ENGLISH

05 ޖުލައި 2026

Advertisement

އިންޑިއާގެ ޤައުމީ ޓީމަށް ކުޅެ، ސަޗިންގެ ރިކޯޑު 15 އަހަރުގެ ސޫރްޔަވަންޝީ މުގުރާލައިފި

05 ޖުލައި 2026

|

އިސްމާއިލް ޝާހު

އިންޑިއާގެ އުންމީދީ ބެޓްސްމަން ވައިބަވް ސޫރިޔަވަންޝީ ޤައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން --- ފޮޓޯ: ރޮއިޓަރސް

އިންގްލެންޑާ ދެކޮޅަށް މިއަދު ކުޅުނު ޓީ20 މެޗުގައި ކުޅެ، އިންޑިއާގެ އުންމީދީ ބެޓްސްމަން ވައިބަވް ސޫރްޔަވަންޝީ ބައިނަލްއަގުވާމީ ކްރިކެޓުގައި ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކަރު ގާއިމުކޮށްފައިވާ ޒަމާންވީ ރިކޯޑު މުގުރާލައިފިއެވެ.

އެގޮތުން ސޫރްޔަވަންޝީ ވެފައިވަނީ އިންޑިއާގެ ޤައުމީ ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއަށެވެ. އުމުރުން އެންމެ 15 އަހަރާއި 99 ދުވަހުގައި ބައިނަލްއަގުވާމީ މެޗެއް ކުޅުނު މި ކުޅުންތެރިޔާއަކީ އިންޑިއާގެ ޓީ20 ޓީމަށް ކުޅުނު 122 ވަނަ ކުޅުންތެރިޔާއެވެ.

އިންޑިއާގެ ކެޕްޓަން ޝްރެޔަސް އައްޔަރު ބުނި ގޮތުގައި، ސޫރްޔަވަންޝީއަކީ ޤައުމީ ޓީމުން ޖާގަ ހައްގު ކުޅުންތެރިއެކެވެ. އަދި ބައިނަލްއަގުވާމީ ކްރިކެޓުގެ ޕްރެޝަރާ ކުރިމަތިލުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ހުންނާނެ ކަމަށް އުންމީދު ކުރެއެވެ. "އޭނާއަކީ އެއްވެސް ވަރަކަށް ޕްރެޝަރު ނަގާ ކުޅުންތެރިއެއް ނޫން. އޭނާގެ ކިބައިގައި ހުރީ ވަރުގަދަ އަޒުމެއް. ކުރިއަށް ހުރި މެޗުތަކުގައި ކުރިމަތިވާނެ ގޮންޖެހުންތަކާ މެދު އޭނާ ވަރަށް ހޭލުންތެރި،" ޓޮސް ކާމިޔާބުކޮށް ބެޓުކުރަން ނިންމުމަށްފަހު އައްޔަރު ބުންޏެވެ.

މި ފެށުމާއެކު ސޫރްޔަވަންޝީ މިވަނީ އިންޑިއާގެ ކްރިކެޓް ތާރީޚުގައި ސަޗިން ގާއިމުކޮށްފައިވާ އެންމެ މުހިންމު އެއް ރިކޯޑު މުގުރާލާފައެވެ. ސަޗިން ބައިނަލްއަގުވާމީ ކްރިކެޓަށް ފުރަތަމަ ނުކުތީ 1989 ވަނަ އަހަރު ޕާކިސްތާނާ ދެކޮޅަށް ކުޅުނު ޓެސްޓް މެޗެއްގައެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރެވެ.

އިންޑިއާގެ އެންމެ އުންމީދީ އެއް ކުޅުންތެރިޔާގެ ގޮތުގައި ބެލެވޭ ސޫރްޔަވަންޝީ ފާހަގަވާން ފެށީ، މިދިޔަ އަހަރުގެ އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ގައި އެންމެ 35 ބޯޅައިން ސެންޗަރީއެއް ހެދުމާ ގުޅިގެންނެވެ. މިއަހަރުގެ އައިޕީއެލްގައިވެސް އޭނާ ވަނީ މުބާރާތުގައި އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔާގެ ޝަރަފު ހޯދައި، 237 އަށްވުރެ މަތީ ސްޓްރައިކް ރޭޓެއްގައި ކުޅެ، 72 ހަޔަކާއެކު އައު ރިކޯޑެއް ގާއިމުކޮށްފައެވެ.

އޭނާގެ ކުޅުން ފާހަގަކުރެވި ޤައުމީ ޓީމަށް ނެގުމަށް ގިނަ ބަޔަކު ބާރުއެޅި ނަމަވެސް، ސިލެކްޓަރުން ނިންމީ އޭނާގެ އުމުރުން 15 އަހަރު ފުރެންދެން މަޑުކުރުމަށެވެ. އެގޮތުން އަޔަލެންޑާއި އިންގްލެންޑާ ދެކޮޅަށް ކުޅޭ ސްކޮޑަށް އޭނާ ނެގީ މިދިޔަ މާރިޗު މަހުގައެވެ.

އަޔަލެންޑާ ދެކޮޅަށް ކުޅުނު ދެ މެޗުގައިވެސް ސޫރްޔަވަންޝީއަށް ކުޅުމުގެ ފުރުސަތެއް ނުލިބެއެވެ. ނަމަވެސް އިންގްލެންޑާ ދެކޮޅަށް ކުޅޭ ފަސް މެޗުގެ ސީރީޒްގެ ދެވަނަ މެޗުގައި އޭނާއަށް ވަނީ ފުރުސަތު ދީފައެވެ. މެންޗެސްޓާގައި ކުޅުނު މި މެޗުގައި އޯޕަނިންގް ބެޓްސްމަނެއްގެ ގޮތުގައި ނުކުމެ، ޖޮފްރާ އާޗާ އަދި ޖޯޝް ޓަންގުގެ ބޯޅަތަކަށް ދެ ހަޔަކާއެކު 10 ބޯޅައިން 14 ލަނޑު ހަދާފައިވަނިކޮށް، ވިލް ޖެކްސްގެ ބޯޅައެއްގައި އޭނާ ވަނީ ނުބައިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު