ENGLISH

08 ޖުލައި 2026

Advertisement

ހިމަބިހި ކޮންޓްރޯލް ނުކުރެވޭ ހާލަތެއް ނެތް: ވަޒީރު

08 ޖުލައި 2026

|

އައިމިނަތު ޝަފާ

ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ މއިަދުގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ؛ މަޖިލިސް އިދާރާ.

ހިމަބިއްސަކީ ރާއްޖޭގައި އާދަޔާ ހިލާފަށް ފެތުރެމުންދާ ނޫނީ ބަލި ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން ކަމަށް  ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ. 

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައި ވަޒީރު ވިދާޅުވީ މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުން ހިމަބިހީގެ ކޭސްތައް ފެންނަމުންދާއިރު މާލެ ސަރަހައްދުން ބަލީގެ 100 ކޭސް ފެނިފައިވާކަމަށެވެ. 

ވަޒީރު ވިދާޅުވީ ހިމަބިހި ކޮންޓްރޯލް ނުކުރެވޭ ހާލަތެއް ނެތްކަމަށެވެ. އަދި އެ ބައްޔަކީ ކުރު މުއްދަތެއްގެ ތެރޭގައި ގައިން ގަޔަށް އަރާ ބައްޔަކަށް ވެފައި، ބަލި ފަސޭހަވާން ނަގާ މުއްދަތު ވެސް ކުރުވާނެ ކަމަށް ވިދާޅުވިއެވެ.

ހިމަބިއްސަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ގައިން ގަޔަށް އަރާ ބައްޔަކަށް ވާތީ، އެ ބަލި ފަސޭހަވާން ނަގާ މުއްދަތު ވެސް ވަރަށް ކުރުވާނެ. އެހެންވީމަ މި ބައްޔަކީ މިއަދު އަޅުގަނޑުމެންނަށް އާދަޔާ ހިލާފަށް ފެތުރެމުންދާ ނޫނީ ބަލި ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން،". ވަޒީރު ވިދާޅުވިއެވެ.

ކޮންމެ ބައްޔަކީ ވެސް އެ ބައްޔަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައި، އަދި އެ ބައްޔެއް ކޮންޓްރޯލްކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުން ދާނެ ބައްޔެއް ކަމަށެވެ.

އަހަރުގެ މިހާތަނަށް ހިމަބިހީގެ 121 ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ. ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން 20,000 ޑޯޒްގެ ހިމަބިހި ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ދަނީ ކުރިއަށެވެ.  

މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 5،495 ފަރާތަކަށް ވެކްސިން ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު