ENGLISH
04 ޖުލައި 2026
ޤައުމީ ޓީމުގެ ފޯވާޑް ހަމްޕު ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި
04 ޖުލައި 2026
|
ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ތެރެއިން ހަމްޒާ މުޙައްމަދު (ހަމްޕު) --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް
އެންމެ މަޤްބޫލު
ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ޤައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް ހަމްޒާ މުޙައްމަދު (ހަމްޕު) އޮޕަރޭޝަނެއް ކޮށްފިއެވެ. މިއާއެކު މިއަހަރުގެ ނޮވެމްބަރު މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުޅުމުގެ ފުރުސަތު އޭނާއަށް ގެއްލޭނެއެވެ.
ހަމްޕު ކަކުލުގެ އޮޕަރޭޝަން ކޮށްފައިވަނީ ސްރީ ލަންކާގައެވެ. މި އޮޕަރޭޝަނަށް ފަހު، އަލުން ކުޅުމަށް އެނބުރި އައުމަށް 6 މަހާއި 8 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވެއެވެ. މިއީ 2015 ވަނަ އަހަރުން ފެށިގެން ޤައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ހަމްޕުގެ ކެރިއަރުގައި ދިމާވި އެންމެ ބޮޑު އަނިޔާއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ހަމްޕު ބުނީ "ވޭތުވެދިޔަ އަހަރެއްހާ ދުވަހު އަހަރެން ކުޅެމުން ދިޔައީ ބޮޑު އުނދަގޫތަކަކާއެކުގައި. އެ މުއްދަތުގެ ތެރޭގައި އެކި ޑޮކްޓަރުންގެ ލަފާ ހޯދައި، ގިނަ ޓެސްޓުތަކެއް ހެދިން. ފުރަތަމަ ބެލެވުނީ އެއީ ސިސްޓެއް ކަމަށް. އެހެންކަމުން، ސީޒަން ނިމެންދެން އޮޕަރޭޝަން ފަސްކޮށްލަން އެއިރު ނިންމީ. ނަމަވެސް ލަންކާއަށް ކުރި ދަތުރުގައި ހެދި އެމްއާރްއައި އިން އެނގުނީ ކަކުލުގެ މެނިސްކަސް އާއި އޭސީއެލްއަށް އަނިޔާވެފައިވާ ކަން. އެހެންކަމުން ޑޮކްޓަރުންގެ އިރުޝާދުގެ މަތިން މިހާރު ވަނީ އޮޕަރޭޝަން ކޮށްފައި،"
ކަކުލުގެ އޮޕަރޭޝަން ކުރުމަށްފަހު ހަމްޕު ލަންކާގައި --- ފޮޓޯ: ހަމްޒާ މުޙައްމަދު / ފޭސްބުކް
ހަމްޕު ބުނީ ފަރުވާގެ ކަންކަން ފުރިހަމަކޮށް، ކުރިއަށްވުރެ ވަރުގަދަކޮށް އަލުން ދަނޑަށް އެނބުރި އައުމަށް ކުރަންޖެހޭ ބުރަ މަސައްކަތުގެ މަރުހަލާ މިހާރު ފެށިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުގައި ޤައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ގެއްލުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށާއި، އެކަމަކު ޤައުމީ ޓީމަށް ފުރިހަމަ ކާމިޔާބީއަށް އެދި، ސަޕޯޓަރެއްގެ ގޮތުގައި ދެމިހުންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އޮކްޓޫބަރު މަހު ބާއްވަން މީގެ ކުރިން ނިންމި ސާފް ޗެމްޕިއަންޝިޕް މިހާރު ވަނީ ނޮވެމްބަރަށް ފަސްކޮށްފައެވެ. މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ހަމްޕުއަށް ނުކުޅެވޭއިރު، އޭނާ ވަނީ 2015 އިން ފެށިގެން މިހާތަނަށް ބޭއްވި ސާފް ޗެމްްޕިއަންޝިޕުގެ ހަތަރު މުބާރާތުގައިވެސް ކުޅެފައެވެ.