ENGLISH

06 ޖުލައި 2026

Advertisement

މެކްސިކޯގެ ކޯޗުކަމުގެ ތިންވަނަ ދައުރު ނިންމާލުމަށްފަހު، މާކޭޒްއާ ޓީމު ހަވާލުކުރުމަށް އާގީރޭ ތާއީދުކޮށްފި

06 ޖުލައި 2026

|

އިސްމާއިލް ޝާހު

މެކްސިކޯގެ ކޯޗުކަމުގެ ތިންވަނަ ދައުރު ނިންމާލި ހާވިއޭ އަގީރޭ --- ފޮޓޯ: ރޮއިޓަރސް

މެކްސިކޯގެ ކޯޗުކަމުގެ ތިންވަނަ ދައުރު ނިންމާލުމަށްފަހު، ހާވިއޭ އަގީރޭ އެ ޓީމުގެ ކުރިމަގު އުޖާލާކުރުމަށްޓަކައި ރަފާ މާކޭޒްއާ ޓީމު ހަވާލުކުރުމަށް ފުރިހަމައަށް ތާއީދުކޮށްފިއެވެ.

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ރޭ އިންގްލެންޑް އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެ، މުބާރާތް ބާއްވާ އެއް ޤައުމު ކަމަށްވާ މެކްސިކޯ ވަނީ ވޯލްޑް ކަޕުން ކަޓާފައެވެ.

މުބާރާތަށްފަހު މަގާމުން ވަކިވާނެކަން ކުރިންވެސް އިއުލާންކޮށްފައިވާ އަގީރޭ ބުނިގޮތުގައި، މެކްސިކޯގެ ކުރީގެ ކެޕްޓަން މާކޭޒް ހުރީ ޓީމުގެ މަސައްކަތްތަކާއިގެން ކުރިއަށްދާން ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. މިއީ ވޭތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ވޯލްޑް ކަޕެއްގައި މެކްސިކޯއިން އެންމެ ދުރަށް ދަތުރުކޮށް، ސަޕޯޓަރުންގެ އިތުބާރު އަލުން ހޯދި ފަހަރެވެ.

މަޝްހޫރު އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުގައި، މެކްސިކޯއިން މެޗުގެ ފަހުކޮޅު ނަތީޖާ ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އިންގްލެންޑުން ވަނީ ހިތްވަރާއެކު ކުޅެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

"އަހަރެން ބޭނުންވީ މޮޅަކާއެކު ސަޕޯޓަރުންނާ ވަކިވާން. އެކަން އެގޮތަށް ނުވުމަކީ ލިބޭ ވަރަށް ބޮޑު ހިތާމައެއް. އަހަރެމެން ފުރިހަމައަށް މަސައްކަތް ކުރިން،" ނޫސްވެރިންނާ ވާހަކަދައްކަމުން އަގީރޭ ބުންޏެވެ.

ޖޫޑް ބެލިންހަމް ޖަހައިދިން ދެ ލަނޑާއެކު އިންގްލެންޑުން މެޗުގެ ކޮންޓްރޯލް ހޯދާފައިވަނިކޮށް، ހޫލިއަން ކީނޯނޭޒް ވަނީ މެކްސިކޯއަށް ލަނޑެއް ޖަހައިދީފައެވެ. އިންގްލެންޑުގެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކައި، އެ ޓީމު އެކަކު މަދުކޮށް ކުޅެމުން ދަނިކޮށް ހެރީ ކޭން ވަނީ ޕެނަލްޓީއަކުން ތިންވަނަ ލަނޑު ޖަހާފައެވެ. މެޗުގެ ފަހުކޮޅު ރައުލް ހިމެނޭޒް ޕެނަލްޓީއަކުން ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، މެކްސިކޯ މުބާރާތުން ވަކިވުން ހުއްޓުވޭ ގޮތެއް ނުވިއެވެ.

"ކުޅުންތެރިން ދަނޑުން ފައިބަންވާނީ އިސްއުފުލައިގެން ތިބެ. މިއަދު ނަތީޖާ އަހަރެމެން ބޭނުންވި ގޮތަކަށް ނުދިޔަ. ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފުނު ނަމަވެސް، ހުރިހާ ކުޅުންތެރިންނަށް އަހަރެން ޝުކުރު އަދާކުރަން،" އަގީރޭ ބުންޏެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ގަޑިއިރެއްހާއިރު ފަސްކޮށް ފެށި މި މެޗުގައި، އަގީރޭ އަބަދުވެސް މެކްސިކޯގެ "12 ވަނަ ކުޅުންތެރިޔާ" ގެ ގޮތުގައި ސިފަކުރާ ސަޕޯޓަރުންގެ ފަރާތުން ފެނުނީ އާދަޔާ ޚިލާފު ފޯރިއެކެވެ. މެޗުގެ ފަހު މިނެޓުތަކުގައި "އަހަރެމެންނަށް ކުރެވިދާނެ" ކަމަށް ބުނެ ސަޕޯޓަރުން ދިޔައީ އަޑުގަދަކޮށް ހިތްވަރު ދެމުންނެވެ. ނަމަވެސް އިންގްލެންޑުން ވަނީ ދިފާއީ ކުޅުން ވަރުގަދަކޮށް، އަންނަ ހޮނިހިރު ދުވަހު އެމެރިކާގެ މަޔާމީގައި ނޯވޭއާ ދެކޮޅަށް ކުޅޭ ކުއާޓާ ފައިނަލުގެ ޖާގަ ހޯދާފައެވެ.

މުބާރާތުން ކެޓުމުގެ ހިތާމަ އޮތް ނަމަވެސް، ޓީމުގެ އެއްބައިވަންތަކަމާއި ސަޕޯޓަރުންނާ ދެމެދު އުފެދުނު ގާތް ގުޅުމަށްޓަކައި ފަޚުރުވެރިވާ ކަމަށް އަގީރޭ ބުންޏެވެ. "އަހަރެން މި ވަކިވަނީ ވަރަށް ބޮޑު ފަޚުރަކާއެކު. މި ކުޅުންތެރިން އަހަރެން ވަރަށް އުފާކޮށްދީފި. އަހަރެމެންނަށް ވަނީ މި ޓީމުގެ އަމިއްލަވަންތަކަމާއި ވަރުގަދަ އަޒުމް އަލުން ހޯދިފައި،" އޭނާ ފާހަގަކުރިއެވެ.

މެކްސިކޯއަށް ފަސް ވޯލްޑް ކަޕެއްގައި ކެޕްޓަންކަން ކޮށްދީ، މި މުބާރާތުގައި އަގީރޭއާއެކު މަސައްކަތްކުރި މާކޭޒްއާ ޓީމު ހަވާލުކުރާނެ ކަމަށް ބެލެވެއެވެ.

"އަހަރެން އޭނާއަށް ކާމިޔާބީއަށް އެދެން. އޭނާއަކީ ގާބިލު ބޭފުޅެއް، އަދި އަހަރެންނަށްވުރެ ރަނގަޅު ނަތީޖާތަކެއް އޭނާ ހޯދާނެ،" އަގީރޭ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު