ENGLISH

06 ޖުލައި 2026

Advertisement

ކްލަސިކް: އެވްސެކް، ސީއާރްސީ އަދި އެމްއީޑީޓީޓީ ކުއާޓާއަށް

06 ޖުލައި 2026

|

އިސްމާއިލް ޝާހު

ކްލަސިކުގައި އެވްސެކް އާއި އެޗްޕީއެސްއެން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ ކްލަސިލް 2026 ގެ ކުއާޓާ ފައިނަލަށް ކުލަބު އެވްސެކް، ކުލަބު ކްރިމިނަލް ކޯޓު (ސީއާރްސީ) އަދި އިޤުތިޞާދީި ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ (އެމްއީޑީޓީޓީ) ދަތުރުކޮށްފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ކްލަސިކް މުބާރާތުގައި 19 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ، ބީ އަދި ސީގައި ފަސް ޓީމު ހިމެނެއެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ ހަތަރު ޓީމެވެ.

ކްލަސިކުގައި ޕެމާ އާއި ބަންޑާރަ ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި މުބާރާތުގެ ކުއާޓާގެ ޖާގައެއް ގްރޫޕް އޭގައި ހިމެނޭ އެވްސެކް އިން ހޯދީ ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި 4-1 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ޓީމު އެޗްޕީއެސްއެން ބަލިކުރުމަށްފަހުއެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ރޭ ރައްޔިތުންގެ މަޖިލިސް އިދާރާ (ޕެމާ) އިން ވަނީ 10-4 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަންޑާރަ ކުލަބު ބަލިކޮށްފައެވެ.

ރޭގެ މެޗުތަކާ ކުރިމަތިލުމުގެ ކުރިން މި ގްރޫޕުގެ އެއްވަނައިގައި އޮތް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް، 12 ޕޮއިންޓާއެކު ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ރޭގެ މޮޅާއެކު އެވްސެކަށް ދެވަނަ ލިބުނީ ނުވަ ޕޮއިންޓާއެކުއެވެ. ތިންވަނައަށްދިޔަ އެޗްޕީއެސްއެންއަށް ހަ ޕޮއިންޓް ލިބުނުއިރު، ހަތަރުވަނައިގައި ނިންމި ޕެމާއަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އަދި ފުލަށްދިޔަ ބަންޑާރަ ކުލަބަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކްލަސިކުގައި ސީއާރްސީ އާއި އެސްއެމްއީ ޑިޖިޓަލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މީގެ އިތުރުން ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރީ ސީއާރްސީން ވަނީ ރޭ ކުޅުނު މެޗުގައި ކުލަބު އެސްއެމްއީ ޑިޖިޓަލް އަތުން ފަސޭހަކަމާއެކު 7-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި ގްރޫޕުގެ އަނެއް މެޗުގައި 5-1 ގެ ނަތީޖާއަކުން ހެލްތު ރެކްރިއޭޝަން ކުލަބު ބަލިކޮށް، ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރީ އެމްއީޑީޓީޓީއެވެ.

ކްލަސިކުގައި އެމްއީޑީޓީޓީ އާއި ހެލްތު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި ނަތީޖާތަކާއެކު ގްރޫޕް ބީގެ އެއްވަނަ ސީއާރްސީއަށް ލިބުނީ 10 ޕޮއިންޓާއެކުއެވެ. ދެވަނައަށް ދިޔަ އެމްއީޑީޓީޓީއަށް ނުވަ ޕޮއިންޓް ލިބުނުއިރު، ތިންވަނަ ހޯދި ކުލަބު ޑީޖޭއޭއަށް ލިބުނީ ފަސް ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި ނިންމި ހެލްތަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ފުލަށްދިޔަ އެސްއެމްއީ ޑިޖިޓަލަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް މިރޭ ކުޅެވިގެންދާނެއެވެ.

  • ކުލަބު ބިނާރާ - ޕީއެސްއެމް (20:15)
  • ތަޢުލީމީ ގުޅުން - ވިޒިޓް މޯލްޑިވްސް (20:15)
  • ކުލަބު ބީސީސީ - ދިވަރު އާރްސީ (21:30)
  • ފައިނޭންސް އާރްސީ - ކުޅިވަރާ ބެހޭ ވުޒާރާ (21:30)
ކިޔުންތެރިންގެ ހިޔާލު