ENGLISH

08 ޖުލައި 2026

Advertisement

ފީފާއިން ބޭނުންވަނީ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ މޮޅުކޮށްދޭން: މިސްރު ކޯޗު

08 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މިސްރުގެ ކޯޗު ހުސާމް ހަސަން --- ފޮޓޯ: ގެޓީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި މިރޭ އާޖެންޓީނާ އަތުން ބަލިވެ، މުބާރާތުން ވަކިވާން ޖެހުމާ ގުޅިގެން، މިސްރުގެ ކޯޗު ހުސާމް ހަސަން ރެފުރީންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބުނީ، މުބާރާތުގެ ބާކީ ހުރި އެއްވެސް މެޗެއް ދެން އޭނާ ނުބަލާނެ ކަމަށެވެ.

އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ފަހު 11 މިނެޓަށް އެޅުނުއިރު، މިސްރު އޮތީ 2-0 ގެ ނަތީޖާއަކުން ކުރީގައެވެ. ނަމަވެސް މެޗުގެ ފަހުކޮޅު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ މޮޅު ކުޅުމާއެކު އެ ޓީމުން ތިން ލަނޑު ޖަހައި މިސްރު މުބާރާތުން ބޭރުކޮށްލީއެވެ. މި ނަތީޖާއާ ގުޅިގެން ކޯޗު ހަސަން ބުނީ، މިއީ "ރޭވުންތެރިކަމާއެކު އަތުލައިގަނެފައިވާ މެޗެއް" ކަމަށާއި، އޭނާގެ ޓީމަށް ނުހައްގުން އަނިޔާވެރިވެފައިވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ބުނީ، "މިއީ ހަމައެކަނި ނަސީބު ދެރަވުން ކަމަށް ބުނެ އަހަރެން މިކަން އޮއްބައެއް ނުލާނަން. މިއަދު އަހަރެމެންނަށް ވަނީ ވަރަށް ބޮޑަށް ބޭއިންސާފުން މަކަރު ހަދާފައި. މިއީ ސާފުކޮށް ރޭވިގެން ކުރިއަށްދިޔަ ކަމެއް، މުޅި ދުނިޔެއަށްވެސް އެމަންޒަރު ފެންނާނެ. އާޖެންޓީނާ މޮޅުކޮށްދޭން އެހާ ބޮޑަށް ބޭނުންވާނަމަ، އެހެން ހުރިހާ ޓީމުތަކަށް ދައުވަތު ދީގެން މި މުބާރާތް ކުޅުވުމުގެ ބޭނުމަކީ ކޮބައިތަ؟"

މެޗުގެ 62 ވަނަ މިނެޓުގައި މުސްތަފާ ޒީކޯ ޖެހި ލަނޑު ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ބެލުމަށްފަހު ރެފުރީ ބާތިލުކުރީ، އެ ލަނޑު ޖެހުމުގެ ކުރިން އާޖެންޓީނާގެ ލިސަންދްރޯ މާޓީނޭޒަށް މިސްރުގެ މަރުވަން އަޓިއާ ފައުލްކޮށްފައިވާ ކަމަށް ނިންމުމަށްފަހުއެވެ. މީގެ އިތުރުން ހަމްދީ ފަތުހީއަށް ކުރި ފައުލަކަށް ޕެނަލްޓީއެއް ހޯދުމަށް މިސްރުގެ ކުޅުންތެރިން ވަރަށް ބޮޑަށް އެޕީލްކުރިއެވެ. ނަމަވެސް އެ ޕެނަލްޓީ ނުދިނުމާއި، އޭގެ ކުޑައިރުކޮޅެއް ފަހުން މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި އާޖެންޓީނާއިން ލަނޑު ޖަހައި މެޗުން މޮޅުވުމުން، މިސްރުގެ ޓީމުގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

"އަހަރެމެންނަށް ފެނުނީ އިންސާފެއް ނެތް ކުޅުމެއް. ޕެނަލްޓީއެއް ދޭންޖެހޭ ހާލަތެއްގައި އެކަން ބަލައެއް ނުލި. އަދި އަހަރެމެން ޖެހި ދެވަނަ ލަނޑުވެސް ބާތިލުކުރީ އެއްވެސް އިންސާފެއް ނެތި،" ހަސަން ބުންޏެވެ.

މެޗުގެ ކުރީކޮޅު އާޖެންޓީނާއަށް ލިބުނު ޕެނަލްޓީއެއް މިސްރުގެ ގޯލްކީޕަރު މުސްތަފާ ޝުބައިރު ވަނީ ދިފާއުކޮށްފައެވެ. ހުސާމް ހަސަން ބުނި ގޮތުގައި، ކުޅުންތެރިންނަށް ހެދޭ ގޯސްތަކަށްވުރެ ބޮޑު ގޯހަކީ އިންސާފު ގާއިމުކުރަން ތިބޭ ފަރާތްތަކުން އިންސާފުވެރި ނުވުމެވެ.

"އަހަރެން މިއީ ބަލިވުން ގަބޫލުކުރާ މީހެއް ނޫން. ޚާއްސަކޮށް މިފަދަ ބޭއިންސާފު ގޮތަކަށް ބަލިވުމުން ވަރަށް ބޮޑަށް ހިތާމަކުރަން. އަހަރެން މިއަދު ގެއަށް ގޮސް ދެން މި މުބާރާތުގެ އެއްވެސް މެޗެއް ނުބަލާނަން،" އޭނާ އިތުރަށް ބުންޏެވެ.

މިސްރުން މި މެޗުގައި ކުޅުނު ހިތްވަރުގަދަ ކުޅުމަށް ކޯޗު ވަނީ ތައުރީފުކޮށްފައެވެ. އޭނާ ފާހަގަކުރި ގޮތުގައި، މިސްރު ޓީމުގެ ގިނަ ކުޅުންތެރިންނަކީ އެ ޤައުމުގެ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. ނަމަވެސް، މުޙައްމަދު ސަލާހާއި، އުމަރު މާމޫޝް ފަދަ ޔޫރަޕުގައި ކުޅޭ މަދު ކުޅުންތެރިންނާއެކުވެސް، ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތަކާ އެއްވަރަށް މިސްރުން ވާދަކުރި ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު