުވި ފަހުން ޑަލިޗް ވަނީ 111 މެޗުގައި ކްރޮއޭޝިއާއަށް އިރުޝާދުދީ، 62 މެޗުން މޮޅުވެފައެވެ. އަދި އޭނާގެ ބެލުމުގެ ދަށުން އެ ޓީމު ވަނީ 2022-23 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގުގެ ދެވަނަވެސް ހޯދާފައެވެ.
ކްރޮއޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ހެޑް ކޯޗު، ތިޔަ ކޮށްދެއްވި ހުރިހާ ކަމަކަށް ޝުކުރު ދަންނަވަން. ހޯއްދަވައިދެއްވި ކާމިޔާބީތަކާއި، މެޑެލްތަކާއި، ޓީމުގެ އެއްބައިވަންތަކަމާއި، ދަނޑުމަތީގައާއި ދަނޑުން ބޭރުގައި ކްރޮއޭޝިއާގެ ހައްގުގައި ތިޔަ ކުރެއްވި އިޚުލާސްތެރި މަސައްކަތަށް އިހުތިރާމް އަދާކުރަން."
މި ފަހަރުގެ ވޯލްޑް ކަޕުގައި އުމުރުން 59 އަހަރުގެ ޑަލިޗްގެ ޓީމު ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް އެލްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި މަރުހަލާގައި އިންގްލެންޑް އަތުން 4-2 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، ޕެނަމާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެ، ގާނާގެ މައްޗަށްވެސް ކުރިހޯދިއެވެ.
ނަމަވެސް، މުބާރާތުން އެ ޓީމު ކެޓީ ޕޯޗުގަލް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވުމުންނެވެ. އެ މެޗަށްފަހު ޑަލިޗް ވަނީ ރެފުރީންގެ ނިންމުންތަކަށް ފާޑުކިޔާފައެވެ. ވަކިން ޚާއްސަކޮށް ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) މެދުވެރިކޮށް ދިން ޕެނަލްޓީއަކާއި، މެޗުގެ ފަހު ވަގުތުކޮޅުގައި ޔޮސްކޯ ގްވާޑިއޯލް ޖެހި ލަނޑު އޮފްސައިޑް ކަމަށް ނިންމި ނިންމުމަށް އޭނާ ފާޑުކިޔެވެ. އެކަމަކު ރެފުރީންގެ ނިންމުންތަކަކީ މުބާރާތުން ކެޓި ސަބަބު ކަމަށް ދައްކަން ބޭނުންނުވާ ކަމަށްވެސް އޭނާ ބުންޏެވެ.
ކްރޮއޭޝިއާގެ ޤައުމީ ޓީމާ ހަވާލުވުމުގެ ކުރިން ޑަލިޗް ވަނީ ސައުދީ އަރަބިއްޔާގެ އަލް-ހިލާލް އަދި ޔޫއޭއީގެ އަލް-އައިން ފަދަ ކްކުލަބުތަކަށް ކޯޗުކަން ކޮށްދީފައެވެ.