ENGLISH

04 ޖުލައި 2026

Advertisement

މެސީއަށް ހުއްޓުމެއް ނެތް، ވޯލްޑް ކަޕުގައި އިތުރު ރިކޯޑުތަކެއް

04 ޖުލައި 2026

|

މުޙައްމަދު އަދުހަމް

ވޯލްޑް ކަޕުގައި ކާބޯ ވާޑޭ ކޮޅަށް ލަނޑު ޖެހުމަށްފަހު އާޖެންޓީނާގެ ކެޕްޓަން މެސީ އުފާފާޅުކުރަނީ -- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުގައި ކާބޯ ވާޑޭއާ އާޖެންޓީނާ ބައްދަލުކުރި މެޗުގައި ކުޅެ، އެ ޓީމުގެ ކެޕްޓަން، ލިއޮނަލް މެސީ މިވަނީ މިހާތަނަށް ވޯލްޑް ކަޕުގެ ހުރިހާ މުބާރާތްތަކެއްގައި މުޅިއެކު 30 މެޗު ހަމަކޮށް، ތާރީހުގެ ތެރެއަށް ޖެހިލައިފަ އެވެ.

މީގެ ހަތަރު އަހަރުކުރީން ޤަތަރުގައި ބޭއްވީ މުބާރާތުގެ ފައިނަލް މެޗުގައި ކުޅެ، އާޖެންޓީނާ އަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި މެސީ އެ މުބާރާތް ނިންމާލީ 26 މެޗު ހަމަކޮށް، ވޯލްޑް ކަޕުގައި އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑު މުގުރާލައިގެންނެވެ.

މިހާރު އުމުރުން 39 އަހަރުގެ މެސީ އަކީ ވޯލްޑް ކަޕުގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދިން ކުޅުންތެރިޔާ ވެސް މެއެވެ. މި ފަހަރުގެ މުބާރާތާ ކުރިމަތިލިއިރު 13 ލަނޑުޖަހައިފައިވާ މެސީ ވަނީ ވޯލްޑް ކަޕުގައި އެންމެ ގިނައިން ލަނޑުޖަހައިގެން ޖަރުމަނުގެ ކުރީގެ ފޯވާޑް، މިރޮސްލާވް ކްލޯސާ އަތުގައި އޮތް ރެކޯޑް މުގުރާލައިފަ އެވެ. މި އަހަރުގެ މުބާރާތުގައި މިހާތަނަށް ޖެހި ހަތް ގޯލާއެކު، ލަނޑުލިސްޓުގެ އެންމެ ކުރީގައި އުޅޭ މެސީ ވަނީ ވޯލްޑް ކަޕުގެ ހަ މުބާރާތުގައި މުޅިއެކު 20 ލަނޑުޖަހައިފަ އެވެ.

ވޯލްޑް ކަޕުގައި ކާބޯ ވާޑޭއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި މެސީ ހިލޭޖެހުމަކުން ބޯޅަ ފޮނުވާލަނީ -- ފޮޓޯ: އޭޕީ

މެސީ އަތުގައި އޮތް އިތުރު ރެކޯޑްތަކުގެ ތެރޭގައި، ވޯލްޑް ކަޕުގެ ހަ މުބާރާތުގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފުވެރި ރެކޯޑާއި، އެ މުބާރާތުގައި ޖެހިޖެހިގެން 8 މެޗުގައި ލަނޑުޖެހުމުގެ ރެކޯޑް ވެސް ހިމެނެ އެވެ. އެގޮތުން، މެސީ ވަނީ 2022 ވަނަ އަހަރުގެ މުބާރާތުގެ ދެވަނަ ބުރާއި، ކުއާޓާ ފައިނަލުގެ އިތުރުން ސެމީ ފައިނަލާއި ޝަރަފުވެރި ފައިނަލް މެޗުގައި ލަނޑުޖެހުމަށްފަހު މި އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތިން މެޗާއި، ގަދަ 32 ޓީމުގެ ބުރުގައިވެސް ލަނޑުޖަހައިފަ އެވެ.

މެސީގެ ފަހަތުން ވޯލްޑް ކަޕުގައި އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިންގެ ލިސްޓުގެ ދެވަނައިގައި އުޅެނީ ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެންމެ ފަހުން ކްރޮއޭޝިއާ އާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗަކީ ވޯލްޑް ކަޕުގައި ރޮނާލްޑޯގެ 26 ވަނަ މެޗެވެ.

މެސީ މި ރެކޯޑް މުގުރާލުމުގެ ކުރީން، ގިނަ އަހަރުތަކެއް ވަންދެން މި ރެކޯޑް އޮތީ ޖަރުމަނުގެ ކުރީގެ ކެޕްޓަން، ލޮތާ މަތައެސް އަތުގަ އެވެ. 1990 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ޖަރުމަނަށް ކާމިޔާބުކޮށްދިން ކެޕްޓަން، މަތައެސް ވަނީ 1982 ވަނަ އަހަރުން ފެށިގެން 1998 ވަނަ އަހަރާ ދެމެދު ބޭއްވީ ވޯލްޑް ކަޕުގެ ފަސް މުބާރާތެއްގައި ކުޅެ، 25 މެޗު ހަމަކޮށްފަ އެވެ. މިއާއެކު، އޭނާ އުޅެނީ މި ލިސްޓުގެ ތިންވަނައިގަ އެވެ.

ވޯލްޑް ކަޕުގައި ކާބޯ ވާޑޭއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި މެސީ (މ) ކުޅެނީ -- ފޮޓޯ: އޭޕީ

ވޯލްޑް ކަޕުގައި އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިންގެ ލިސްޓުގެ ހަތަރުވަނައިގައި އުޅެނީ 24 މެޗާއެކު ޖަރުމަނުގެ ކުރީގެ ފޯވާޑް، ކްލޯސާ އެވެ. މި ލިސްޓުގެ ފަސްވަނައިގައި 23 މެޗު ކުޅެފައިވާ ތިން ކުޅުންތެރިއަކު ހިމެނެ އެވެ. އެއީ، އިޓަލީގެ ޑިފެންޑަރު ޕައޮލޯ މަލްޑިނީ އާއި ޖަރުމަނުގެ ގޯލްކީޕަރު، މެނުއެލް ނޯޔާ އަދި ކްރޮއޭޝިއާގެ މިޑްފީލްޑަރު، ލޫކަ މޮޑްރިޗް އެވެ.

މި ލިސްޓުގައި ދެން ހިމެނޭ އިތުރު ކުޅުންތެރިންގެ ތެރޭގައި؛ އާޖެންޓީނާގެ ލެޖެންޑް، ޑިއޭގޯ މަރަޑޯނާ، ޖަރުމަނުގެ އުވޭ ސީލާ، ޕޮލެންޑްގެ ވްލަޑިސްލާވް ޒްމޫޑާ އާއި ކްރޮއޭޝިއާގެ އިވާން ޕެރިސިޗް ހިމެނެ އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ވޯލްޑް ކަޕުގައި 21 މެޗު ހަމަކޮށްފަ އެވެ.

މީގެއިތުރުން، ބްރެޒިލްގެ ކުރީގެ ކެޕްޓަން، ކަފޫ، ޕޮލެންޑްގެ ކުރީގެ ފޯވާޑް، ގްޒެގޯޒް ލާޓޯ، އާޖެންޓީނާގެ ހަވިއޭ މަޝެރާނޯ އާއި ޖަރުމަނުގެ ފިލިޕް ލާމް އާއި ބަސްޓިއަން ޝްވެންސްޓެއިގާ އަދި ފްރާންސްގެ ކުރީގެ ގޯލްކީޕަރު، ހޫގޯ ލޮރިސް ވަނީ މިހާތަނަށް ވޯލްޑް ކަޕުގައި 20 މެޗު ކުޅެ، އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިންގެ މި ލިސްޓުން ޖާގަ ހޯދައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު