ENGLISH

08 ޖުލައި 2026

Advertisement

މެސީގެ އެހީއާއެކު ފަހު ވަގުތު މިސްރު ބަލިކޮށް، ޗެމްޕިއަން އާޖެންޓީނާ ކުއާޓާއަށް

07 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި މިސްރު ކޮޅަށް ލަނޑު ޖެހުމަށްފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ ބުރުގައި މިސްރާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުގައި، ދެ ލަނޑުން ފަހަތުގައި އޮއްވައި 3-2 ގެ ނަތީޖާއަކުން މޮޅުވެ، އާޖެންޓީނާއަށް ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިދިނުމުގައި ލިއޮނެލް މެސީ އިސްދައުރެއް އަދާކޮށްފިއެވެ.

މެޗު ނިމެން 11 މިނިޓަށް ވިއިރު، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އޮތީ 2-0 ގެ ނަތީޖާއަކުން ބަލިވެ، މުބާރާތުން ވަކިވާންޖެހިދާނެ ފަދަ ނުރައްކަލެއްގައެވެ. ނަމަވެސް ކްރިސްޓިއަން ރޮމޭރޯ އާއި މެސީ ކާމިޔާބުކުރި ލަނޑުތަކާއެކު ނަތީޖާ ހަމަހަމަވިއެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެންޒޯ ފެނާންޑޭޒް ޖަހައިދިން ލަނޑާއެކު އާޖެންޓީނާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއެވެ.

މިސްރުން މެޗުގެ ކުރީކޮޅު ލީޑު ނެގީ ޔާސިރު އިބްރާހިމް އާއި މުސަތަފާ ޒީކޯ ކާމިޔާބުކުރި ލަނޑުތަކުންނެވެ. މެޗުގެ ކުރީކޮޅު މެސީ ފޮނުވާލި ޕެނަލްޓީއެއް މިސްރުގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ. ނަމަވެސް މެޗުގެ ފަހުބައިގައި އާޖެންޓީނާގެ ކެޕްޓަން ދެއްކި މޮޅު ކުޅުމާއެކު މުޅި މެޗުގެ ނަތީޖާ ބަދަލުކޮށްލިއެވެ.

ވޯލްޑް ކަޕުގައި އާޖެންޓީނާ ކޮޅަށް ލަނޑު ޖެހުމަށްފަހު މިސްރުގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

އުމުރުން 39 އަހަރުގެ މެސީ ވޯލްޑް ކަޕުގައި މިހާތަނަށް ޖެހި ލަނޑުގެ އަދަދު 21 އަށް އަރާފައިވާއިރު، މިސްރާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ކާމިޔާބުކުރީ މި އަހަރުގެ ވޯލްޑް ކަޕުގެ އަށްވަނަ ލަނޑެވެ. އެއާއެކު އޭނާ މިހާރު އޮތީ މި ފަހަރުގެ ވޯލްޑް ކަޕުގެ ރަން ބޫޓުގެ ވާދަވެރި ރޭހުގެ ކުރީގައެވެ. އަދި މި މެޗުގައި ޖެހި ލަނޑާއެކު، 2022 ވަނަ އަހަރު އާޖެންޓީނާއިން ވޯލްޑް ކަޕް ކާމިޔާބުކުރި މުބާރާތުން ފެށިގެން މެސީ މިހާރު ވަނީ ވޯލްޑް ކަޕުގެ ޖެހިޖެހިގެން ނުވަ މެޗުގައި ލަނޑު ޖަހައި، އައު ރިކޯޑެއް ގާއިމުކޮށްފައެވެ.

މި މެޗު ނިމުމާއެކު އުފަލުން ރޮވުނު މެސީއަކީ އާޖެންޓީނާގެ ފުރަތަމަ ލަނޑު ޖެހުމަށް ރޮމޭރޯއަށް ހުރަސް ނަގައިދިން ކުޅުންތެރިޔާއެވެ. އޭގެ ހަތަރު މިނެޓު ފަހުން ލައުޓާރޯ މާޓިނޭޒް އާއި ގޮންޒާލޯ މޮންޓިއެލް އުފެއްދި ފުރުސަތެއްގައި މެސީ ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ވޯލްޑް ކަޕުގައި އާޖެންޓީނާ އާއި މިސްރު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

އާޖެންޓީނާ މޮޅުވި ލަނޑު ޖެހީ ކައުންޓަރ އެޓޭކެއްގައި މާޓިނޭޒް ނަގައިދިން ހުރަހަކުން، ބޮލުން ފޮނުވާލި ބޯޅައަކުން ފެނާންޑޭޒްއެވެ. މި ލަނޑު ޖެހުމުގެ ކުރިން މިސްރުގެ ކުޅުންތެރިން ޕެނަލްޓީއަކަށް އެދި ވަރަށް ބޮޑަށް އިހުތިޖާޖުކުރި ނަމަވެސް، ރެފުރީ އެކަމަށް އިޖާބައެއް ނުދެއެވެ.

މިސްރުން މެޗު ފެށީ ވަރަށް ވަރުގަދަ އަދި ކުރިއަށް ޖެހިގެން ކުޅޭ ގޮތަކަށެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި މަރުވާން އަތިއްޔާ ނަގައިދިން ހުރަހަކުން އިބްރާހީމް ވަނީ ބޮލުން ލަނޑެއް ޖަހައި މިސްރަށް ލީޑު ހޯދައިދީފައެވެ. އޭގެ ހަތަރު މިނިޓު ފަހުން އާޖެންޓީނާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، މެސީ ފޮނުވާލި ބޯޅަ މިސްރުގެ ކީޕަރު މުސްތަފާ ޝުބައިރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕުގައި މެސީ އަތުން ނާކާމިޔާބުވި ދެވަނަ ޕެނަލްޓީއެވެ.

މިސްރުގެ ކީޕަރު ޝުބައިރު ވަނީ މުޅި މެޗުގައިވެސް ހައިރާންކުރުވަނިވި ގިނަ ސޭވްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި އެލެކްސިސް މެކް އެލިސްޓާ އާއި ހޫލިއަން އަލްވަރޭޒް ފޮނުވާލި ނުރައްކާތެރި ބޯޅަތައް ހިމެނެއެވެ. މީގެ އިތުރުން މެސީ ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ.

ވޯލްޑް ކަޕުގައި މިސްރު ކޮޅަށް ލަނޑު ޖެހުމަށްފަހު އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް

މެޗުގެ 62 ވަނަ މިނިޓުގައި ކެޕްޓަން މުޙައްމަދު ސަލާހުގެ އެހީތެރިކަމާއެކު ޒީކޯ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު އެ ލަނޑު ގަބޫލުކޮށްފައެއް ނުވެއެވެ. އެއީ ލަނޑު ޖެހުމުގެ ކުރިން އާޖެންޓީނާގެ ލިސަންދްރޯ މާޓީނޭޒަށް މިސްރުގެ މަރުވަން އަޓިއާ ފައުލެއް ކޮށްފައިވާތީއެވެ. ނަމަވެސް އޭގެ ފަސް މިނިޓު ފަހުން ޒީކޯ ވަނީ އިތުރު ލަނޑެއް ޖަހައި މިސްރުގެ ލީޑު ފުޅާކޮށްފައެވެ. އެކަމަކު މިސްރުން މާބޮޑަށް ފަހަތަށް ޖެހިގެން ކުޅެން ފެށުމުން، މެސީގެ ހުޝިޔާރުކަމާއެކު އާޖެންޓީނާ ވަނީ މެޗު އަނބުރާލާފައެވެ.

މި ކާމިޔާބީއާއެކު އާޖެންޓީނާ ދެން ބައްދަލުކުރާނީ އެމެރިކާގެ ކެންސަސް ސިޓީގައި އަންނަ އާދީއްތަ ދުވަހު ކުޅޭ ކުއާޓާ ފައިނަލް މެޗުގައެވެ. އެ މެޗު އާޖެންޓީނާ ވާދަކުރާނީ ގަދަ 16 ގައި ކޮލަމްބިއާ އާއި ސްވިޒަލެންޑް މިރޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ކިޔުންތެރިންގެ ހިޔާލު