ENGLISH
06 ޖުލައި 2026
މަތިވެރީ ސްކޫލްގެ އާ އިމާރާތުގެ ދެވަނަ ފަންގިފިލާގައި ސިމިންތި ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ
05 ޖުލައި 2026
|
މަތިވެރީ ސްކޫލްގައި ތަރައްގީކުރާ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
އއ. މަތިވެރި ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ 12 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މިހާރު ކުރަމުން އަންނަނީ ދެވަނަ ފަންގިފިލާގައި ސިމިންތި ޖެހުމުގެ މަސައްކަތްތަކެވެ. މީގެ އިތުރުން ފުރަތަމަ ފަންގިފިލާގެ ކަރަންޓްގެ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.
މަތިވެރީ ސްކޫލްގައި ތަރައްގީކުރާ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: އެމްޓީސީސީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރައްވަމުންދާ މަސައްކަތްޕުޅުތަކުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ މަތިވެރި ސްކޫލްގެ ދަރިވަރުންނަށް އުނގަންނައިދިނުމަށް އެކަށީގެންވާ ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ހިންގޭ މުހިންމު މަޝްރޫޢެކެވެ.
މި އިމާރާތް ނިމުމުން، ސްކޫލުގެ ކިޔަވައިދިނުމުގެ ކަންކަން އެއް ދަންފަޅިއަށް ބަދަލުކުރުމަށާއި، ސްކޫލްގައި އިތުރު ހަރަކާތްތައް ކުރިއަަށް ގެންދިއުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް މަލްޓިޕާޕަސް ހޯލާއެކު ސްކޫލުގެ ތަފާތު ޖަލްސާތަކާއި ކުޅިވަރު ހަރަކާތްތައް ބޭއްވުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބޭނެއެވެ.
މަތިވެރި ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައި، ދަރިވަރުންނާއި މުދައްރިސުންގެ ބޭނުމަށް ހުޅުވައިލުމަކީ ސަރުކާރުގެ އަމާޒެކެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ރަށްތަކުގެ ތަޢުލީމީ ފެންވަރު މަތިކުރުމަށް މިހާރުގެ ސަރުކާރުން ދެއްވާ އިސްކަމުގެ ހެއްކެކެވެ.