ENGLISH

08 ޖުލައި 2026

Advertisement

ރެފުރީންގެ މައްސަލަ ތަހުގީގުކޮށްދިނުމަށް ފީފާގައި މިސްރުން އެދިއްޖެ

08 ޖުލައި 2026

|

އިސްމާއިލް ޝާހު

މިސްރުގެ ކޯޗު ހުސާމް ހަސަނަށް މެޗުގެ ރެފުރީ ރީނދޫ ކާޑެއް ދައްކަނީ --- ފޮޓޯ: ގެޓީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުން 3-2 ގެ ނަތީޖާއަކުން މިސްރު ބަލިވިއިރު، އެ މެޗުގައި ރެފުރީން ނިންމި ސުވާލު އުފެދޭ ނިންމުންތަކާ ގުޅިގެން މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދިއްޖެއެވެ.

އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ފަހު 11 މިނެޓަށް އެޅުނުއިރު، މިސްރު އޮތީ 2-0 ގެ ނަތީޖާއަކުން ކުރީގައެވެ. ނަމަވެސް މެޗުގެ ފަހުކޮޅު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ މޮޅު ކުޅުމާއެކު އެ ޓީމުން ތިން ލަނޑު ޖަހައި މިސްރު މުބާރާތުން ބޭރުކޮށްލީއެވެ. މި މެޗު ނިމުނު ފަހުން، ރެފުރީން ނިންމި ބައެއް ނިންމުންތަކާ މެދު ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ.

މެޗުގެ އޮއިވަރު ބަދަލުވި ފުރަތަމަ ހާދިސާއަކީ، މިސްރުގެ މުސްތަފާ ޒީކޯ ޖެހި ލަނޑެއް ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ގަބޫލުނުކުރުމަށް ނިންމި ނިންމުމެވެ. ރެފުރީ ފްރޭންސުއާ ލެޓެކްސިއޭ ނިންމީ އެ ލަނޑު ޖެހުމުގެ ކުރިން އާޖެންޓީނާގެ ލިސަންދްރޯ މާޓިނޭޒަށް ފައުލްކޮށްފައިވާ ކަމަށެވެ.

އޭގެ ފަހުން މެޗުގެ ނަތީޖާ އެއްވަރުވެފައި ވަނިކޮށް، އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް މިސްރުގެ މުޙައްމަދު ސަލާހަށް ކުރި ޗެލެންޖަކާ ގުޅިގެން މިސްރުން ޕެނަލްޓީއަކަށް އެދުނެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން، އާޖެންޓީނާ މޮޅުވި ލަނޑު ޖެހުމުގެ ކުރިން އެލެކްސިސް މެކް އެލިސްޓާ މިސްރުގެ ހަމްދީ ފަތީއަށް ފައުލްކުރި ކަމަށްވެސް މިސްރުން ބުނެއެވެ.

މިސްރުން ވަކާލާތު ކުރަނީ، އެ ޤައުމުން ޖެހި ލަނޑު ބަލައިނުގަތުމަށް ނިންމި ހާދިސާގައި ވީއޭއާރް ބަލައި ފައުލް ދިން ނަމަވެސް، އާޖެންޓީނާ މޮޅުވި ލަނޑުގެ ކުރިން ހިނގި ކަންކަން ވީއޭއާރްއިން ބަލާފައިނުވާތީ، ރެފުރީންގެ ނިންމުންތަކުގައި ހަމަހަމަކަމެއް ނެތް ކަމަށެވެ.

މެޗަށްފަހު މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ހާނީ އަބޫ ރިދާ ވަނީ މި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށްދިނުމަށް އެދި ފީފާއަށް ރަސްމީ ޝަކުވާއެއް ހުށަހަޅާފައެވެ. އެ އެސޯސިއޭޝަނުން ބުނާ ގޮތުގައި، ރެފުރީންނަށް ހެދުނު ބޮޑެތި ގޯސްތަކުގެ ސަބަބުން މިސްރު މުބާރާތުން ވަކިވާން ޖެހުމަށް ސީދާ މަގުފަހިވިއެވެ.

މިސްރުން ފާހަގަކޮށްފައިވާ މައިގަނޑު މައްސަލަތަކަކީ:

  • ވީއޭއާރް ބެލުމަށްފަހު މިސްރުގެ ދެވަނަ ލަނޑު ގަބޫލުނުކުރުން.
  • މެޗުގެ ފަހުކޮޅު މިސްރަށް ލިބެންޖެހޭ ޕެނަލްޓީއެއް ނުދިނުން.
  • އާޖެންޓީނާ މޮޅުވި ލަނޑުގެ ކުރިން ސަލާހް އަދި ފަތީއަށް ކުރި ފައުލްތައް ވީއޭއާރްއިން ނުބެލުން.
  • މެޗުގެ މުހިންމު ވަގުތުތަކުގައި ވީއޭއާރް ބޭނުންކުރުމުގައި އުސޫލުތައް ހަމަހަމަކޮށް ހިފަހައްޓާފައި ނުވުން.

މިސްރުގެ އެފްއޭއިން ވަނީ ރެފުރީ އާއި އޭނާގެ އެހީތެރިން އަދި ވީއޭއާރް ޓީމުގެ މައްސަލަ ތަހުގީގުކޮށް، އެ ތަހުގީގު ނިމެންދެން މުބާރާތުގެ ކުރިއަށް ހުރި މެޗުތަކުން އެ އޮފިޝަލުން ދުރުކުރުމަށް ފީފާގެ ކިބައިން އެދިފައެވެ.

އެ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި، އެންމެ ފަހުގެ ޗެމްޕިއަނުންނާ ދެކޮޅަށް މިސްރުގެ ކުޅުންތެރިން ދެއްކި ހިތްވަރުގަދަ ކުޅުމަށް ތައުރީފުކޮށް، އެ ކުޅުންތެރިންނަކީ ބަތަލުންގެ ގޮތުގައި ސިފަކޮށްފައިވެއެވެ. އަދި މެޗުގެ ކުރީކޮޅު ލިބުނު ލީޑު ދަމަހައްޓާ ނުލެވުމުން ސަޕޯޓަރުންގެ ކިބައިން މައާފަށްވެސް އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު