ENGLISH

18 އޭޕްރީލު 2025

Advertisement

ބޮލަށް ލިބުނު އަނިޔާއަށް ފަހު ފަބިއާންސްކީގެ ހާލު މިހާރު ރަނގަޅުކަމަށް ވެސްޓް ހޭމުން ބުނެފި

27 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ސައުތެމްޓަނާ ވެސްޓް ހޭމް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

ވެސްޓް ހޭމް ޔުނައިޓެޑްގެ ގޯލްކީޕަރު، ލޫކަސް ފަބިއާންސްކީގެ ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބަދަލުކުރިއިރު، އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސްޓް ހޭމްގެ ކޯޗު، ހުލެން ލޮޕެޓީގު ބުނެފިއެވެ.

އުމުރުން 39 އަހަރުގެ ފަބިއާންސްކީ އަށް އަނިޔާވީ، ކޯނަރެއްގައި ބޯޅަ ހޯދަން ފުންމައިގެން އެރި ވަގުތު ސައުތެމްޓަނުގެ ޑިފެންޑަރު، ނޭތަން ވުޑްގެ އުޅަނބޮށިން ޖެހިގެންނެވެ. މި އަނިޔާގެ ސަބަބުން އެންމެ ފުރަތަމަ ދަނޑުމަތީގައި ހަތް މިނެޓުވަންދެން ފަބިއާންސްކީ އަށް ވަނީ ފަރުވާ ދީފައެވެ.

ފަބިއާންސްކީ އަށް ދަނޑުމަތީގައި ދިން ފަރުވާ އަށް ފަހު އިތުރަށް ކުޅުން ކުރިއަށްގެންދެވޭ ގޮތް ނުވުމުން ވަނީ އަށިގަނޑުގައި ދަނޑުން ބާލައިފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ފްރާންސްގެ ކީޕަރު، އަލްފޮންސޭ އަރެއޯލާ އެވެ.

ސައުތެމްޓަނުގެ ސެއިންޓް މޭރީސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި މި ހިނގާދިޔަ ހިތާމަވެރި ހާދިސާގެ ވަގުތުގައި ކަންބޮޑުވުން އިތުރުވެފައިވަނިކޮށް، އެ ޓީމުގެ ކީޕަރު، އާރޮން ރަމްސްޑޭލް ވަނީ ދަނޑުގެ އެއްކޮޅުން އަނެއް ކޮޅަށް ދުވެ، ގޮސް ފަބިއާންސްކީގެ ހާލު ބަލައިފައެވެ.

ފަބިއާންސްކީ އަށް ލިބުނު އަނިޔާއާ ގުޅޭގޮތުން ވެސްޓް ހޭމްގެ ކޯޗު، ލޮޕެޓީގު ބުނީ، ފަބިއާންސްކީގެ ބޮލާއި ކަރުގެ ބައެއް ހިސާބުތަކަށް ތަދުވެ، އަނިޔާވެފައިވާ ކަމަށާއި، އެ ވަގުތު އޭނާގެ ހަރަކާތްތައް ހުރިގޮތުން އަނިޔާގެ ސަބަބުން އަސަރުކޮށްފައިވާ މިންވަރު އެނގިގެންދިޔަ ކަމަށެވެ.

އޭގެފަހުން، މިހާރު ފަބިއާންސްކީގެ ހާލު ރަނގަޅު ކަމަށާއި، ހޮސްޕިޓަލަށް ގެންގޮސް އިތުރު ފަރުވާއެއް ދޭން ޖެހިފައިނުވާ ކަމަށް ވެސް ލޮޕެޓީގު ވަނީ ބުނެފައެވެ.

ލޮޕެޓީގު އިތުރަށް ބުނީ، ފަބިއާންސްކީއާ ވާހަކަ ދައްކާފައިވާ ކަމަށާއި، ޑޮކްޓަރުން ވެސް ވަނީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފައި ކަމަށެވެ. އަނިޔާ ލިބުނު ވަގުތު ވަރަށް ބޮޑަށް ބިރުގަތް ކަމަށާއި، އޭރު ހުރީ އިންތިހާއަށް ކަންބޮޑުވެފައި ނަމަވެސް މިހާރު ފަބިއާންސްކީގެ ހާލު ރަނގަޅުވަމުން އަންނާތީވެ ހިތްހަމަޖެހުން ލިބިފައިވާ ކަމަށް ވެސް ލޮޕެޓީގު ބުންޏެވެ.

ސައުތެމްޓަނާ ދެކޮޅަށް ވެސްޓް ހޭމް ކުޅުނު އެ މެޗުން 1-0 އިން މޮޅުވި ނަމަވެސް، އެ މެޗުގައި އެ ޓީމުގެ ޑިފެންސްގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ، މެކްސް ކިލްމަންގެ ކޮނޑުހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ. އެ މެޗުގައި ވެސްޓް ހޭމުން ޖެހި ހަމައެކަނި ލަނޑު، ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ އިނގިރޭސި ވިންގް، ޖަރޮޑް ބޮވެން އެވެ.

ކިޔުންތެރިންގެ ހިޔާލު