ENGLISH
07 ޖުލައި 2026
ރާއްޖެފަދަ ގައުމަކަށް އޭއައިއަކީ ޝަރަފެއް ނޫން، އެއީ މައްސަލަތައް ހައްލުކުރުމުގެ އާލަތެއް: އިހުސާން
07 ޖުލައި 2026
|
އދ.ގެ ގްލޯބަލް އޭއައި ގަވަނެންސް ޑައިލޮގުގައި ވަޒީރު އަލީ އިހުސާނު ތަގުރީރުކުރައްވަނީ، ފޮޓޯ: ދާހިލީ ސަލާމަތާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ރާއްޖެފަދަ ގައުމުތަކަށް އޭއައިއަކީ ޝަރަފު ހާސިލުކުރުމުގެ ރޭހެއް ނޫންކަމަށާއި، އެއީ ގައުމީ މައްސަލަތައް ހައްލުކުރުމުގެ އާލަތެއްކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ގްލޯބަލް އޭއައި ގަވަނެންސް ޑައިލޮގުގައި ކުރިއަށްގެންދިޔަ ސަރުކާރުތަކުގެ މަތީ ފަންތީގެ ޕްލެނަރީ ސެގްމެންޓުގައި ދެއްވި ތަގުރީރުގައި ވަޒީރު އިހުސާނު ވިދާޅުވީ ބައިލައްކައަށްވުރެ ކުޑަ އާބާދީއެއް އޮތް، ޖަޒީރާތަކަށް ބެހިގެންވާ، ބިޔަ ކަނޑެއްގެ މެދުގައި އޮންނަ ރާއްޖެއަކީ ޓެކްނޮލޮޖީގެ މެޕުގައި އެއްފަރާތްކޮށްލަން ފަސޭހަ ގައުމަކަށްވެދާނެ ކަމަށެވެ. ނަމަވެސް އދ.ގެ ބައްދަލުވުމަށް ރާއްޖޭގެ ވަފުދު ވަޑައިގަތީ ހަވާސާގައި ތިއްބެވުމަށް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިތަނުގައި މިތިބީ މިފަދަ ކޮޓަރިތަކުގައި ކުރެވޭ މަޝްވަރާތަކުގެ މައްޗަށް ފަރުމާކުރެވެމުންދާ މުސްތަގުބަލަކީ، އަޅުގަނޑުމެންގެ ގައުމު ފަދަ ގައުމުތަކަށް އެ މުސްތަގުބަލުގެ މަންފާ ލިބޭ މިންވަރުގެ މައްޗަށް އެ މުސްތަގުބަލާމެދު ގޮތް ކަނޑައެޅޭނެ މުސްތަގުބަލަކަށްްވާތީ.،" އިހުސާން ވިދާޅުވިއެވެ.
ރާއްޖެފަދަ ގައުމުތަކަށް އޭއައިއަކީ ޝަރަފު ހޯދުމަށް ދުވާ ރޭހެއް ނޫންކަމަށާއި، އެއީ ގައުމީ މައްސަލަތައް ހައްލުކުރުމަށް ބޭނުންކުރެވޭ އާލަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އިހުސާނު ވިދާޅުވި ގޮތުގައި ރާއްޖެ ފަދަ ގައުމުތަކަށް އޭއައިގެ އަގު ބިނާވަނީ އެއިން ރައްޔިތުންނަށް މިހާރަށްވުރެ ހިދުމަތް ފޯރުކޮށްދީ، މިހާރަށްވުރެ އަދުލުވެރިކޮަށް ފުރުސަތު ފަހިކޮށްދެވޭ މިންވަރެއްގެ މައްޗަށެވެ. އަދި އެތައްހާސް ރަށެއްގެ މައްޗަށް އާބާދީ ބެހިފައި އޮންނަ ރާއްޖެއަށް އޭއައިގެ އެންމެ ބޮޑު ފައިދާއަކަށްވާންވާނީ، ރައްޔިތަކަށް ލިބޭ ހިދުމަތުގެ ފެންވަރު އެމީހަކު ދިރިއުޅޭ ތަނަކާއި ވެރިރަށާ ދެމެދުގައި އޮންނަ ދުރުމިނަށް ބަރޯސާނުވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިހުސާނު އިތުރަށް ވިދާޅުވީ މޯލްޑިވްސް-2.0 މަގުޗާޓުގައި ފުޅާ ބަދަލުތަކެއްގެ ތެރެއިން އެއް ފަށަލައިގެ ގޮތުގައި އޭއައި ހިމަނާފައި އޮތީ އެ ސަބަބަށްޓަކައެވެ. އާއްމު ޑިޖިޓަލް ބިނާރާއި، އިތުބާރުކުރެވޭ ޑޭޓާއާއި، ސައިބާ މާހައުލުގެ ރައްކާތެރިކަމާއި، ސާފު ޖަވާބުދާރީކުރުވުމަީ އެ މައްޗަށް އެ ބަދަލު ބިނާވާ ކަންކަން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި ޝާމިލުކަން ފެށެނީ މި އަސާސްތަކުގެ މަތީގައި. މި އަސާސްތަކާ ނުލައި އޭއައިވާނީ ނަހަމަކަން މަދުކުރުމުގެ ބަދަލުގައި އިތުރުކުރާ އެއްޗަކަށް. އެއިރުން ހުރިހާ ފައިދާއެއް ޖަމާވާނީ މިހާރުވެސް ގާބިލު މުއައްސަސާތަކަށް، އަދި އެހެން މުއައްސަސާތައް ބޭކާރުވާނެ،" ވަޒީރު ވިދާޅުވިއެވެ.
އަދި އެންމެނަށް އޭއައިގެ ވާހަކަދައްކާއިރު، އެއިބާރާތުގެ މުރާދާމެދު ތެދުވެރިވުން މުހިއްމުކަން ފާހަގަކުރައްވައި އިހުސާނު ވިދާޅުވީ އެބަހުގެ މާނައަކަށްވާންޖެހޭނީ ވިއްސިވިހާލިވެފައި ނުވާ ޑިޖިޓަލް ބިންގާތަކާއި، އިތުބާރާއެކު އޭއައި ހިންގޭނެ މުއައްސަސާތަކާއި، މުޅި ސަރުކާރުގެ ގާބިލުކަން އިތުރުވުން ކަމަށެވެ.
ރާއްޖެއިން މި އަސާސްތައް އަމަލީ ގޮތުން ތަންފީޒުކުރަމުންދާކަމުގެ މިސާލުތަކެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ ޔުނެސްކޯއާ ގުޅިގެން ފުރަތަމަ ފަހަރަށް ދެކުނު އޭޝިޔާގެ ގައުމެއްގައި އޭއައިއަށް ތައްޔާރުވެފައިވާ މިންވަރު ވަޒަންކުރި ގައުމަކީ ރާއްޖެ ކަމެވެ. އަދި ރާއްޖެއިން ގައުމީ އޭއައި އަދި ޑޭޓާ ގާބިލުކަމާ ބެހޭ މަރުކަޒު ގާއިމުކޮށް، ވިއްސިވިހާލިވެފައިވާ އެކްސްޕެރިމެންޓުތައް ހެދުމުގެ ބަދަލުގައި ރޭވުންތެރިކަމާއެކު ބެލެހެއްޓިގެން މުޅި ސަރުކާރުގެ ގާބިލުކަން އިތުރުކުރެވޭ ގޮތަށް އިންތިޒާމުތައް ތަރުތީބުކޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭއައިގެ މަސައްކަތުގައި ތިންކަމަކަށް ހާއްސަ އިސްކަމެއް ދޭންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ އަސާސްތައް ހަަރުދަނާކުރުމަށް އިންވެސްޓުކުރުމާއި، ގާބިލުކަން އިތުރުކުރުމަކީ ދިގުރާސްތާގެ އިލްތިޒާމެއްކަމަށް ބަލައިގެން މަސައްކަތްކުރުމާއި، ތަފާތު މަންސަތަކާއި ޑިވައިސްތަކުގެ މެދުގައި މުވާސަލާތުކުރެވުމަކީ ސަރުކާރު ހިންގުމުގެ މަބްދައެއްކަމަށް ބަލައިގަތުމެވެ.
"އޭއައި ސަރުކާރު ހިންގުމުގައި ބޭނުންކުރުމުގެ މުސްތަގުބަލު ވަޒަންކުރެވޭނީ އެންމެ ކުރިއަރާފައިވާ ނިޒާމުތައް ބޭނުންކުރުމުގެ މައްޗަށް ނޫން. އެކަން ކަނޑައެޅޭނީ ކުޑަ ދުރުގައި އޮންނަ ޖަޒީރާ ގައުމެއްގައި އެ އާލާތްތައް އެ ގައުމެއްގެ ރައްޔިތުންގެ މަންފާއަށް ރައްކާތެރިކޮށް ބޭނުންކުރެވޭ މިންވަރަށް،" ވަޒީރު ވިދާޅުވިއެވެ.
އޭއައިގެ އިމްތިހާނަކީ ބާރުގަދަ ފަރާތްތަކަށް އެ އާލާތް ބޭނުންކޮށްގެން ކުރިއަށްދެވުން ނޫންކަމަށާއި، އެއީ ބާކީތިބި ގައުމުތަކަށް އެ ގައުމތަކާއެކު ކުރިއަށްދިއުމުގައި އޭއައިގެ އެހީގައި ބައިވެރިވެވުމާއި ނުވެވުންކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވާހަކަފުޅު ނިންމަވައިލެއްވީ އެ ފަންނިއްޔާތުގެ ކުރިއެރުންތަކުގެ ކުރީ ސަފުގައި ތިބި ގައުމުތަކުގެ އަރިހުން އެ ފަންނިއްޔާތަކީ ފާރަކަށް ނުހަދައި ފާލަމަކަށް ހެއްދެވުމަށް އިލްތިމާސްކުރައްވަމުންނެވެ.