ENGLISH

06 ޖުލައި 2026

Advertisement

ޕޯޗުގަލް އަތުން ބަލިވި މެޗުން ދަސްވި ކަންކަމުގެ އެހީގައި ނަތީޖާ އަނބުރާލުމަށް ސްޕެއިނުން އަމާޒުހިފައިފި

06 ޖުލައި 2026

|

މުޙައްމަދު އަދުހަމް

މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕެއިނުގެ ކޯޗު، ޑެ ލަ ފުއެންޓޭ ވާހަކަ ދައްކަނީ. ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި މިރޭ އަވަށްޓެރި ޕޯޗުގަލްއާ ދެކޮޅަށް ސްޕެއިން ނިކުތުމުގެ ކުރީން، މި ދެ ޓީމު އެންމެ ފަހުން ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ބައްދަލުކުރި މެޗުގެ ވީޑިއޯތައް އަލުން ބަލައި ދިރާސާކޮށްފައިވާ ކަމަށް ސްޕެއިނުގެ ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.

މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްޕެއިނުގެ ކޯޗު، ޑެ ލަ ފުއެންޓޭ ބުނީ، 2025 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލުގައި ދެ ޓީމު ބައްދަލުކުރި މެޗު ކުރިންވެސް އޭނާ ބަލާފައިވާ ކަމަށާއި، އެހެންނަމަވެސް މިދިޔަ ހަފްތާގައި އަލުން އެ މެޗު ދިރާސާކުރުމުގެ ގޮތުން ބަލާފައިވާ ކަމަށެވެ.

ޖަރުމަނުގެ މިއުނިކްގައި ކުޅުނު އެ މެޗު 2-2 އިން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން އެ މުބާރާތުގެ ތަށި ޕޯޗުގަލް ކާމިޔާބުކުރިއިރު، ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގެ މި މެޗަށް ސްޕެއިން ނުކުންނަނީ އެ މެޗުން ބަލިވުމުގެ ބަދަލުހިފުމުގެ އުއްމީދާއެކު އެވެ.

"މެޗުގައި ކުދިކުދި ކަންތައްތަކުން ވަރަށް ބޮޑު ތަފާތެއް ފެންނާނެ. އެހެންކަމުން، އިދިކޮޅު ޓީމާ ބެހޭގޮތުން އެނގޭ މިންވަރު އިތުރުވި ވަރަކަށް އަހަރެމެންނަށް ކުރާ ފައިދާ ބޮޑުވާނެ." ސްޕެއިނުގެ ކޯޗު، ޑެ ލަ ފުއެންޓޭ ބުންޏެވެ.

ސްޕެއިނުގެ ތަރި، ލަމީން ޔަމާލް. ފޮޓޯ: އޭޕީ

ޕޯޗުގަލް ޓީމާ ބެހޭގޮތުން ވީހާވެސް ގިނަ މައުލޫމާތު ރަނގަޅަށް ދެނެގަންނަން ބޭނުން ކަމަށާއި، ކޮންމެ ޓީމެއްގެ ވަރުގަދަ ސިފަތަކާއި ބަލިފައި އެނގުމަކީ މުހިއްމުކަމެއްކަން ޑެ ލަ ފުއެންޓޭ ފާހަގަކުރި އެވެ.

"އަހަރެން ދެކޭގޮތުގައި މި މެޗު ވަރަށް ތަފާތުވާނެ، ހަމައެކަނި ފުޓްބޯޅައިގެ ގޮތަކުން ނޫން. ދެ ޓީމުގެވެސް ފުޓްބޯޅަ ފަލްސަފާ އެއްގޮތް، ބޯޅަ ހިފަހައްޓައިގެން ކުޅެން ދެ ޓީމުންވެސް ބޭނުންވޭ. އެކަމަކު މިއީ ވޯލްޑް ކަޕް، މިއީ ލިބިގެންދާ ވަރަށް ތަފާތު އަދި ހާއްސަ ފުރުސަތެއް." ކޯޗު، ޑެ ލަ ފުއެންޓޭ ބުންޏެވެ.

ޑެ ލަ ފުއެންޓޭ ބުނީ، ޕޯޗުގަލްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗަކީ ނޮކްއައުޓް ބުރުގެ މެޗަކަށްވުމާއެކު އެ މެޗު ކާމިޔާބުކުރަން ގަދައަޅައި މަސައްކަތްކުރަން ޖެހޭނެ ކަމަށާއި، އޭނާގެ ޓީމުން ނިކުންނާނީ އެ އަޒުމުގައި ކަމަށެވެ. އަދި، އިދިކޮޅު ޓީމަށް މެޗު ކޮންޓްރޯލް ކުރަން ފުރުސަތު ނުދޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

ޑެ ލަ ފުއެންޓޭގެ ވާހަކައިގައި ވަނީ، ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ 'ޖީނިއަސް' އެއްގެ ގޮތުގައި ސިފަކޮށް، އޭނާ އަކީ އަދިވެސް ސްޕެއިން ޓީމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެފައެވެ. މި ދެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ރޮނާލްޑޯ ލަނޑުވެސް ޖެހިއެވެ.

މުބާރާތުގެ މެޗެއްގައި ލަނޑުޖެހުމަށްފަހު ޕޯޗުގަލްގެ ކެޕްޓަން، ރޮނާލްޑޯ (މ) އުފާ ފާޅުކުރަނީ. ފޮޓޯ: އޭޕީ

"ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުން އޭނާއަކީ ވަރަށް ބޮޑަށް ސަމާލުވާންޖެހޭ މީހެއް، ކޮންމެ ވަގުތެއްގައިވެސް މެޗުގެ ނަތީޖާ ބަދަލުކޮށްލުމުގެ ގާބިލުކަން އޭނާ އަށް ލިބިފައިވޭ." ޑެ ލަ ފުއެންޓޭ ބުންޏެވެ.

ރޮނާލްޑޯއާ ބެހޭގޮތުން ވާހަކަ ދައްކަމުން ޑެ ލަ ފުއެންޓޭ ބުނީ، ރޮނާލްޑޯ މާކުކުރަން ވަކި މީހަކު ހާއްސަނުކުރިނަމަވެސް، ދަނޑުގެ ނުރައްކާތެރި އޭރިއާ ތަކުގައި އޭނާ ހުރިނަމަ އެކަމާ ސަމާލުވާން ޖެހޭނެ ކަމަށެވެ.

އަދި، ރޮނާލްޑޯ މި މެޗުގައި ނުކުޅޭނެނަމަ އޭނާ ވަރަށް ބޮޑަށް އުފާވާނެ ކަމަށްވެސް ޑެ ލަ ފުއެންޓޭ ފާހަގަކުރި އެވެ. އެކަމަކު، މެޗަށް ނިކުންނާނީ ރޮނާލްޑޯ ކުޅޭނެ ކަމަށްވެސް ވިސްނައިގެން، އެކަމަށް ތައްޔާރުވެގެން ކަމަށް ޑެ ލަ ފުއެންޓޭ ބުންޏެވެ.

ސްޕެއިނުން ވޯލްޑް ކަޕުގައި ހޯދީ ހަމައެކަނި ކާމިޔާބީ ކަމަށްވާ، 2010 ވަނަ އަހަރުގެ ދެކުނު އެފްރިކާގައި ބޭއްވި މުބާރާތުގެ ތަށި އުފުލާލި ޓީމާއި މިހާރުގެ ޓީމާ ބައެއް ފަރާތްތަކުން އަޅާކިޔާ ވާހަކަތަކާ ގުޅޭގޮތުން ޑެ ލަ ފުއެންޓޭ ބުނީ، މާޒީގައި އެފަދަ ތާރީހީ ކާމިޔާބީއެއް ހާސިލްކޮށްފައިވާ ޓީމަކާ މިހާރުގެ ޓީމާ އަޅާކިޔާތީ އޭނާ ފަހުރުވެރިވާ ކަމަށެވެ.

ސްޕެއިނުގެ ޑިފެންޑަރު ކުބާސީ (ކ) އާއި ގޯލްކީޕަރު، އުނާއި ސިމޮން. ފޮޓޯ: އޭޕީ

"އެއީ ވަރަށް ފުރިހަމަ، ވަރަށް މޮޅު ޓީމެއް. މިހާރުގެ ކުޅުންތެރިންނަށް އަދި އެކައްޗެއްވެސް ނުލިބޭ، އެ މީހުން މަސައްކަތް އެކުރަނީ ކާމިޔާބީ ހާސިލްކުރަން." ޑެ ލަ ފުއެންޓޭ ބުންޏެވެ.

ޑެ ލަ ފުއެންޓޭގެ ވާހަކަ ނިންމާލަމުން ބުނީ، ސްޕެއިނަށް މުބާރާތުގެ ތަށި ލިބުނަސް ނުލިބުނަސް އެއީ ގޮންޖެހުން ބޮޑު ކަމެއް ކަމަށެވެ. އަދި، މިހާރުގެ ޓީމުގެ ކުރިމަގު އުޖާލާ ކަމަށާއި، ގިނަ ކުޅުންތެރިންގެ ކެރިއަރުގެ ބޮޑުބައި އަދި ކުރިއަށްއޮތީ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

ކުޅުންތެރިންގެ ކާމިޔާބީ ވަޒަންކުރެވެނީ ލިބޭ ތަށިތަކާއި މުބާރާތްތަކުން ކަމަށާއި، އޭނާގެ ޓީމުގެ ކުޅުންތެރިންނަކީ ކުރިއަށް އޮތް ތާނގައި އެފަދަ ކާމިޔާބީތަކަށް ވާދަކުރާނެ ކުޅުންތެރިން ކަމަށްވެސް ޑެ ލަ ފުއެންޓޭ ބުންޏެވެ.

ސްޕެއިނަށް ވޯލްޑް ކަޕް ކާމިޔާބުކުރެވޭނެ ކަން ނުވަތަ ނޫން ކަމާމެދު އެއްޗެއް ބުނުމަކީ އުނދަގޫ ކަމެއް ކަމަށްވެސް އޭނާ ބުންޏެވެ.                   

ކިޔުންތެރިންގެ ހިޔާލު