ENGLISH
18 އޭޕްރީލު 2025
އާސެނަލުން ކޫންޔާ އަށް ޝައުގުވެރިވޭ: ރިޕޯޓް
27 ޑިސެމްބަރު 2024
|
ވުލްވްސްގެ ފޯވާޑް، ކޫންޔާ. --ފޮޓޯ: ވުލްވްސް
ވުލްވްސްގެ ބްރެޒިލް ފޯވާޑް، މަތެއުސް ކޫންޔާ އަށް އާސެނަލުން ޝައުގުވެރިވާ ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އިނގިރޭސި ބައެއް ނޫސްތަކުން ބުނާގޮތުން، ކޫންޔާ އަކީ އާސެނަލްގެ ފޯވާޑްލައިން އިތުރަށް ވަރުގަދަކުރުމަށް ގެނައުމަށް މަސައްކަތްކުރާ ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ އެއް ކުޅުންތެރިޔާ އެވެ.
އެގޮތުން، މިހާރު އުމުރުން 25 އަހަރުގެ ކޫންޔާ އަކީ އާސެނަލްގެ އެޓޭކުގައި ހިމެނުމަށް ބޭނުންވާ ކުޅުންތެރިއެއްގެ ކިބައިގައި ހުންނަޖެހޭ ހުރިހާ ސިފައެއް ހުރި ކުޅުންތެރިއެއް ކަމަށް ވެސް އިނގިރޭސި ޚަބަރުތައް ބުނެއެވެ.
މީގެކުރީން، އެތުލެޓިކޯ މެޑްރިޑަށް ކުޅެފައިވާ ކޫންޔާ އަންނަނީ 2023 ވަނަ އަހަރުން ފެށިގެން ވުލްވްސްގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ކޫންޔާ ވަނީ މި ފަހަރުގެ ސީޒަނުގެ ލީގުގައި ކުޅުނު 18 މެޗުގައި 10 ލަނޑުޖަހައި، އިތުރު ހަތަރު ގޯލް ޖެހުމަށް އެހީތެރިވެދީފައެވެ. އޭނާ އަކީ ވުލްވްސް އިން ރެލިގޭޝަނުން ސަލާމަތްވެ، ލީގުގައި ދެމިއޮތުމަށް ކުރަމުންދާ މަސައްކަތުގައި އެންމެ ބޮޑު ޒިންމާއާ ހަވާލުވެފައިވާ ކުޅުންތެރިޔާ ވެސް މެއެވެ.
ލީގުގައި އެންމެ ފަހުން މެންޗެސްޓަރ ޔުނައިޓެޑް އަތުން ވުލްވްސް 2-0 އިން މޮޅުވި މެޗުގައި ވެސް ކޫންޔާ ވަނީ ސީދާ ކޯނަރަކުން ގޯލެއް ކާމިޔާބުކޮށްފައެވެ.
މި ހުރިހާ ސަބަބުތަކާ ހުރެ، ކުރިއަށް އޮތް ޖަނަވަރީ މަހުގެ ޓްރާންސްފާ ބާޒާރުގައި ވުލްވްސްގެ އެޓޭކުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ، ކޫންޔާ ގެންދިއުމަކީ އެއްވެސް ޓީމަކަށް ފަސޭހަކަމަކަށް ނުވާނެ ކަމަށް ވެސް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި، ވުލްވްސް އާ އެކު އޭނާ ހަދާފައިވާ އެއްބަސްވުން ހަމަވާން ބާކީ ދެ އަހަރު އޮތްއިރު، އެ ޓީމުގައި ދައްކަމުންއަންނަ މޮޅު ކުޅުމުގެ ސަބަބުން ކޮންޓްރެކްޓް ދިގު މުއްދަތަކަށް އާ ކުރުމަށް ވިސްނަމުންދާ ކަމަށް ވެއެވެ.
އާސެނަލުން އެޓޭކަށް އިތުރު ކުޅުންތެރިން ހޯދަން މަޖުބޫރުވެފައިވަނީ، އެ ޓީމުގެ އިނގިރޭސި ވިންގް، ބުކާޔޯ ސަކާ އަށް އެންމެ ފަހުން ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާތީވެ އެވެ.
މީގެއިތުރުން، އާސެނަލް އަށް ލޯން އުސޫލުން ޗެލްސީން ގެނައި ރަހީމް ސްޓާލިން އަށް ވެސް އަނިޔާގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ނުކުޅެވޭނެ ކަމަށް ކޯޗު، މިކޭލް އާޓޭޓާ ވަނީ ބުނެފައެވެ. މިއާއެކު، އާސެނަލްގެ އެޓޭކުގައި ބޭނުންކުރެވޭނެ ކުޅުންތެރިންގެ އަދަދު ވަނީ މަދުވެފައެވެ.