ENGLISH
08 ޖުލައި 2026
ޗައިނާގެ ޔުނާން ޕްރޮވިންސުން ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކޮށްފި
08 ޖުލައި 2026
|
ޗައިނާގެ ޔުނާން ޕްރޮވިންސުން ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ޗައިނާގެ ޔުނާން ޕްރޮވިންސުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ.
މާލޭ ޔޫތު ހަބުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ތަކެތި ސަރުކާރާ ހަވާލުކޮށްދެއްވީ ޗައިނާ ސަފީރު ކޮންގ ޝިންހުއާއެވެ. ރާއްޖޭގެ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މި ތަކެއްޗާ ހަވާލުވެވަޑައިގެންނެވިއިރު، މި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ރާއްޖޭގެ ކުޅިވަރާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، ޗައިނާ އެމްބަސީގެ އިސް އޮފިޝަލުންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ޗައިނާގެ ޔުނާން ޕްރޮވިންސުން ރާއްޖެއަށް ހަދިޔާކުރި ކުޅިވަރު ސާމާނު --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
ޗައިނާގެ ޔުނާން ޕްރޮވިންސުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ފުޓްބޯޅަ، ބާސްކެޓްބޯޅަ އަދި ބެޑްމިންޓަން ރެކެޓް ފަދަ ޒުވާނުންގެ މެދުގައި މަގުބޫލު ކުޅިވަރުތަކަށް ބޭނުންވާ ސާމާނު ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ޗައިނާ ސަފީރު ފާހަގަކުރެއްވި ގޮތުގައި މިއީ ފާއިތުވި އެއް އަހަރު ތެރޭގައި ޔުނާން ޕްރޮވިންސުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ދެވަނަ ފަހަރެވެ. މި އެހީއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ރަމްޒެއް ކަމަށާއި، މި ތަކެތި ސްކޫލްތަކާއި އާންމު ކުޅިވަރު މައިދާންތަކުގައި ބޭނުންކުރާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ވަޒީރު ރާފިޢު --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
މި ރަސްމިއްޔާތުގައި ވަޒީރު ރާފިޢު އާއި، ވަޒީރު އިރުތިޝާމް ވަނީ ޗައިނާއިން ދިވެހި ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމަށް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
ޗައިނާގެ ޔުނާން ޕްރޮވިންސުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކުރިއިރު، މި އަހަރުގެ ފެބުރުވަރީ މަހު ރާއްޖެ އާއި ޗައިނާގެ ފުޖިއާން ޕްރޮވިންސާ ދެމެދު ވަނީ ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމާއި ތަމްރީނު ފުރުސަތުތައް އިތުރުކުރުމަށް ފަހުމުނާމާއެއްގައިވެސް ސޮއިކޮށްފައެވެ.