ENGLISH

05 ޖުލައި 2026

Advertisement

ޔޫތު ޗެމްޕިއަންޝިޕް: ޓީސީ ބަލިކޮށް އޮޑި ސްޕޯޓްސް އެއްވަނައަށް

05 ޖުލައި 2026

|

އިސްމާއިލް ޝާހު

ޔޫތު ޗެމްޕިއަންޝިޕުގައި އޮޑި ސްޕޯޓްސް އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026 ގައި ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް، ތާވަލުގެ އެއްވަނައަށް އޮޑި ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ.

މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ހަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ ޓީސީ އާއި، އޮޑި ސްޕޯޓްސްގެ އިތުރުން ކެޔޮދޫ އާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ބުރު ސްޕޯޓްސް ކުލަބެވެ. ލީގު އުސޫލުން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ފައިނަލަށް ދަތުރުކުރާނީ ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން އޮޑި ސްޕޯޓްސް މޮޅުވީ ޓީސީ އަތުން 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި އޮޑި ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ އަހުޒަމް ރަޝީދެވެ. މި މެޗުން އޮޑި ސްޕޯޓްސް މޮޅުވިއިރު، އެ ޓީމުން މި މެޗުގެ ދެވަނަ ހާފު ފުރިހަމަކޮށްފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް އަލީ އައިހަމަށް ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް އޮޑި ސްޕޯޓްސް ޖެހިލީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މާޒިޔާއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، މިއަދުގެ މެޗުން ބަލިވި ޓީސީ އޮތީ ތާވަލުގެ ފުލުގައި ޕޮއިންޓެއް ނުލިބިއެވެ. މިހާތަނަށް ކުޅުނު ތިން މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ބުރު ސްޕޯޓްސް އާއި މާޒިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު