ENGLISH
06 ޖުލައި 2026
ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި ޑިޖިޓަލް އައިޑެންޓިޓީ ބިލު މަޖިލީހުން ބަލައިގެންފި
06 ޖުލައި 2026
|
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. ފޮޓޯ: މަޖިލިސް
އެންމެ މަޤްބޫލު
ސަރުކާރުން ހުށަހަޅުއްވާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ" ބިލާއި "ޑިޖިޓަލް އައިޑެންޓިޓީ" ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.
"މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ" ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީއެވެ.
މި ބިލުގެ ބޭނުމަކީ އިތުބާރުހިފޭ، ސަލާމަތްތެރި، އަދި ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދެވޭނެ ޑިޖިޓަލް ގަވަނަންސްގެ ނިޒާމެއް ގާއިމުކުރުމަށާއި، "ޑިޖިޓަލް ފަސްޓް" ސިޔާސަތެއްގެ ދަށުން ދައުލަތުގެ ހިދުމަތްތަކާއި އިދާރީ ހިންގުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބައްޓަންކުރުމަށްޓަކައި، "މޯލްޑިވްސް 2.0" ގެ ނަމުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮގްރާމެއް އެކަށައެޅުމެވެ. އަދި އެ ޕްރޮގްރާމް އަދި ޑިޖިޓަލް ގަވަނަންސްގެ ނިޒާމުގެ ކަންކަން ވިލަރެސްކޮށް ހިންގުމަށްޓަކައި "މޯލްޑިވްސް ޑިޖިޓަލް ސާވިސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެއްދުމަށާއި، އެނޫންވެސް ޑިޖިޓަލް ގަވަނަންސްއާ ގުޅޭ ކަންކަން ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުމެވެ.
މި ގާނޫނުގެ ދަށުން ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ކަންކަމާއި ޑިޖިޓަލް ގަވަނަންސްގެ ނިޒާމާގުޅޭ ކަންކަން ވިލަރެސްކުރުމަށްޓަކައި "މޯލްޑިވްސް ޑިޖިޓަލް ސާވިސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދާނެއެވެ. އަދި މި ބިލު ގާނޫނަކަށްވުމާއެކު ރާއްޖޭގެ ޑިޖިޓަލް ގަވަނަންސް ނިޒާމު ހަރުދަނާ ކުރުމަށްޓަކައި "މޯލްޑިވްސް 2.0"ގެނަމުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮގްރާމެއްވެސް ގާއިމުވެގެންދާނެއެވެ.
ސަރުކާރުގެ ފަރާތުން ޑިޖިޓަލް އައިޑެންޓިޓީގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާނެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދައުލަތުގެ އިދާރާތަކާއި، ގާނޫނީ ޝަހުސުތަކާއި އެނޫންވެސް ފަރާތްތަކާއެކު، އެކި ފަރާތްތަކުން އޮންލައިންކޮށް ކުރާ މުއާމަލާތްތަކުގައި، ހިދުމަތް ހޯދާ ފަރާތްތަކުގެ އައިޑެންޓިޓީ ކަށަވަރުކޮށްދިނުމަށްޓަކައި، ރައްކާތެރި އަދި ލުއިފަސޭހަ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް ގާއިމުކޮށްދިނުމެވެ. އަދޮ އައިޑެންޓިޓީ ކަށަވަރުކުރުމަށް ބޭނުންކުރެވޭ މައުލޫމާތުގެ ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތެއްގެމަތިން އެ ނިޒާމުފަރުމާކޮށް ހިންގުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުމާއި، އެނޫންވެސް އެ ނިޒާމުގެ ރައްކާތެރިކަމާއި އިތުބާރުދެމެހެއްޓުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުމެވެ.
މި ބިލު ފަރުމާކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ވަޒަންވެރިވެފައިވާ ދިވެހިންނާއި، ރާއްޖޭގައި އުޅުމުގެ ހުއްދަ ބޭނުންވާ ބިދޭސީންގެ އިތުރުން ރާއްޖެއާ ގުޅުންހުރި އޮންލައިން ވިޔަފާރިތަކާއި ހިދުމަތްތައް ދޭ ފަރާތްތަކުގެ މައްޗަށް ވެސް ގާނޫނު ހިނގާ ގޮތަށެވެ. މި ބިލުގައިވާގޮތުން ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމު ހިންގުމުގެ ކަންކަން ބެލެހެއްޓުމަށްޓަކައި 90 ދުވަހުގެ ތެރޭގައި "ޑިޖިޓަލް އައިޑެންޓިޓީ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ" ގެ ނަމުގައި ހާއްސަ ކޮމިޓީއެއް އުފައްދަންޖެހެއެވެ. ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ އުސޫލުތަކާ އެއްގޮތަށް ނިޒާމު ހިނގާތޯ ކަށަވަރުކުރުމާއި، ގަވާއިދުތައް އެކުލަވާލުމުގައި ފަންނީ ލަފާދިނުމެވެ. މީގެ އިތުރުންވެެސް ޑިޖިޓަލް އައިޑެންޓިޓީއާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކާއި، މި ނިޒާމުގައި ހިމެނޭ ފަރާތްތަކާއި، ،އައިޑެންޓިޓީ ބޭނުން ކުރުން މަނާ ހާލަތްތަކާއި، ޒާތީ މައުލޫމާތު ބޭނުން ކުރުން މަނާ ހާލަތްތައް ބިލުގައި ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ.
މި ދެ ބިލު މަޖިލީހަށް ބަލައިގަތުމަށްފަހު ދިރާސާކުރުމަށް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.