ENGLISH

08 ޖުލައި 2026

Advertisement

ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން، ބެލްޖިއަމްގެ އޮނާނާއަށް ވޯލްޑް ކަޕުގައި ދެން ނުކުޅެވޭނެ

08 ޖުލައި 2026

|

އިސްމާއިލް ޝާހު

އެމެރިކާ އަތުން ބެލްޖިއަމް މޮޅުވި މެޗުގައި މިޑްފީލްޑަރު އަމަދޫ އޮނާނާގެ ކަކުލަށް އަނިޔާވެގެން ދަނޑު މައްޗަށް ވެއްޓިފައި --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ރޭ އެމެރިކާ އަތުން ބެލްޖިއަމް މޮޅުވި މެޗުގައި، އެ ޓީމުގެ މިޑްފީލްޑަރު އަމަދޫ އޮނާނާގެ ކަކުލުގެ ލިގަމެންޓަށް ބޮޑު އަނިޔާއެއް ލިބިފައިވާކަން އެ ޓީމުން ކަށަވަރުކޮށްދީފިއެވެ.

މި އަނިޔާއާ ގުޅިގެން ގިނަ ދުވަސްތަކަކަށް އޮނާނާ ކުޅުމާ ދުރަށް ދާން ޖެހޭނެއެވެ. އެހެންކަމުން މި ފަހަރުގެ މުބާރާތުގައި އޭނާ ދެން ނުފެންނާނެއެވެ.

ބެލްޖިއަމް ޓީމުގެ ޑޮކްޓަރު ބްރަހީމް ހަސީން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މެޑިކަލް ޓެސްޓުތަކުން ދައްކާ ގޮތުގައި އޮނާނާގެ ކަކުލުގެ ލިގަމެންޓް ވަނީ އިރައިގެން ގޮސްފައެވެ. މިއީ އޭނާގެ ކެރިއަރަށާއި މުޅި ޓީމަށްވެސް ލިބުނު ވަރަށް ހިތާމަވެރި ޚަބަރެއްކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، އޮނާނާ ކުޅެމުންދާ ކުލަބު ކަމަށްވާ އެސްޓަން ވިލާއާ މަޝްވަރާ ކުރުމަށްފަހު، އަންނަ ހުކުރު ދުވަހު ސްޕެއިނާ ދެކޮޅަށް ކުޅޭ ކުއާޓާ ފައިނަލް މެޗުގެ ނިޔަލަށް އޭނާ ބެލްޖިއަމް ސްކޮޑާއެކު މަޑުކުރާނެ ކަމަށެވެ.

އެމެރިކާ އަތުން 4-1 ގެ ނަތީޖާއަކުން ބެލްޖިއަމް މޮޅުވި މެޗުގެ 21 ވަނަ މިނެޓުގައި އޮނާނާ ބަދަލުކުރަން ޖެހުނީ، ކުޅުމުގެ ތެރޭގައި ދަނޑުމައްޗަށް ވެއްޓުނު ގޮތަކުން ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. ނަމަވެސް މެޗު ނިމުމުން އޭނާ ވަނީ އަސާގަނޑުގެ އެހީގައި ދަނޑުމައްޗަށް ނުކުމެ، ޓީމުގެ ކާމިޔާބީ ފާހަގަކުރުމުގައި ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު