ENGLISH
02 ޖޫން 2025
ލެސްޓަރ ބަލިކޮށް ލިވަޕޫލް ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފި
27 ޑިސެމްބަރު 2024
|
ލެސްޓަރ ކޮޅަށް ލަނޑުޖެހުމަށްފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނައިގައި އުޅޭ ލިވަޕޫލުން ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ލެސްޓަރ ސިޓީ ބަލިކޮށް، ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
މި ނަތީޖާއާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 17 މެޗުން 42 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް ޗެލްސީ އަށް އެއް މެޗު އިތުރަށް ކުޅެގެން ލިބިފައިވަނީ 35 ޕޮއިންޓެވެ. އެއް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ނޮޓިންގހަމް ފޮރެސްޓެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗު ފެށިގެން ހަވަނަ މިނެޓުގައި، ހީކުރި ގޮތާއި ޚިލާފަށް ލީޑު ނެގީ ލެސްޓަރ އިންނެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ ޖޯޑަން އަޔޫ އެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ލިވަޕޫލުން އެއްވަރުކުރީ ކޯޑީ ގަކްޕޯ ވައްދާލި ހިތްގައިމު ލަނޑުންނެވެ. މި ގޯލާ އެކު ދެ ޓީމުން މި ހާފު ނިންމާލީ 1-1 އިން އެއްވަރުވެގެންނެވެ.
މި މެޗުގައި ލިވަޕޫލުން ފުރަތަމަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި އަލެކްސިސް މެކް އެލިސްޓާ ދިން ޕާހަކުން ކާޓިސް ޖޯންސް ކާމިޔާބުކުރި ގޯލުންނެވެ. އަދި، އޭގެފަހުން މެޗު ނިމެން އަށް މިނެޓަށްވެފައިވަނިކޮށް މިސްރުގެ ފޯވާޑް، މުޙައްމަދު ސަލާހު ވަނީ ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މިއީ ލީގުގައި އޭނާ ޖެހި 16 ވަނަ ގޯލެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޗެލްސީގެ ދަނޑުގައި އެ ޓީމުން ވަނީ 2-1 އިން ފުލަމް އަތުން ބަލިވެފައެވެ.
ވުލްވްސްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުން ބަލިވީ 2-0 އިންނެވެ. ނޮޓިންގހަމް އަތުން 1-0 އިން ޓޮޓްނަމް ހޮޓްސްޕަރ ބަލިވިއިރު، ނިއުކާސަލް ޔުނައިޓެޑުން ވަނީ 3-0 ގެ ނަތީޖާއަކުން އެސްޓަން ވިލާ އަތުން މޮޅުވެފައެވެ.