ENGLISH

05 ޖުލައި 2026

Advertisement

ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަންތައް އުފައްދަން ނިންމައިފި

04 ޖުލައި 2026

|

މުޙައްމަދު އަދުހަމް

އެފްއޭއެމް ރީޖަނަލް ލީގުގެ މެޗެއްގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލާ އެއްގޮތަށް ހަތަރު ސަރަހައްދެއްގައި ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަންތައް އުފެއްދުމަށް ނިންމައިފިއެވެ.

މިއަދު މެންދުރު ބޭއްވި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ، މުހިންމު ގިނަ ނިންމުންތަކެއް ނިންމައިފައެވެ.

އެގޮތުން މި ބައްދަލުވުމުގައި ނިންމި އެންމެ މުހިންމު ނިންމުންތަކުގެ ތެރޭގައި، އެ އެސޯސިއޭޝަނުގެ އައު އަސާސީ ގަވާއިދުގެ ދަށުން، ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ނޯތު ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން، ސެންޓްރަލް ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން، މާލެ ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން، އަދި ސައުތު ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން އުފެއްދުމަށް ނިންމާފައިވެއެވެ.

މީގެކުރީން އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤު ވިދާޅުވީ، މި ހަތަރު ރީޖަންގައި އެސޯސިއޭޝަންތައް އުފެއްދުމުން އެ ސަރަހައްދުގެ ކުލަބުތަކަށް ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން ނިންމުމުގައި ބަސްބުނެ، ވޯޓުލެވޭނެ ހައްގު ކަށަވަރު ކުރެވިގެންދާނެ ކަމަށެވެ.

އެފްއޭއެމްއިން މިދިޔަ އަހަރު ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން، ފުރަތަމަ ފަހަރަށް ރާއްޖޭގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން އަތޮޅު، ޒޯން އަދި ރީޖަނަލް ފުޓްބޯޅަ މުބާރާތްތައް ކުރިއަށްގެންގޮސްފައިވާއިރު، އެ ސަރަހައްދުތަކުން އައި ޓީމުތައް ހިމެނޭހެން ކުރިއަށްގެންދިޔަ އައު ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަން ބުރުގެ ކުޅުންވެސް ދާދިފަހުން ވަނީ ނިންމާލައިފައެވެ.

ފުޓްބޯޅަ މުބާރާތްތައް ކުރިއަށްގެންދިޔަ އޮނިގަނޑާ އެއްގޮތަށް އެފްއޭއެމްއިން ވަނީ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ހުޅުވާލައިގެން ހަތަރު ރީޖަނަކަށް ބަހާލައިގެން ފުޓްސަލް މުބާރާތެއްވެސް މި މަހު ފަށަން ތާވަލުކޮށްފައެވެ.

މީގެ އިތުރުން އެފްއޭއެމްގެ ހިންގާ ކޮމިޓީން ވަނީ އެ އެސޯސިއޭޝަންގެ 2026/2027 ވަނަ އަހަރުގެ ސީޒަނުގެ ފުޓްބޯޅަ ކަލަންޑަރު ފާސްކުރުމަށްފަހު، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް މި މަހުގެ 25 ވަނަ ދުވަހު ބާއްވަން ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު