ENGLISH

06 ޖުލައި 2026

Advertisement

ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި

05 ޖުލައި 2026

|

އައިމިނަތު ޝަފާ

ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ލައްކައަކަށްވުރެ ގިން ރުފިޔާ މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ހޯދާފައި.

ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ލައްކައަކަށްވުރެ ގިން ރުފިޔާ މިދިޔަ ހަފްތާގެ ތެރޭގައި ކާމިޔާބުކަމާއެކު އަނބުރާ ހޯދިފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ. 

އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ހަފްތާގަ ސްކޭމްގެ 46 މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ. 

މި މައްސަލަތަކުގައި 325,485 ރުފިޔާ ގެއްލުނެވެ. ސްކޭމްގެ މައްސަލަތަކުގައި ގެއްލޭ ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މިދިޔަ ހަފްތާގައި 195,934.39 ރުފިޔާ އަނބުރައި ހޯދާފައިވާކަމަށް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ.

މިދިޔަ ހަފްތާގައިވެސް ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި (އީ-ކޮމާސް)ގެ މައްސަލަތަކެވެ. އެބާވަތުގެ 30 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. 

ފުލުހުންނަށް ރިޕޯޓުކުރި ސްކޭމްގެ ބާވަތްތައް: 

އީ-ކޮމާސް: 30 މައްސަލަ

ފައިސާ މާރުކުރުމުގެ މައްސަލަތައް: 4 މައްސަލަ

އެހެނިހެން: 12 މައްސަލަ

ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭއާއި، އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި، ފިޝިން ލިންކުތަކުގެ އިތުރުން ފޭސްބުކް މާކެޓް ޕްލޭސްއެވެ. 

އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސް ސްކޭމްތަކަކީ މިހަފްތާގައިވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތައްކަމަށްވުމުން އޮންލައިންކޮށް ވިޔަފާރިކުރާއިރު އަބަދުވެސް މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި ނޭނގޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ފޮނުވުމުގެ ބަދަލުގައި، އިތުބާރު ހިފޭ ވަސީލަތްތައް ބޭނުންކުރުން ނުވަަތަ މުދާ ލިބުމުންނޫނީ ފައިސާ ނުފޮނުވުމަށް ވެސް ފުލުހުން އަންނަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު