ENGLISH
08 ޖުލައި 2026
އައިއޯސީން ރަޝިއާގެ ސަސްޕެންޝަން އުވާލައިފި
08 ޖުލައި 2026
|
އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ ދިދައާއެކު ރަޝިއާގެ ދިދަ --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ރަޝިއާގެ އޮލިމްޕިކް ކޮމިޓީއަށް ކުރިން ދީފައިވާ ސަސްޕެންޝަނުގެ ބައެއް އުވާލައިފިއެވެ. މިއީ 2028 ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖެލިސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްގެ ކުރިން، ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނަށް ރަޝިއާ އަލުން ރުޖޫއަވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާއިން ޔޫކްރެއިނަށް އަރައިގަތުމާ ގުޅިގެން، ރަޝިއާގެ އޮލިމްޕިކް ކޮމިޓީ ސަސްޕެންޑް ކުރީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.
އައިއޯސީން ބުނި ގޮތުގައި، އެ އިދާރާގެ އެގްޒެކެޓިވް ބޯޑުން މިހާރު ވަނީ އެ ސަސްޕެންޝަން އުވާލަން ނިންމާފައެވެ. މީގެ ސަބަބުން 2028 ވަނަ އަހަރުގެ އޮލިމްޕިކް ކޮލިފައިން ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ރަޝިއާގެ އެތުލީޓުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ނަމަވެސް، މުބާރާތްތަކުގައި ރަޝިއާގެ ދިދަ އާއި ކުލަތައް ބޭނުންކުރުމާއި، އެ ގައުމުގެ ޤައުމީ ސަލާން ކުޅުމުގެ ހުއްދަ ދިނުމާ މެދު އަދި ވަކި ގޮތެއް ނުނިންމައެވެ.
"އަޅުގަނޑުމެން އެއްވެސް ހަނގުރާމައަކަށް ތާއީދެއް ނުކުރަން. ޔޫކްރެއިނަށް ދެމުންދާ އެހީތެރިކަން ކުރިއަށް އޮތް ތަނުގައިވެސް ދޭނަން. ނަމަވެސް، ސަރުކާރުތަކުން ކުރާ ކަންކަމުގެ އަގު އެތުލީޓުން އަދާކުރަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އައިއޯސީގެ މެންބަރު ކާސްޓީ ކޮވެންޓްރީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.
މި ނިންމުމަކީ ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނަށް ރަޝިއާ އަނބުރާ ގެނައުމަށް އައިއޯސީން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު ފިޔަވަޅެކެވެ. މީގެ ކުރިން މިދިޔަ ޑިސެމްބަރު މަހުވެސް އައިއޯސީން ވަނީ ރަޝިއާ އަދި ބެލަރޫސްގެ ޒުވާން އެތުލީޓުންނަށް ފުރުސަތު ދިނުމަށް އެދިފައެވެ.
ރަޝިއާގެ ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި، މި ނިންމުމަކީ ރަޝިއާގެ އެތުލީޓުން ބައިނަލްއަގުވާމީ މައިދާނަށް ފުރިހަމައަށް ރުޖޫއަވުމަށް ހުޅުވިގެންދިޔަ މަގެކެވެ. އަދި މިއީ ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުން ރަޝިއާގެ އެތުލީޓުން ބަލައިގަތުމަށް ދެވުނު ފެހި ސިގްނަލެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ނަމަވެސް، މި ނިންމުމަށް ޔޫކްރެއިނުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ޔޫކްރެއިންގެ ފޮރިން މިނިސްޓްރީން ބުނީ މިއީ ކަންބޮޑުވާންޖެހޭ ނިންމުމެއް ކަމަށާއި، މުބާރާތްތައް ބާއްވާ ޤައުމުތަކުން ރަޝިއާގެ ރަމްޒުތައް ބޭނުންކުރުން މަނާކުރުމަށް ވަނީ ގޮވާލާފައެވެ. އަދި ބައެއް އެތުލީޓުންނާއި ޖަމުއިއްޔާތަކުން ވަނީ މިއީ އޮލިމްޕިކްސްގެ އުސޫލުތަކާ ޚިލާފު، ލަދުވެތި ނިންމުމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އައިއޯސީގެ ނިންމުމާއެކުވެސް، ރަޝިއާގެ ހުރިހާ އެތުލީޓުންނަށް ހުރިހާ ކުޅިވަރެއްގައި ބައިވެރިވުމުގެ ފުރުސަތު ވަގުތުން ލިބިގެން ނުދާނެއެވެ. ސަބަބަކީ ބައެއް ކުޅިވަރު ފެޑެރޭޝަންތަކުން އަދިވެސް ރަޝިއާ ސަސްޕެންޑް ކޮށްފައިވާތީއެވެ. މިސާލަކަށް ވޯލްޑް އެތުލެޓިކްސްއިން ވަނީ ރަޝިއާގެ އެތުލީޓުން ބައިވެރިކުރުން މަނާކޮށްފައި އޮތް އޮތުން ދަމަހައްޓާފައެވެ. އެކަމަކު ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާއިން ރަޝިއާއަށް ދީފައިވާ ސަސްޕެންޝަން އުވާލުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ރަޝިއާގެ ސަސްޕެންޝަން އުވާލިއިރު، އޯއައިސީން މިދިޔަ މެއި މަހު ވަނީ ބެލަރޫސަށް ދީފައި އޮތް ސަސްޕެންޝަންވެސް އުވާލާފައެވެ. ރަޝިއާއިން ޔޫކްރެއިނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން އެ ފަހަރު ބެލަރޫސް ސަސްޕެންޑް ކުރީ، ރަޝިއާއަށް އެ ހަނގުރާމައިގައި ސަޕޯޓު ދޭތީ ކަމަށް ބުނެއެވެ.