ENGLISH

05 ޖުލައި 2026

Advertisement

ޓެކްނިކަލް އިންގިލާބަކާއެކު، ސޭންޑީގެ "ދެވި" ދިވެހި ސިނަމާއަށް އަންނަނީ

05 ޖުލައި 2026

|

އާމިނަތު ނުޒްލާ

ދިވެހި ފިލްމް "ދެވި" ކަވަރ ފޮޓޯ - ފޮޓޯ: ޔާރާ ޕްރޮޑަކްޝަންސް

ރާއްޖޭގެ ފިލްމީ ދާއިރާގައި އުފެއްދާ އެންމެ ޓެކްނިކަލީ ވަރުގަދަ އެއް ފިލްމު " ދެވި"، އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޙުސައިން ޙާޒިމް (ސޭންޑީ) ބުނެފިއެވެ.

އެގޮތުން ސޭންޑީ ފާހަގަކުރިގޮތުގައި މި ފިލްމަކީ ބިޔަ ޕްރޮޖެކްޓަކަށް ވެފައި، ފިލްމު އުފެއްދުމަށް ބޮޑު ބަޖެޓެއް ބޭނުންވާނެ ކަމަށެވެ. ރާއްޖޭގެ ގިނަ ޕްރޮޑިއުސަރުންނަށް މި ފިލްމް އުފެއްދުމަށް ހުށަހެޅުމުން މި ފިމްލް އުފެއްދުމަށް އެމީހުން ނޫނެކޭ ބުނެފައިވާކަން ސޭންޑީ ފާހަގަކުރިއެވެ. ސަބަބެއް ކަމަށް ފާހަގަކޮށްފައިވަނީ މި ޕްރޮޖެކްޓްގެ ބޮޑު ކަމެވެ. އެހެންނަމަވެސް ޔާރާ ޕްރޮޑަކްޝަން އިން މި ބިޔަ ޕްރޮޖެކްޓް ހެދުމަށް އެއްބަސްވުމާއި ގުޅިގެން "ދެވި" ފިލްމް ސިނަމާއަށް ގެނައުމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ސޭންޑީ ބުންޏެވެ.

"ދެވި" އަކީ ފިލްމީ ތަރި އައްޒަ ޕްރޮޑިއުސް ކުރާ ފުތަރަމަ ފިލްމެވެ. އަދި މީގެ އިތުރުން މި މިފިލްގެ ލީޑް ބަތަލާގެ ގޮތުގައިވެސް ފެނިގެންދާނީ އައްޒައެވެ.

މި ފިލްމް ހަމައެކަނި ޑައިރެކްޓްކުރުމުގެ ބަދަލުގައި ސޭންޑީ ވަނީ ހުނަރުވެރި ލިޔުންތެރިޔާ ޝަހުދާއާ ގުޅިގެން މި ފިލްމުގެ ސްކްރީންޕްލޭ ލިޔެ ތައްޔާރު ވެސް ކޮށްފައެވެ. އެގޮތުން މިފިލްމަކީ ކާމިޔާބު ފިލްމަކަށް ހެދުމަށްޓަކައި ސޭންޑީ އަންނަނީ ފިލްމްގެ ހުރިހާ ކަމެއް ގާތުން ބަލަމުން އަދި ހުރިހާ މަސައްކަތްތަކެއްގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުންނެވެ. ސޭންޑީ ގަބޫލުކުރާ ގޮތުގައި މި ފިލްމް ވެގެންދާނީ ދިވެހި ސިނަމާއަށް އިންގިލާބީ ބަދަލެއް ގެންނާނެ މާސްޓާޕީސްއަކަށެވެ.

ސޯޝަލް މީޑިއާގައި މި ފިލްމްގެ ނަން އިއުލާންކުރުމާއެކު، އާއްމުންގެ ފަރާތުން އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ސޭންޑީ ބުނީ، "ދެވި" ވެގެންދާނީ މިފަހުގެ ތާރީޚެއްގައި ރާއްޖޭގެ ފިލްމީ ދާއިރާގައި ކުރެވޭ ފަންނީ އެންމެ ބޮޑު، އަދި އެންމެ ބުރަ މަސައްކަތަށެވެ. ޕްރޮޑަކްޝަން ޓީމުން ބުނާގޮތުގައި ސޭންޑީގެ މި ވިޝަން ސްކްރީނަށް ގެނެވޭ ގޮތަކީ ޙަޤީޤަތުގައިވެސް ދިވެހި ފިލްމީ ދާއިރާއަށް އަންނާނެ ބޮޑު ޓެކްނިކަލް އިންގިލާބެކެވެ.

އިތުރަށް ސޭންޑީ ފާހަގަކުރިގޮތުގައި މި ފިލްމުގެ އެންމެ ޚާއްސަ އެއް ކަމަކީ، ފިލްމުގައި ހިމެނޭ ވަރަށް ބޮޑެތި އަދި އެހާމެ ނުރައްކާތެރި މަންޒަރުތައް ނެގުމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) ގެ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް (އެސްއޯޖީ) ގެ ޚާއްސަ ޓީމަކުން ފިލްމުގެ ކުރޫއާއެކު ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ ކަމެވެ. މިކަމުންވެސް މި ފިލްމުގެ އެކްޝަން މަންޒަރުތަކުގެ ސްކޭލް އާއި ވަރުގަދަކަން ހާމަވެގެންދެއެވެ.

ސޭންޑީއަކީ ދިވެހި ފިލްމީ ދާއިރާއަށް ތަފާތު މޮޅު އުފެއްދުންތަކެއް ގެނެސްދީފައިވާ ފަރާތެކެވެ. އެގޮތުން މި ފިލްމަކީ އޭނާ ފުރަތަމަ ޑައިރެކްޓްކުރާ ފިލްމެވެ. "ދެވި" ޕްރޮޑަކްޝަން ޓީމް އިން ފާހަގަކުރިގޮތުގައި އެކްޓަރުންގެ ހުނަރު ނެރުމަށްޓަކައި ގޮޑީގައި ހަމައެކަނި އިށީނދެ އިނދެ އޯޑަރު ކުރުމުގެ ބަދަލުގައި، ސޭންޑީ އަންނަނީ ހުރިހާ ދާއިރާއަކުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަދު "ދެވި" ގެ ނަން އިއުލާނުކުރުމާއެކު، ދިވެހި ސިނަމާގެ މިސްރާބު މިވަނީ އައު ދިމާއަކަށް އެނބުރިފައެވެ. އައްޒަ ޕްރޮޑިއުސްކޮށް ސޭންޑީގެ މޮޅު ޑައިރެކްޝަން ގުޅިގެން ނެރޭ މި ފިލްމަކީ، މިއަހަރު ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރާނެ، އަދި ފިލްމީ ދާއިރާގެ ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނެ އުފެއްދުމަކަށް ވާނެކަނެކަމުގެ ޔަގީންކަން ސޭންޑީ ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު