ENGLISH
06 ޖުލައި 2026
ކެންސަރު ބޭހެއްގެ ފޭކް އިންޖެކްޝަންތަކެއް އުޅޭކަން ޑަބްލިއުއެޗްއޯއަށް އެންގީ ރާއްޖެއިން
06 ޖުލައި 2026
|
ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑަޒަލެކްސް"، މީގެ ފޭކް ބެޗުތަކެއް އުޅޭކަން ރާއްޖެއިން ވަނީ ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނެސްފައި.
އެންމެ މަޤްބޫލު
ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑަޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކް ބެޗުތަކެއް އުޅޭކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް އެންމެ ފުރަތަމަ ރިޕޯޓުކުރީ ރާއްޖެއިން ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ރާއްޖޭގެ އިތުރުން މެކްސިކޯއިން ވެސް މި ބާވަތުގެ ފޭކް އިންޖެކްޝަންތައް ފެނިގެން ރިޕޯޓުކޮށްފައިވެއެވެ.
ޑަބްލިއުއެޗުއޯގެ ބަޔާނުގައި ބުނެފައިވަނީ މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި މެކްސިކޯގެ ކަމާބެހޭ އިދާރާތަކުން މިދިޔަ މެއި އަދި ޖޫން މަހުގެ ތެރޭގައިކަމަށެވެ.
މި ބޭސްތައް ފެނިފައިވަނީ ހުއްދަ ނެތް ސަޕްލަޔަރުންގެ އަތުންނާއި ބައެއް ހޮސްޕިޓަލްތަކުންކަމަށް ބަޔާނުގައި ބުންޏެވެ.
މި ބޭހުގެ އަސްލު ނޫން އިންޖެކްޝަންތައް ދައުރުވަމުންދާތީ، އޭގެ ސަބަބުން ބަލިމީހުންގެ ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެ ޖަމިއްޔާއިން ދީފައިވެއެވެ. ޑަބްލިއުއެޗްއޯ އިން ބުނީ، ބޭހުގެ އަސްލު ނޫން މާއްދާތައް ހުރުމުގެ ސަބަބުން ބަލިމީހާއަށް ދޭންޖެހޭ ފަރުވާ ފުރިހަމަ ނުވުމާއި، އިތުރު ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އޮންނަ ކަމަށެވެ.
މިކަމާ ގުޅިގެން ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ "ޑަޒަލެކްސް" ބޭހުގެ ފޭކް ބެޗުތަކެއް އުޅޭކަން އެންމެ ފުރަތަމަ ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައީ ރާއްޖެއިންކަމަށެވެ. ރާއްޖެ ކަހަލަ ކުޑަ ގައުމަކުން އަމިއްލައަށް އެކަން ރިޕޯޓުކުރުމަކީ ރާއްޖޭގައި ބޭސްތައް ޓެސްޓުކުރުމުގެ ނިޒާމުގެ ހަރުދަނާކަން ހާމަވާ ކަމެއްކަމަށް ވުޒާރާއިން ބުންޏެވެ.
އެ ބޭހަކީ ރާއްޖޭގެ އެެއްވެސް ބޭސް ފިހާރައަކުން ވިއްކި ބޭހެއް ނޫންކަމަށާއި އެ އިންޖެކްޝަނަކީ ރާއްޖެއިން ބޭރަށް ކެންސަރުގެ ފަރުވާއަށް ދިޔަ މީހެއްގެ ޕްރިސްކްރިޕްޝަނަށް ގެނައި އިންޖެކްޝަނެއްކަމަށް ވުޒާރާއިން ބުންޏެވެ. ޑޮކްޓަރަށް ދެއްކުމުގެ މަރުހަލާގައި އެ އިންޖެކްޝަނަކީ ފޭކް އިންޖެކްޝަނެއްކަން ފާހަގަވުމާއެކު އެ ޕޭޝަންޓު ގަޔަށް ވެސް އިންޖެކްޝަން ޖަހާފައިނުވާނެކަމަށް ވުޒާރާއިން ބުންޏެވެ.
"ޑާޒަލެކްސް" އަކީ އާންމުކޮށް "މަލްޓިޕަލް މައިލޯމާ" ނަމަކަށް ކިޔާ ކެންސަރުގެ ބާވަތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހެކެވެ.