ENGLISH
18 އޭޕްރީލު 2025
އަނިޔާގެ ސަބަބުން ހަލެޕް އަށް އޮސްޓްރޭލިއަން އޯޕަން ގެއްލިއްޖެ
27 ޑިސެމްބަރު 2024
|
ރުމޭނިއާގެ ޓެނިސް ކުޅުންތެރިޔާ، ހަލެޕް. --ފޮޓޯ: ރޮއިޓާސް
އަންނަ މަހު ފަށާ އޮސްޓްރޭލިއަން އޯޕަންގައި އަނިޔާގެ ސަބަބުން ކުރީގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ، ރުމޭނިއާގެ ސިމޯނާ ހަލެޕް އަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.
މި ފަހަރުގެ މުބާރާތުގައި ވައިލްޑްކާޑްގެ ޒަރިއްޔާއިން ފުރުޞަތު ލިބުނު ހަލެޕް ވަނީ، ކަކުލާއި ކޮނޑުހުޅަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން އޮސްޓްރޭލިއަން އޯޕަން ކޮލިފައިންގައި ވާދަނުކުރެވޭނެކަން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ކަށަވަރުކޮށްދީފައެވެ.
މިހާރު އުމުރުން 33 އަހަރުގެ ހަލެޕް ވަނީ، އެންމެ ފަހުން އަބޫދާބީގައި ކުރިއަށްދިޔަ ވޯލްޑް ޓެނިސް ލީގުގެ އެގްޒިބިޝަން އިވެންޓްގައި ވާދަކޮށްފައެވެ.
މީގެކުރިން، ފްރެންޗް އޯޕަން އާއި ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފައިވާ ކުރީގެ އެއްވަނަ ކުޅުންތެރިޔާ، ހަލެޕް އަށް ވަނީ މަނާބޭސް ބޭނުންކުރި މައްސަލައެއްގައި ހަތަރު އަހަރުގެ ސަސްޕެންޝަނެއް އައިސްފައެވެ. އެކަމަކު، ފަހުން ކޯޓް އޮފް އާބިޓްރޭޝަން (ސީއޭއެސް) ގައި އެޕީލްކުރުމުން އެ ސަސްޕެންޝަނުގެ މުއްދަތުވަނީ ނުވަ މަސްދުވަހަށް ކުޑަކޮށްދީފައެވެ.
މި ވަގުތު ދުނިޔޭގެ ރޭންކިންގެ 877 ވަނައިގައި އުޅޭ ހަލެޕް ވަނީ 2018 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ފައިނަލްގައި ކެރޮލައިން ވޮޒްނިއާކީ އަތުން ބަލިވެ، ރަނަރަޕް މަގާމު ލިބިފައެވެ.
އަނިޔާއާ ގުޅޭގޮތުން ހަލެޕް ބުނީ، އަންނަ އަހަރުގެ ފެބުރުއަރީ މަހު އަމިއްލަ ޤައުމު، ރުމޭނިއާގެ ކްލޫޖްގައި ބާއްވާ މުބާރާތަށް އެނބުރި އަންނަން ގަސްދުކުރާ ކަމަށެވެ.
އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކަމަށްވާ، އޮސްޓްރޭލިއަން އޯޕަންގެ ކޮލިފައިންގ ކުރިއަށްދާނީ އަންނަ ޖަނަވަރީ މަހުގެ 6 އިން 9 ގެ ނިޔަލަށެވެ. އެ މުބާރާތުގެ މެއިން އިވެންޓް ފަށާނީ ޖަނަވަރީ 12، 2025 ގައެވެ.