ENGLISH
08 ޖުލައި 2026
ހުޅުމާލެ ޖަލަށް އިތުރުކުރި ހަތަރު ބްލޮކް މިހަފްތާގައި ހުޅުވަނީ
08 ޖުލައި 2026
|
ހުޅުމާލެ ޖަލުގައި ތަރައްގީކޮށްފައިވާ ޔުނިޓްތައް - ފޮޓޯ: ކަރެކްޝަނަލް ސަރވިސް
އެންމެ މަޤްބޫލު
ހުޅުމާލެ ޖަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އަލަށް ތަރައްގީކުރި ހަ ވަނަ ޔުނިޓުގެ ހަތަރު ސެލް ބްލޮކް، މި ހަފުތާ ތެރޭގައި ހުޅުވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.
މި ބްލޮކްތައް ތަރައްގީކޮށްފައިވަނީ، ކުރީގެ ކޮވިޑް ފެސިލިޓީ ހުރި ބިމުގައި އަލަށް އިމާރާތްކުރި ދެ ފަންގިފިލާގެ އިމާރާތުގައެވެ. ކަރެކްޝަންސްއިން މައުލޫމާތު ދިން ގޮތުގައި މި އިމާރާތް ބޭނުންކުރާނީ، ހުޅުމާލެ ޖަލުގެ ހަ ވަނަ ޔުނިޓުގެ ގޮތުގައެވެ. މި ޔުނިޓަކީ، ހުކުމް ތަންފީޛު ކުރަމުންދާ ގައިދީންގެ ތެރެއިން މާލެ ސަރަހައްދުގައި ފަންނީ މަސައްކަތްތަކުގައި އުޅޭ ގައިދީން ބޭތިއްބުމަށް "ހޯލްޑިންގ ސެލް" ތަކާއެކު ތަރައްގީކޮށްފައިވާ ތަނެއްކަމަށްވެސް ކަރެކްޝަންއިން ބުނެފައިވެއެވެ.
ހުޅުމާލެ ޖަލުގެ ހަ ވަނަ ޔުނިޓުގައި ޖުމްލަ ފަސް ބްލޮކް ހިމެނެއެވެ. އޭގެ ތެރެއިން 16 މީހުންގެ ޖާގަ ހިމެނޭ ފުރަތަމަ ބްލޮކް ވަނީ، މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ހުޅުވާފައެވެ. މި ހަފުތާގައި އަލަށް ހުޅުވާ ހަތަރު ބްލޮކާއެކު، މި ޔުނިޓުން ޖުމްލަ 48 ޖާގަ ޖަލަށް އިތުރުވާނެއެވެ.
ހުޅުމާލެ ޖަލުގައި ތަރައްގީކޮށްފައިވާ ޔުނިޓްތައް - ޕީއެސްއެމް
އައު ޔުނިޓްގެ ގޮޅިތަކުގައި ގައިދީން ނިދުމަށް ބަންކު ބެޑު ބަހައްޓާފައިވާއިރު، އޭސީ އާއި ފަންކާ ވެސް ހަރުކޮށްފައިވެ އެވެ. މީގެ އިތުރުން، މި ޔުނިޓްގައި މެސް ރޫމަކާއި، ނަމާދު ކުރާނެ ކޮޓަރިއަކާއި ލޯންޑްރީއެއް ވެސް ގާއިމްކޮށްފައިވެ އެވެ. މިތަން ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ޖަލުގައި ތިބި މަސައްކަތްތެރި ގައިދީންނާއި ކަރެކްޝަންސްގެ މުވައްޒަފުން ގުޅިގެން ކަމަށްވެސް އެ ހިދުމަތުން ބުނެފައިވެ އެވެ.
ކަރެކްޝަންސްއިން އިތުރަށް ބުނީ، މި މަޝްރޫޢު އެއްކޮށް ނިމުމުން ޖުމްލަ 140 ޖާގަ އިތުރުވާނެ ކަމަށެވެ. މީގެ ސަބަބުން ކޯޓުތަކަށާއި މެޑިކަލް ފަރުވާއަށް މާލެ ގެންނަންޖެހޭ ގައިދީން ބޭތިއްބުމަށް ބޮޑު ލުޔެއް ލިބި، ދަތުރުފަތުރުގެ ޚަރަދުތައް ސަލާމަތް ކުރެވޭނެއެވެ. މިހާރު މި ހިދުމަތް ދިނުމުގައި ދިމާވާ ލޮޖިސްޓިކްސް އަދި މޫސުމީ ގޮންޖެހުންތަކަށް މި އައު ޔުނިޓާއެކު ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ކަރެކްޝަންސް އިން ގަބޫލުކުރެއެވެ.
ރާއްޖޭގައި ދިމާވެފައިވާ ޖަލުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނީ " ވަން ޕްރިޒަން ކޮންސެޕްޓް" ގެ ދަށުންކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. ސަރުކާރުގެ އަމާޒަކީ، މިދައުރުގެ ތެރޭގައި 500 އެނދު އިތުރުކުރުން ކަމަށް ކަރެކްޝަނަލް ސާރވިސްއިން ބުންޏެވެ. ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ ސިޔާސަތުގެ ދަށުން، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ޖަލުތަކުގެ ކެޕޭސިޓީއަށް ޖުމްލަ 400 ޖާގަ އިތުރުކޮށްފައިވެ އެވެ.