ENGLISH
08 ޖުލައި 2026
ކްލަބް މޯލްޑިވްސް ކަޕް: އެމްޕީއެލް، ސްޓެލްކޯ، ބީއެމްއެލް އަދި އެމްއޭސީއެލް ކުއާޓާއަށް
08 ޖުލައި 2026
|
ކްލަބް މޯލްޑިވްސް ކަޕުގައި އެމްޕީއެލް އާއި ޕޮލިސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް 2026 ގެ ކުއާޓާ ފައިނަލަށް އެމްޕީއެލް، ސްޓެލްކޯ ރެކްރިއޭޝަން ކުލަބު، ޔުނައިޓެޑް ބީއެމްއެލް އަދި ޓީމު އެމްއޭސީއެލް މޮޅުވެއްޖެއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްކޮށްފައިވާ މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕުގައި 17 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ، ބީ އަދި ސީގައި ހަތަރު ޓީމު ހިމެނެއެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ ފަސް ޓީމެވެ.
ކްލަބް މޯލްޑިވްސް ކަޕުގައި ސްޓެލްކޯ އާއި ޓީޓީއެސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ކުއާޓާގެ ޖާގައެއް އެމްޕީއެލްއިން ހޯދީ ރޭ ކުޅުނު ގްރޫޕް އޭގެ މެޗުގައި ޕޮލިސް ކުލަބު އަތުން 7-3 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި ގްރޫޕުގެ އަނެއް މެޗުން ސްޓެލްކޯ ވަނީ 8-5 ގެ ނަތީޖާއަކުން ކުލަބު ޓީޓީއެސް ބަލިކޮށްފައެވެ.
މި ނަތީޖާތަކާއެކު ގްރޫޕް އޭގެ އެއްވަނަ ހޯދި އެމްޕީއެލް އާއި، ދެވަނައަށް ދިޔަ ސްޓެލްކޯއަށް ހަތް ޕޮއިންޓް ލިބުނުއިރު، އެމްޕީއެލްއަށް ކުރި ލިބުނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ތިންވަނައަށް ދިޔަ ޓީޓީއެސްއަށް ތިން ޕޮއިންޓް ލިބުނުއިރު، ފުލަށްދިޔަ ޕޮލިސް ކުލަބަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ކްލަބް މޯލްޑިވްސް ކަޕުގައި ބީއެމްއެލް އާއި ފެނަކަ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މި މުބާރާތުގެ ގްރޫޕް ބީން ކުއާޓާގެ ޖާގައެއް ބީއެމްއެލްއިން ހޯދީ ރޭ ކުޅުނު މެޗުގައި ޓީމު ފެނަކަ އަތުން 8-3 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ކަސްޓަމްސް ރެކްރިއޭޝަން ކުލަބުން ވަނީ 5-4 ގެ ނަތީޖާއަކުން އެމްއޭސީއެލް ބަލިކޮށްފައެވެ.
ކްލަބް މޯލްޑިވްސް ކަޕުގައި އެމްއޭސީއެލް އާއި ކަސްޓަމްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މި ނަތީޖާތަކާއެކު ގްރޫޕް ބީގެ އެއްވަނަ ހޯދި ބީއެމްއެލް އާއި، ދެވަނައަށް ދިޔަ އެމްއޭސީއެލް، އަދި ތިންވަނައިގައި ނިންމި ކަސްޓަމްސްއަށް ހަ ޕޮއިންޓް ލިބުނުއިރު، ކުއާޓާގެ ޖާގަ ކަސްޓަމްސްއަށް ގެއްލުނީ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕުގެ ފުލަށްދިޔަ ފެނަކައަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހު މެޗުތައް މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ.