ENGLISH
07 ޖުލައި 2026
މިއީ ހުރިހާ ޓީމުތަކަށްވެސް ގޮންޖެހުން ބޮޑު މުބާރާތެއް: ސްކަލޯނީ
07 ޖުލައި 2026
|
އާޖެންޓީނާގެ ކޯޗު ސްކަލޯނީ -- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
މި ފަހަރުގެ ވޯލްޑް ކަޕަކީ ބޮޑެތި ޓީމުތަކަށް ކުރިހޯދަން އުނދަގޫ، ހުރިހާ ޓީމުތަކެއްގެ ފެންވަރުވެސް ދާދި އެއްވަރެއްގައި ފެނިގެންދާ މުބާރާތެއް ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.
މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، މި އަހަރުގެ ވޯލްޑް ކަޕަކީ ހުރިހާ ޓީމަކަށް ވެސް ހުރިހާ ގޮތަކުން އެންމެ އުނދަގޫ މުބާރާތް ކަމަށްވުމާއެކު، ކާމިޔާބުކުރާނެ ވަކި ޓީމެއް ބުނަން އުނދަގޫ ކަމަށެވެ.
"މި ފަހަރުގެ ވޯލްޑް ކަޕަކީ ހުރިހާ ޓީމަކަށްވެސް އުނދަގޫ މުބާރާތެއް. ކާމިޔާބުކުރާނެ ވަކި ފޭވަރިޓެއް ނެތް ކަމަށް ފެންނަނީ،" ސްކަލޯނީ ބުންޏެވެ.
ވޯލްޑް ކަޕްގެ ކުރީގެ މުބާރާތްތަކާ ހިލާފަށް މިފަހަރު މޮޅުވާނެ ކަމަށް ކުރިން ލަފާކުރެވޭ ވަރުގަދަ ޓީމުތަކެއް ނުފެނުމުގެ މައިގަނޑު ސަބަބަކީ، ގިނަ ކުޅުންތެރިން ގިނަ މެޗުތަކެއް ކުޅެފައިވުމުގެ ސަބަބުން ވަރުބަލިކަން ހުރުމާއި، މުބާރާތް ބާއްވާ ހާލަތްތައް ތަފާތުވުން ކަމަށް ސްކަލޯނީ ފާހަގަކުރިއެވެ. މުބާރާތުގެ ކުރިން ފާހަގަކުރެވުނު ވަރުގަދަ ޓީމުތަކުގެ ފަރާތުންވެސް އުންމީދުކުރި ފަދަ ކުޅުމެއް ނުފެނުނު ކަމަށް އޭނާ ބުންޏެވެ.
އާޖެންޓީނާގެ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވަނީ -- ފޮޓޯ: ރޮއިޓަރސް
މި މުބާރާތުގެ ނަތީޖާތަކަށް ބަލާއިރު، އެންމެ ފަހުގެ ވޯލްޑް ކަޕުގެ ރަނަރަޕް ފްރާންސަށް ގަދަ 16 ގައި ޕެރަގުއޭ ބަލިކުރެވުނީ ޕެނަލްޓީއަކުންނެވެ. އަދި ސްޕެއިން މޮޅުވީ، މެޗުގެ ފަހު ވަގުތު ޕޯޗުގަލް ކޮޅަށް ޖެހި ލަނޑުންނެވެ. މީގެ އިތުރުން، ބްރެޒިލާއި ޖަރުމަނު ވަނީ މިހާރު މުބާރާތުން ކަޓާފައެވެ.
އެހެންނަމަވެސް، މި ހުރިހާ ގޮންޖެހުންތަކަކާއެކުވެސް، އޭނާގެ ޓީމުގެ ކުޅުމާ މެދު ސްކަލޯނީ ހުރީ ހިތްހަމަޖެހިފައެވެ. އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ، ގްރޫޕް ސްޓޭޖުގެ ތިން މެޗުން މާބޮޑު އުނދަގުލެއްނެތި މޮޅުވި ނަމަވެސް، ނޮކްއައުޓް ބުރުގައި ކާބޯ ވާޑޭ އަތުން ސަލާމަތްވީ އިތުރުވަގުތުގެ ކުޅުމަށްފަހު އެވެ.
"އާޖެންޓީނާގެ ފެންވަރު ރަނގަޅު. އަހަރެމެން ކުޅުނު ހަތަރު މެޗުންވެސް މޮޅުވުމަކީ ލިބުނު ހިތްހަމަޖެހުމެއް. މޮޅުވިޔަސް އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތައް އަބަދުވެސް ހުންނާނެ،" ސްކަލޯނީ ބުންޏެވެ.
ސްކަލޯނީ ބުނިގޮތުގައި ދަތުރުފަތުރުގެ ދަތިތަކާއި، ސަރުހައްދުގެ ފިނިހޫނުމިނާއި، ދަނޑުތަކުގެ ހާލަތުގެ ސަބަބުން ކުޅުންތެރިންގެ ހުނަރު ފުރިހަމައަށް ދެއްކުމަށް ހުރަސްތަކެއް އެބަހުއްޓެވެ. ނަމަވެސް، މެޗުގައި ކުޅުން ދަށްވާ ވަގުތުތަކުގައިވެސް މޮޅުވާނެ ގޮތެއް ހޯދުމަކީ އާޖެންޓީނާގެ ކުޅުންތެރިންގެ ކިބައިގައި ހުރި ސިފައެއް ކަމަށް އޭނާ ގަބޫލުކުރެއެވެ.
މިސްރާ ދެކޮޅަށް ކުޅޭ މެޗުގެ ކުރީން ބޭއްވި އާޖެންޓީނާގެ ފަރިތަކުރުންތަކުގެ ތެރެއިން -- ފޮޓޯ: ރޮއިޓަރސް
"މެޗެއްގެ ތެރޭގައި ކަންތައްތައް އުނދަގޫވާ ވަގުތު، އަހަރެމެންގެ ކުޅުންތެރިންގެ ހިތްވަރާއި މޮޅުވުމުގެ ރޫހާއެކު ކުޅުމުން އެކަން ދައްކުވައިދޭ. އެއީ މި ޓީމުގެ ޑީއެންއޭ ގައި ހުރި ކަމެއް. ކުޅުން ރަނގަޅުވިޔަސް ނުވަތަ ދަށްވިޔަސް، އެ ހިތްވަރު ނެތް ނަމަ މުބާރާތުން ކަޓާނެ." ސްކަލޯނީ ބުންޏެވެ.
ސްކަލޯނީގެ ވާހަކަ ނިންމާލަމުން ބުނީ، އާޖެންޓީނާ އެންމެ ފަހުން ކުޅުނު މެޗުގައި ކުޅުންތެރިންގެ ކިބައިން ފެނިގެންދިޔަ ހިތްވަރުގަދަ ކުޅުން ނުދެއްކިނަމަ މިއަދު އެ ޓީމުން ތިބޭނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައި ކަމަށެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް މިސްރާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރު އެވެ.