ENGLISH

18 އޭޕްރީލު 2025

Advertisement

ޖަނަވަރީގައި ޓޮޓްނަމުން އިތުރު ކުޅުންތެރިން ގެންނާނެ: ޕޮސްޓެކޮގްލޫ

26 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ޓޮޓްނަމްގެ ކޯޗު، ޕޮސްޓެކޮގްލޫ (ކ) އެ ޓީމު ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ޕްރިމިއާ ލީގު

ކުރިއަށް އޮތް ޖަނަވަރީ މަހު ހުޅުވޭ ޓްރާންސްފާ ބާޒާރުގައި ޓޮޓްނަމް ހޮޓްސްޕަރ އިން ކުޅުންތެރިން ހޯދުމަށް މަސައްކަތްކުރާނެ ކަމަށް އެ ޓީމުގެ ކޯޗު، އަންގޭ ޕޮސްޓެކޮގްލޫ ބުނެފިއެވެ.

އަނިޔާގެ ސަބަބުން މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުލައި މި ވަގުތު ކުޅެމުންއަންނަ ޓޮޓްނަމުން ލީގުގައި ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ވަނީ ހުރަސްއެޅިފައެވެ.

ޓޮޓްނަމްގެ ކޯޗު، ޕޮސްޓެކޮގްލޫ އަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑިފެންސްގައި ހިމެނޭ އެންމެ މުހިއްމު ކުޅުންތެރިންނަށް އަނިޔާވެފައިވުމުން ބަދަލުގައި އެކަށޭނަ ރަނގަޅު ކުޅުންތެރިން ސްކޮޑުގައި ނެތުމެވެ.

ޕޮސްޓެކޮގްލޫ ބުނީ، ޖަނަވަރީ މަހުގެ އެއްވަނަ ދުވަހު ހުޅުވޭ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކަކީ މިހާރުގެ ހާލަތަށް އެކަނި ރިޢާޔަތްކޮށް ކުރަން އުޅޭ ކަމެއް ނޫން ކަމަށެވެ.

މީގެކުރީން ވެސް ސްކޮޑު އިތުރަށް ވަރުގަދަ ކުރުމަށް ކުޅުންތެރިން ގެނައުމުގެ މަސައްކަތްކުރުމަށް އޮތީ މަޝްވަރާކުރެވިފައިވާ ކަމަށާއި، މިއީ ކުރިއާލާ ރޭވިގެން ކުރުމަށް ތައްޔާރުވަމުންދާ މަސައްކަތްތަކެއް ކަމަށް ޕޮސްޓެކޮގްލޫ ބުންޏެވެ.

އެގޮތުން، ޕޮސްޓެކޮގްލޫ ބުނީ، ޓޮޓްނަމް ޓީމަށް މި ވަގުތު ގިނަ މަގާމުތަކަކަށް ކުޅުންތެރިން ހޯދުމަށް ޖެހިފައިވާ ކަމަށާއި، އެންމެ ބޮޑު އިސްކަމެއް ދޭނީ މިހާރު އޮތް ޓީމު އިތުރަށް ވަރުގަދަވެގެންދާނެ ފަދަ ކުޅުންތެރިން ހޯދުމަށް ކަމަށެވެ.

އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލަށް ޓޮޓްނަމް ދަތުރުކޮށްފައިވާއިރު، ޔުއެފާ ޔުރޮޕާ ލީގާއި، ޕްރިމިއާ ލީގުގެ އިތުރުން އެފްއޭ ކަޕްގައި ވެސް ނަތީޖާތައް ރަނގަޅު ކުރުމަަށް އަމާޒުހިފާފައިވާ ކަމަށް ޕޮސްޓެކޮގްލޫ ބުނެއެވެ.

މިހާތަނަށް އައިއިރު ޓޮޓްނަމުން ވަނީ ދެކުނު ކޮރެއާގެ ޒުވާން ވިންގް، ޔަންގ މިން-ޔެއޯކްގެ ސޮއި ހޯދައިފައެވެ. މިއީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ގަންގްވޯން އެފްސީ އާއެކު ބޭއްވި މަޝްވަރާތަކަށްފަހު އެއްބަސްވުމަކަށް އައިސްގެން ފުރިހަމަކުރި ޑީލެކެވެ.

ޓޮޓްނަމްގައި މި ވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި، އެއްވަނަ ގޯލްކީޕަރު، ގުގްލިއެމޯ ވިކާރިއޯގެ އިތުރުން ޑިފެންސްގެ މުހިއްމު ކުޅުންތެރިން ކަމަށްވާ، ކްރިސްޓިއަން ރޮމޭރޯ އާއި މިކީ ވެން ޑެ ވެން އަދި ބްރެޒިލްގެ ފޯވާޑް، ރިޗާލިސަން ހިމެނެއެވެ.

ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު ޓޮޓްނަމް އަށް 17 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ. އެ ޓީމަށް ލިބިފައިވަނީ 11 ވަނައެވެ.

ކިޔުންތެރިންގެ ހިޔާލު