ENGLISH
05 ޖުލައި 2026
ހިންނަވަރު ފުޓްސަލް ދަނޑު ވަޒީރު ރާފިޢު ހުޅުއްވައިދެއްވައިފި
05 ޖުލައި 2026
|
ހިންނަވަރު ފުޓްސަލް ދަނޑު ވަޒީރު ރާފިޢު ހުޅުއްވައިދެއްވަނީ --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ޅ. ހިންނަވަރު ފުޓްސަލް ދަނޑު ހުޅުއްވައިދެއްވައިފިއެވެ.
ސަރުކާރުން ހިންނަވަރުގައި ގާއިމުކުރި ފުޓްސަލް ދަނޑަކީ އެ ރަށުގެ ކުރީގެ ފުޓްސަލް ދަނޑު ހަލާކުވިތާ 8 އަހަރު ފަހުން އެ ރަށުގައި ގާއިމުކުރި ދަނޑެކެވެ.
ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، މި ދަނޑާއެކު އެ ރަށާއި އަތޮޅަށް ފުޓުސަލް މުބާރާތްތައް ބޭއްވުމާއި، ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ހިންނަވަރު ފުޓްސަލް ދަނޑު ވަޒީރު ރާފިޢު ހުޅުއްވައިދެއްވުމަށްފަހު --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
މި ދަނޑުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރީ 2025 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެހެންކަމުން އެ ކުންފުނިން ދަނޑުގެ މަސައްކަތް ނިންމާފައިވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައެވެ.
އާރްޑީސީން ކުރިއަށްގެންދިޔަ މި މަޝްރޫއަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގުރާމުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
ހިންނަވަރު ފުޓްސަލް ދަނޑު ހުޅުއްވައިދެއްވުމަށްފަހު ވަޒީރު ރާފިޢު ގަނޑިޔަ ފުޓްސަލް ޗެލެންޖް ފައްޓަވާދެއްވަނީ --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
އައު ފުޓްސަލް ދަނޑު ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތަށްފަހު، ވަޒީރު ރާފިޢު ވަނީ ހިންނަވަރުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ގަނޑިޔަ ފުޓްސަލް ޗެލެންޖް" ފައްޓަވާދެއްވާފައެވެ. މިއީ ކުރީގެ ފުޓްސަލް ދަނޑު ހަލާކުވުމުގެ ސަބަބުން އެ ރަށުގައި ފުޓްސަލް މުބާރާތެއް ނުބޭއްވި އޮތުމަށްފަހު އެ ރަށުގައި ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ. މި މުބާރާތުގައި އެ ރަށުގެ 14 ޓީމެއް ބައިވެރިވެއެވެ.