ENGLISH
08 ޖުލައި 2026
ވަރުގަދަ ތައުލީމީ ނިޒާމަކަށް މައިންބަފައިންނާއި ސްކޫލްތަކާ ދެމެދު އޮންނަ ގުޅުން ބަދަހިވާންޖެހޭ: ވަޒީރު ޝަފީއު
08 ޖުލައި 2026
|
ތައުލީމާއި، މަތީތައުލީމާއި ހުނަރުތައް ތަރައްްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މަޖިލީހުގެ ޖަލްސާއެއްގައި.
އެންމެ މަޤްބޫލު
ކޮންމެ ކުއްޖެއްގެ ކާމިޔާބީއަށްޓަކައި، އާއިލާތަކާއި ސްކޫލްތައް ގުޅިގެން އެއް އަޒުމެއްގައި މަސައްކަތްކުރާނަމަ، ކުދިން ކުރިއަރައި ދާނެކަމަށާއި އޭރުން ކުދިން ސްކޫލަށް ކިޔަވަންދާ ހިތްވެސްވާނެކަމަށް ތައުލީމާއި، މަތީތައުލީމާއި ހުނަރުތައް ތަރައްްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ސްކޫލަށް ނުދާ ކުދިންގެ ނިސްބަތް އިތުރުވަމުން އަންނާތީ އެކަމާމެދު މުޖުތަމައުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ބަހުސްތައް ހިނގަމުންދާ މި ދަނޑިވަޅުގައި، ވަޒީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުއްޖާގެ ބޮޑުވުމާއި ކުރިއެރުމަށް މައިންބަފައިންނަށްވުރެ ބޮޑު ނުފޫޒެއް ފޯރުވޭނެ އެހެން އެއްވެސް ބަޔަކު ނުވާކަމަށެވެ.
ކުދިންނަށް އެންމެ ރަނގަޅު ކުރިއެރުމެއް ލިބެނީ ލޯތްބާއި، ހިތްވަރާއި، އިރުޝާދާއި އަދި ސާފު ހައްދުތަކެއް ކަނޑައެޅިފައިވާ މާހައުލެއްގައި ބޮޑެތިވުމުންކަމަށް ވަޒީރު ވިދާޅުވިއެވެ.
" މައިންބަފައިން އެކުދިންގެ ތައުލީމަށް ހޭލުންތެރިވެ، އަޅާލާ ކުދިން، ގަވާއިދުން ސްކޫލަށް ދިއުމާއި، ކިޔެވުމުން މަތީ ނަތީޖާ ހާސިލުކުރުމާއި، ރަނގަޅު އަހުލާގެއްގައި ހުރުމުގެ އިތުރުން ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ލިބުމުގެ ފުރުސަތު މާ ބޮޑެވެ،". ވަޒީރު ވިދާޅުވިއެވެ.
ކުދިންނަށް އުނގަންނައިދިނުމާއި، އެކުދިންގެ ކިބައިގައިވާ ހުނަރުތައް ދެނެގަތުމާއި، އަދި މުސްތަގުބަލަށް ތައްޔާރުކޮށްދިނުމުގައި މުދައްރިސުންގެ މުހިންމު ޒިންމާއެއް އޮންނާނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މުދައްރިސުންނަކަށް ކުއްޖާގެ އާއިލާއިންނާއި މައިންބަފައިންގެ ފަރާތުން ލިބެންޖެހޭ އަޅާލުމާއި، އަދަބު އަހުލާގާއި، އޯގާތެރިކަމާއި އަދި ހިތްވަރު ދިނުމުގެ ބަދަލެއް ނުގެނެވޭނެކަމަށެވެ.
"މުދައްރިސަކަށް ދުވާލަކު މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ކުއްޖާއަށް ހިތްވަރު ދެވިދާނެއެވެ. ކުއްޖާގެ ވިސްނުން ތަރައްގީ ކުރެވިދާނެއެވެ. އަދި ކުއްޖާ އިންސްޕައަރ ކުރެވިދާނެއެވެ. ނަމަވެސް ކުއްޖާގެ ދިރިއުޅުމުގެ ވިސްނުމާއި، އަގުތަކާއި، އަދި މުދައްރިސް އާލާކުރި އުންމީދުތައް ބައްޓަންކޮށްދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރެވޭނީ ގޭތެރެއިންނެވެ،". ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ވަރުގަދަ ތައުލީމީ ނިޒާމެއް ބިނާކުރުމަށް މައިންބަފައިންނާއި ސްކޫލްތަކާ ދެމެދު އޮންނަ ތެދުވެރި، ބަދަހި ގުޅުމުގެ މުހިންމުކަން ބޮޑުކަމަށެވެ. ދަރިވަރުންނަށް މިއަދު މައިންބަފައިންނާއި މުދައްރިސުންގެ އެހީތެރިކަން މުހިންމުކަމަށާއި މިއަދު ކުދިންގެ މުސްތަގުބަލަށް ކުރާ އިންވެސްޓްމަންޓަކީ، މާދަމާ ގައުމަށް ލިބޭނެ ވަރުގަދަ، އޯގާތެރި، އަދި ފާގަތި މުސްތަގުބަލެއްކަމަށް ތައުލީމީ ވަޒީރު ވިދާޅުވިއެވެ.
ވޯލްޑްކަޕް ފެށިފަހުން ސްކޫލަށް ނުދާ ކުދިންގެ އަދަދު 8000 އިން މައްޗަށް ގޮސްފައިވާކަން މިފަހުން ހާމަވެފައިވާއިރު ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ 40 އިންސައްތައަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންނެވެ.
މި ދުވަސްވަރު ސްކޫލަށްދާ ކުދިންނާއި ނުދާ ކުދިންގެ އަދަދު ވަކިވަކިން ބަލަމުންދާކަމަށާއި އެކަމަށް ހާއްސަ ޕްލެޓްފޯމެއް ގާއިމްކޮށް މި މަހުން ފެށިގެން މަސައްކަތްތަކެއް ފަށާފައިވާކަން ވަޒީރު މިފަހުން ހާމަކުރެއްވިއެވެ. އަދި އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ވަޒީރު ވިދާޅުވީ އެއްވެސް ސަބަބެއް ނެތި ދަރިވަރުން ސްކޫލަށް ނުގޮސް ތިބުމަށް ދޫކޮށް ނުލައްވާނެކަމަށާއި ސްކޫލުތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކޮށް، ދަރިވަރުން ހާޒިރުނުވާ މައްސަލައިގައި އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް މިހާރު އަންގައިފައިވާކަމަށެވެ.