ENGLISH

07 ޖުލައި 2026

Advertisement

ހިމަންދޫގައި މޫދަށް އެރި އުޅުނު ދެ ކުއްޖަކު ގެނބިއްޖެ، ސަލާމަތްކުރީ ފުލުހަކާއި ޒުވާނެއް

07 ޖުލައި 2026

|

އަޙުމަދު ޙަމީދު

ގެނބުނު ދެ ކުދީން ސަލާމަތްކުރީ ފުލުހަކާއި ޒުވާނެއް --

އއ. ހިމަންދޫގެ އުތުރު ފަރާތް މޫދަށް އެރި އުޅުނު ދެ ކުއްޖަކު، ގެނބުމާއި ގުޅިގެން ފުލުހުންނާއި އާންމުންގެ އެހީތެރިކަމާއެކު ސަލާމަތްކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ އެ ސަރަހައްދުގައި އެވަގުތު ހުރި އަންހެނެއްގެ ފަރާތުން ކަމަށާ އެ މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ރަށުގެ ގޮނޑުދޮށުން ފެށިގެން ގާތްގަނޑަކަށް 100 މީޓަރު ދުރުގައި ދެ ކުއްޖަކު ގެނބެމުންދިޔަ މަންޒަރު ފެނުނު ކަމަށެވެ.

އެ ދެ ކުދިން ސަލާމަތްކުރުމަށްޓަކައި ޕޮލިސް ކޮންސްޓަބަލް އިބްރާހީމް ނަބީހް އާއި އެ ރަށު އާންމު ރައްޔިތެއް ކަމަށްވާ އއ. ހިމަންދޫ / ދިލާސާގެ މުޙައްމަދު އާޙިލް ވަނީ ވަގުތުން މޫދަށް ފުންމާލައި، ފަތާފައި ގޮސް އެ ކުދިން ތިބި ސަރަހައްދަށް ގޮސްފަ އެވެ. މި ހާދިސާގައި ސަލާމަތްކޮށްފައިވަނީ 11 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެކެވެ.

މި ދެ ކުދިން ސަލާމަތްކޮށްގެން އެއްގަމަށް ގެނައުމުގައި ހިމަންދޫގެ އިތުރު ދެ މީހަކުވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެންމެންގެ އެހީތެރިކަމާއެކު އެ ދެ ކުދިން ވަނީ ރަށުގެ ބީޗް ސަރަހައްދަށް ސަލާމަތުން ގެނެސްފަ އެވެ.

ފުލުހުން ބުނި ގޮތުގައި، ކުދިން ސަލާމަތްކުރުމުގެ މަސައްކަތުގެ ތެރޭގައި އެ ކުދިންނަށް ކޮންމެވެސް ވަރަކަށް ލޮނު ބޮވިފައިވެ އެވެ. ނަމަވެސް އެ ކުދިންގެ ހާލު ސީރިއަސް ނޫން ކަމަށާއި، ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެ އެވެ.

މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް މޫދަށް އެރި އުޅުމުގައި ސަމާލުވުމަށާއި، ކުޑަކުދިން މޫދަށް އެރި އުޅޭއިރު ބޮޑެތި މީހުންގެ ބެލުމުގެ ދަށުން އެކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ފުލުހުން އިލްތިމާސްކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު