ENGLISH

06 ޖުލައި 2026

Advertisement

ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 27 ބިދޭސީން އިމިގްރޭޝަނުން ހައްޔަރުކޮށްފި

06 ޖުލައި 2026

|

އާމިނަތު ނުޒްލާ

އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން - ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 27 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އިމިގްރޭޝަނުން ބުނީ ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށް، މާލޭގެ ހުޅަނގު ބަނދަރު ފުޑް ކޯޓުތަކަށް ހާއްސަކޮށްގެން ރޭ ގެ ވަގުތެއްގައި ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. 

މި އޮޕަރޭޝަންގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 27 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

އިމިގްރޭޝަނުން ހިިންގަމުންދާ އޮޕްރޭޝަންތަކުގެ ތެރެއިން- ފޮޓޯ: އިމިގްރޭޝަން

އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހީގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯދައި މިއަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުގެ ކުރިން ޑީޕޯޓުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އޮޕަރޭޝަން ކުރަނގީގެ ދަށުން މައުލޫމާތު ނަގާފައިވާ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތްވެސް ވަރަށް ހަލުވިކަމާއެކު ކުރިއަށްދެއެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ:

1. ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ފޮޓޯ އަދި 10 އިނގިލީގެ ނިޝާން ނެގުން

2. ހުއްދަ އޮތް ވިސާއެއްގައި ހުރެ ހުއްދަ ގަވާއިދާ ޚިލާފް މަސައްކަތްކުރާ ބިދޭސީން ހޯދައި ރާއްޖެއިން ޑިޕޯޓް ކުުރުން.

3. ސައްޚަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ބޭރުކުރުން

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގީގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާތަނަށް ވަނީ އެއްކޮށްފައެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހު ކުރިއަށްދާނެއެވެ.

އޮޕަރޭޝަން ކުރަނގި ފޭސް ތިނެއްގައި ކުރިއަށްދާނީ 2895 މީހުން ހޯދައި އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތާއި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ހޯދައި ޑީޕޯޓު ކުުރުމުގެ އިތުރުން ސައްޚަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތެވެ.

ވިޔަފާރިތަކުގަ މަސައްކަތް ކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ މުއްދަތު ހަމަވުމުގެ ކުރިއަށް ދެއްކުމަށް ބާރު އެޅުމުގެ ގޮތުން އެ ފަރާތްތަކަށް އެކަން އަންގައިދީ އަދި މިހާރު ވޯކް ޕާމިޓް ފީ ނުދެއްކިވާ ފަރާތްތައްވެސް ހިމެނޭ ގޮތަށް ވޯކް ޕާމިޓް ފީ ދައްކާ ފަރާތްތަަކަށް ލުއި ފަސޭހަ އިންތިޒާމުތަކެއް މި ފޭސްގެ ތެރެއިން ލިބިގެންދާނެއެވެ.

މިއާއެކު ދިވެހި ވިޔަފާރިވެރިންނަށް އެ މީހުން ގެންގުޅޭ ބިދޭސީ މަސައްކަތްތެރިން ޤަވާއިދުގެ ތެރޭގައި މަސައްކަތް ކުރުމަށް ހިތްވަރަކަށް ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު