ENGLISH

18 އޭޕްރީލު 2025

Advertisement

އެވަޓަން އަތުން ވެސް ސިޓީ މޮޅެއްނުވި

26 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

އެވަޓަންއާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަޓަންއާ 1-1 އިން އެއްވަރުވެ، މެންޗެސްޓަރ ސިޓީން މޮޅެއް ނުލިބި ޖެހިޖެހިގެން ފަސްވަނަ މެޗު ނިންމާލައިފިއެވެ.

މިއީ ޕްރިމިއާ ލީގުގައި ސިޓީން މޮޅެއް ނުލިބި ނިންމާލަން ޖެހުނު ހަތަރުވަނަ ފަހަރެވެ. ދެ މެޗުން ބަލިވިއިރު، އަނެއް ދެ މެޗުން ވީ އެއްވަރެވެ.

އިއްތިހާދު ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ޖެހީ ފުރަތަމަ ހާފުގައެވެ.

މި މެޗު ފެށިގެން 14 ވަނަ މިނެޓުގައި ސިޓީން ލީޑު ނެގީ ބެނާޑޯ ސިލްވާ ކާމިޔާބުކުރި ގޯލުންނެވެ.

އޭގެފަހުން، މެޗުގެ 36 ވަނަ މިނެޓުގައި އިލިމަން އެންޑިއާޔޭ ވައްދާލި ލަނޑާއެކު އެވަޓަނުން ވަނީ އެއްވަރުކޮށްފައެވެ. މި ގޯލާއެކު ދެ ޓީމު ފުރަތަމަ ހާފު ނިންމާލީ 1-1 އިން އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ސިޓީ އަށް އަލުން ލީޑު ނަގަން ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. މެޗުގެ 53 ވަނަ މިނެޓުގައި ސިޓީގެ ނޯވޭ ފޯވާޑް، އާލިން ހާލަންޑް ފޮނުވާލި ޕެނަލްޓީ އެވަޓަންގެ ގޯލްކީޕަރު، ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފައެވެ.

މި ނަތީޖާއާއެކު ސިޓީ ވަނީ ތާވަލްގެ ހަތްވަނަ އަށް ވެއްޓިފައެވެ. އެ ޓީމަށް 18 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. ސިޓީއާ ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލާއި ދެމެދު 11 ޕޮއިންޓްގެ ފަރަގެއް އެބަހުއްޓވެ.

އެވަޓަން ވަނީ 17 މެޗުން 17 ޕޮއިންޓް ހަމަކޮށް، ތާވަލްގެ 15 ވަނަ އަށް ޖެހިލާފައެވެ.

ކިޔުންތެރިންގެ ހިޔާލު