ENGLISH

04 ޖުލައި 2026

Advertisement

ފަށާ ތައުލީމު މަރުހަލާގެ ފޮތް ސެޓް ނެރެފި

04 ޖުލައި 2026

|

އަޙުމަދު ޙަމީދު

ފަށާ ތައުލީމު މަރުހަލާގެ ފޮތް ސެޓް ނެރުން

ފަށާ ތައުލީމު މަރުހަލާގެ ފޮތް ސެޓް ނެރެފި އެވެ.

މިފޮތް ސެޓް ނެރެދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ޑރ ޝަހީމް އަކީ މިމަޝްރޫގެ މަސްޢޫލުވެރިޔާވެސް މެއެވެ.

ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ މިއީ ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދިޔަ ތައުލީމީ ތަރުބަވީ އިސްލާމީ މުހިންމު މަޝްރޫޢެއް ކަމަށެވެ. މިއީ 2021 ގައި ފެށި މަޝްރޫޢެއް ކަމަށާއި 65 ފޮތް ހިމެނޭ މި މަޝްރޫޢުގައި ބޭބީ ނާސަރީ، ނާސަރީ، އެލްޖޭޖީ، ޔޫކޭޖީ މަރުޙަލާގެ ފޮތް ހިމެނޭ ކަމަށެވެ.

މި މަރުޙަލާތަކުގައި ޤައުމީ މަންހަޖުގައި ހިމެނޭ ހުރިގައި މާއްދާތަކެއްގެ ފޮތްތަކުގެ އިތުރުން، އިސްލާމީ އަދަބު އަޚްލާޤައި ޢަރަބި މާއްދާއެއް ވެސް ހިމެނޭނެ ކަމުގައި ވަޒީރު ވިދާޅުވި އެވެ.

“އިސްލާމީ ތަރުބަވީ ފަލްސަފާގެ އަލީގައި ތައްޔާރުކުރެވުނު މި ފޮތް ސެޓް، އަަޅުގަނޑުމެންގެ ބެލުމުގެ ދަށުން ލިޔެ އެކުލަވައިލެއްވީ ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަންގެ ކުރީގެ ކަރިކިއުލަމް ޑިވެލޮޕަރ މަރިޔަމް ޝަޒްނާއެވެ. ޤުރްއާން މާއްދާގެ ފޮތް ތައްޔާރުކުރެެއްވުމުގައި ޢާބިދާ މިސް ބައިވެލެއްވިއެވެ. ބޭބީ ނާސަރީގެ ޢަރަބި މާއްދާގެ ފޮތް ތައްޔާރު ކުރެއްވީ ނީނާ މިސްއެވެ. ފޮތްތަކުގެ ކުރެހުންތައް ތައްޔާރުކޮށް ޑިޒައިން ކުރީ ޚަދީޖާ ޢަބްދު ﷲ،” ވަޒީރު ވިދާޅުވި އެވެ.

މި ފޮތްތައް މުރާޖިޢާކުރެވުނީ އެކި މަރުޙަލާތަކުގައި، އެކި މާއްދާތައް އެކި ބޭފުޅުންނެވެ. އެއިގެ ތެރޭގައި އުސްތާޒު އިމްތިތާއު އައްބާސް، އުސްތާޛު މުޙައްމަދު ފިރުޒުލް އަދި ޝިފާޔަތު އަލީ ހިމެނެއެވެ.

މި މަޝްރޫޢުގެ ފުރަތަމަ މަރުހަލާގެ ފޮތްތައް މިއަދު ޕަބްލިޝްކުރެވިގެންދާއިރު މިބޮޑު މަޝްރޫޢު ކާމިޔާބު ކުރުމުގައި އެހީތެރިވެލެއްވި ޝައިޚު މުޙައްމަދު ލަތީފްއާއި، އިދާރީ ގޮތުން އެންމެ ގާތުން އެހީވި މަދީނާ އިންވެސްޓްމަންޓްސްގެ ސީއީއޯ އަލީ އަހުސަނާއި އައިއޯސީސީގެ ކޯފައުންޑަ އަލީ އަޝްވާޤަށް ވަޒީރު ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މި މަޝްރޫޢު އެކުލަވައިލުމުގެ މަޤްސަދަކީ އިސްލާމީ ފަލްސަފާގެ މައްޗަށް ފައުންޑޭޝަން ސްޓަޑީސް މަރުޙަލާގެ ފޮތްތަކެއް ނެރުމެވެ. މިއަދު ނެރެފައިވަނީ ބޭބީ ނާސަރީގެ 16 ފޮތެވެ. ބާކީ 49 ފޮތް ނެރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ހުރިހައި ފޮތެއްވެސް ވަނީ ލިޔެ ނިމިފައެވެ.

މި މަޝްރޫޢަށް މާލީ އެހީތެރިކަން ދެއްވަން ޝައުޤުވެރިފާ ފަރާތްތަކަށް އެފުރުޞަތު އެބަ އޮތެވެ. މިއީ މިފަދަ ގޮތަކަށް ރާއްޖޭގައި ނެރެވޭ ފުރަތަމަ ފޮތް ސެޓެވެ.

މި ފޮތްތައް އެކުލަވައިލެވިފައިވަނީ ބެލެނިވެރިންނަށް ވެސް ގޭގައި ދަރީންނަށް ކިޔަވައި ދެވޭ ގޮތަށާއި ފައުންޑޭޝަން މަރުހަލާގައި ޕްރީ ސްކޫލުތަކުގައި ވެސް ބޭނުން ކުރެވޭ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު