ENGLISH

06 ޖުލައި 2026

Advertisement

ޕާޓީތަކުގެ އޮޑިޓް ރިޕޯޓް: އަދާލަތާއި އެމްއެންޕީން ހުށަނާޅާ، އެމްޑީޕީން ހުށަހެޅީ މުއްދަތު ހަމަވި ފަހުން

06 ޖުލައި 2026

|

އައިމިނަތު ޝަފާ

ދެ ޕާޓީއެއް ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން މިހާތަނަށް ސިޔާސީ ޕާޓީތަކުގެ އަހަރީ އޮޑިޓް ރިޕޯޓް ހުށަހަޅާފަައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. 

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 41 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުން ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު އެ ރިޕޯޓު، އިލެކްޝަންސް ކޮމިޝަނާ އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ޖެހެއެވެ.

ސިޔާސީ ޕާޓީތަކުގެ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަހަޅަންޖެހެނީ ހުސްވި މޭ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ކުރިންނެވެ.

އިލެކްޝަން ކޮމިޝަނަށް ސިޔާސީ ޕާޓީތަކުގެ އޮޑިޓް ރިޕޯޓް ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި ރިޕޯޓް ހުށަހަޅާފައި ވަނީ ހަތަރު ޕާޓީއަކުންނެވެ. އެއީ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ)، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)، ޖުމްހޫރީ ޕާޓީ (ޖޭ.ޕީ) އަދި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީ.އެން.އެފް) އިންނެވެ.  

އަދާލަތު ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީން މިހާތަނަށް އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާއިރު، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އޮޑިޓް ރިޕޯޓް ހުށަހަޅާފައިވަނީ މުއްދަތު ހަމަވީ ފަހުން ޖޫން މަހުގެ ހަތަރުވަނަ ދުވަހުއެވެ.

އޮޑިޓް ރިޕޯޓު ޕާޓީގެ ފަރާތުން ހުށަހެޅުމުން، އެ ރިޕޯޓުގައި ހިމެނިފައިވާ ކަންކަމަށް ރިއާޔަތްކޮށް، އެ ރިޕޯޓާ މެދު ދެކޭގޮތް ރިކޮމެންޑޭޝަންތަކާއެކު ރިޕޯޓު ހުށަހަޅާތާ އެއް މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި ކޮމިޝަނަށް އޮޑިޓާ ޖެނެރަލް ހުށަހަޅަންޖެހެއެވެ. އަދި އޮޑިޓް ރިޕޯޓު 90 ދުވަހުގެތެރޭގައި ކޮމިޝަނަށް ހުށަނާޅާ ޕާޓީތައް، 50،000 ރުފިޔާއިން ޖޫރިމަނާކުރުމުގެ އިހުތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ޕާޓީއެއް ޖޫރިމަނާކުރަން ނިންމައިފިނަމަ، އެކަން އެ ޕާޓީއަކަށް 15 ދުވަހުގެ ތެރޭގައި އަންގަން ޖެހެއެވެ. އަދި އެކަން އަންގާ ދުވަހުން ފެށިގެން މަސްދުވަހުގެ ތެރޭގައި، އެ ޕާޓީގެ ޖޫރިމަނާ ފައިސާ ކޮމިޝަނަށް ދައްކަންޖެހެއެވެ. ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ޖެހިގެން އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ޕާޓީއަށްދޭ ފައިސާގެ އެހީގެ ތެރެއިން، ނުދައްކައިހުރި ޖޫރިމަނާގެ ފައިސާގެ އަދަދު އުނިކުރުމަށް ވެސް ގަވައިދުން ލާޒިމުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު