ENGLISH

07 ޖުލައި 2026

Advertisement

ޔޫރޯއަކީ އަހަންނަށް ވޯލްޑް ކަޕާ އެއްވަރުގެ ކާމިޔާބީއެއް: ރޮނާލްޑޯ

07 ޖުލައި 2026

|

އިސްމާއިލް ޝާހު

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ --- ފޮޓޯ: ގެޓީ

ކެރިއަރުގައި ވޯލްޑް ކަޕެއް ކާމިޔާބުނުވުމަކީ މާ ބޮޑު މައްސަލައެއް ނޫން ކަމަށް ބުނެ، 2016 ވަނަ އަހަރު ހޯދި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކާމިޔާބީއަކީ ވޯލްޑް ކަޕާ އެއްވަރުގެ މުހިންމު ކާމިޔާބީއެއް ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރޭ ސްޕެއިންއާ ދެކޮޅަށް ކުޅުނު ގަދަ 16 ގެ މެޗުގެ ފަހު ވަގުތު މިކޭލް މެރީނޯ ޖެހި ލަނޑުން ޕޯޗުގަލް ބަލިވެ މުބާރާތުން ކެޓުމާއެކު، މިއީ އޭނާގެ ފަހު ވޯލްޑް ކަޕުކަން ރޮނާލްޑޯ ވަނީ ކަށަވަރުކޮށްދީފައެވެ. ވޯލްޑް ކަޕަކީ ރޮނާލްޑޯގެ ކެރިއަރުގައި މިހާތަނަށް ކާމިޔާބު ނުކުރެވި އޮތް ހަމައެކަނި ބޮޑު މުބާރާތެވެ. ހަވަނަ ފަހަރަށް ކުރި މި މަސައްކަތް ނާކާމިޔާބުވުމާއެކު، އުމުރުން 41 އަހަރުގެ ޕޯޗުގަލްގެ ކެޕްޓަނަށް މިހާރު ޖެހިފައިވަނީ ބައިނަލްއަގުވާމީ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ތަށި ނުލިބި ކެރިއަރު ނިންމާލުމުގެ ހަގީގަތާ ކުރިމަތިލާށެވެ.

މިއީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ބަހުސްގައި، ލިއޮނެލް މެސީ އާއި ރޮނާލްޑޯއާ ދެމެދު އޮތް ފަރަގު ދައްކުވައިދޭނެ ކަމެކެވެ. ސަބަބަކީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރުމުން، ގިނަ ބައެއްގެ ކުރިމަތީގައި މެސީއަކީ އެންމެ މޮޅު ކުޅުންތެރިޔާއެވެ. ނަމަވެސް، ރޮނާލްޑޯ ބުނި ގޮތުގައި ވޯލްޑް ކަޕުގެ މެޑެލް ނެތުމަކީ ހުރިހާ ކަމެއްގެ ނިމުން ނޫން ކަމަށެވެ. އޭނާ ވަނީ މީގެ 10 އަހަރު ކުރިން ހޯދި ޔޫރަޕިއަން ޗެމްޕިއަންޝިޕަކީވެސް ހަމަ އެހާ މުހިންމު ކާމިޔާބީއެއްކަން ފާހަގަކޮށްފައެވެ.

ޕޯޗުގަލް އާއެކު 2016 ގެ ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ --- ފޮޓޯ: ގެޓީ

"އަހަރެން ޕޯޗުގަލްއަށް ތިން ތަށި ހޯދައިދީފިން. އަހަރެންގެ ކުރިން ޕޯޗުގަލަށް އެންމެ ތައްޓެއްވެސް ލިބިފައެއް ނެތް،" އޭނާ ބުންޏެވެ. "ޤައުމީ ޓީމުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 2016 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް. ތެދަށް ބުނާނަމަ، އެއީ އަހަންނަށް ވޯލްޑް ކަޕާ އެއްވަރުގެ ކާމިޔާބީއެއް."

"އަހަރެން މުބާރާތުން މި ވަކިވަނީ ޕޯޗުގަލަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށް، ހިތްހަމަޖެހުމާއެކު. މާދަމާއަކީ އައު ދުވަހެއް، އަދި ދިރިއުޅުން ކުރިއަށްދާނެ،" ރޮނާލްޑޯ އިތުރަށް ބުންޏެވެ.

މެޗަށްފަހު ދަނޑުގައި ތިބި ޕޯޗުގަލްގެ ސަޕޯޓަރުންނަށް އަތްޖަހާ ސަލާންކުރިއިރު، ރޮނާލްޑޯ ހުރީ ވަރަށް ބޮޑަށް އަސަރުކޮށް، ދެލޮލުން ކަރުނަ ހިލިފައެވެ. މިއީ އޭނާގެ ފަހު ވޯލްޑް ކަޕުކަން މެޗުގެ ކުރިންވެސް އޭނާ އޮތީ ކަށަވަރުކޮށްދީފައެވެ. މެޗަށްފަހު ދިން އިންޓަވިއުގައިވެސް އެކަން ތަކުރާރުކުރި ނަމަވެސް، ބައިނަލްއަގުވާމީ ފުޓްބޯޅައިން އެއްކޮށް ރިޓަޔާކުރާނެ ކަމަކަށް އޭނާ ސީދާ ބުނެފައެއް ނުވެއެވެ.

"މިގޮތަށް ވޯލްޑް ކަޕުން ވަކިވާން ޖެހުމުން ދެރަވޭ. އަހަންނަށް ކުރެވެން އޮތް މަސައްކަތެއް ކުރިން. މިއީ އަހަރެންގެ ފަހު ވޯލްޑް ކަޕް، އެކަމަކު މިހާރު އަހަންނަށް އާއިލާއާއެކު ވަގުތު ހޭދަކޮށް، ކަންކަމާ މެދު ވިސްނާލަން ފުރުސަތު ލިބޭނެ. އަވަސް އަރުވާލައިގެން އެއްވެސް ނިންމުމެއް ނުނިންމާނަން،" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯއަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ތާރީޚުގައި އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވާ އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ޤައުމީ ޓީމަށް ކުޅެދިން 233 މެޗުގައި 146 ލަނޑު ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު