ENGLISH
06 ޖުލައި 2026
މާލޭ ތޮއްޖެހުން ކުޑަކުރުމަށް މުއައްސަސާތަކާއެކު ވަށާޖެހޭ ހައްލެއް ހޯދަނީ
06 ޖުލައި 2026
|
މާލޭގެ މަގުމަތީގައި ސައިކަލްތަކެއް ދުއްވާފައި ދަނީ. - ފޮޓޯ: ގޫގުލް
އެންމެ މަޤްބޫލު
މާލޭ ތޮއްޖެހުން ކުޑަކުރުމަށް މުއައްސަސާތަކާއެކު ވަށާޖެހޭ ހައްލެއް ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.
ވަޒީރާ ސުވާލުކުރައްވަން ލިބިވަޑައިގެންނެވި ވަގުތުގައި މެމްބަރު ޝުޖާއު ވިދާޅުވީ މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީގެ އަދަދު ކަނޑައެޅުމަކީ ގާނޫނޫން ކައުންސިލުތަކާ މަތިކޮށްފައިވާ ކަމެއްކަމަށެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި މި ތަފްސީލުތައް ހޯދުމަށް ތަކުރާރުކޮށް އޭރު އޮތް އެމްޑީޕީ ސަރުކާރުގެ ކިބައިން އެދުނު ނަމަވެސް އެ މައުލޫމާތު ފޯރުކޮށްދީފައިނުވާކަަމަށެވެ. އެހެންކަމުން ފާއިތުވީ އަހަރުތަކުގައި މާލެ ސަރަހައްދަށް ރަޖިސްޓްރީކުރެވިފައިވާ އުޅަނދުތަކުގެ ތަފްސީލަށް މެމްބަރު އެދިވަޑައިގެންނެވިއެވެ.
ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ދުއްވާއެއްޗެހި ގިނަވުމާއި ޕާކިންގެ މައްސަލައަކީ ރައްޔިތުންގެ ޝަކުވާތައް ހުށަހެޅެމުންދާ މައްސަލަތައް ކަމަށް ވީހިނދު އެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން މި މައްސަލަތަކަށް ހައްލު ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
" މީގެއިތުރުން ދަތުރުފަތުރާއި، އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާ އެއްކޮށްލައިގެން މިފަހުން މިގެނެވުނު ބަދަލާއެކު ކުރެވުނު މަޝްވަރާތަކުގެ ތެރޭގައިވެސް މި މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމުގެ މަސައްކަތްކުރަމުން މި ގެންދަނީ، މީގެ ތެރޭގައި ޕާކިންގެ މައްސަލަ، ޕާކިންގެ މައްސަލަތަކާ ގުޅިފައިހުރި ޓްރެފިކްގެ މައްސަލަތައް ފަދަ އެތައްކަމެއް ފުލުހުންނާއި، ތިމާވެއްޓާބެހޭ ވުޒާރާގެ އިތުރަށްވެސް ކަމާ ގުޅުންހުރި ވުޒާރާތަކާއެކު ވަރަށް ބާރަށް އެބަ ކުރިއަށް ގެންދަން،". ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ 2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި ރަޖިސްޓްރީކުރެވިފައިވާ ސައިކަލުތަކުގެ ތަފްސީލުތައް ހިއްސާކުރައްވާފައެވެ.
އެގޮތުން 2024 ވަނަ އަހަރު 11،622 ސައިކަލު މި ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި ނިމިދިޔަ 2025 ވަނަ އަހަރު 11،338 ސައިކަލު އަދި މިއަހަރުގެ މިހާތަނަށް 5،965 ސައިކަލު މި ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާކަމަށް ތަފާސްހިސާބުތަކާ ހަވާލާދެއްވައި ވަޒީރު ވިދާޅުވިއެވެ.
ގާނޫނާއި ގަވާއިދުގެ ތެރެއިން ނޫން ގޮތަކަށް އެއްގަމު އުޅަނދު ރަޖިސްޓްރީކުރުން ނިމުމަކަށް ގެނެސް، ގަރާޖުގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިންމު މަސައްކަތްތަކެއް ފެށީ މި ސަރުކާރުންނެވެ.
އަދި ވެހިކަލް ރަޖިސްޓްރޭޝަންގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން، ބާވެ ހަލާކުވުމުގެ ސަބަބުން މަގުމައްޗަށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނަގާ، މަގުތަކުގައި ޕާކުކުރުމަށް ހުރި ޖާގަތައް އިތުރުކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.