ENGLISH
04 ޖުލައި 2026
މިއީ ރާއްޖެއާއި އެމެރިކާގެ ގުޅުމަށް ހާއްސަ އަހަރެއް: ރައީސް
04 ޖުލައި 2026
|
އެންމެ މަޤްބޫލު
އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރޭ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕަށާއި، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތުވެސް މި އަހަރާ ދިމާވުމާއެކު، މިއީ ދެ ގައުމަށްވެސް ވަރަށް ހާއްސަ އަހަރެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުން މެދުކެނޑުމެއްނެތި ހަރުދަނާވެފައިވަނީ، އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމުކުރުމާއި، ދެމެހެއްޓެނިވި ރަހުމަތްތެރިކަމާއި، ސުލްހައާއި ތަނަވަސްކަން ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމެރިކާއާއެކު އޮންނަ ގުޅުމަށް ދިވެހިރާއްޖެއިން ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދޭކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ސަލާމަތާއި ދިފާއީ ރޮނގުންނާއި، ވިޔަފާރިއާއި އިގުތިސާދީ ތަރައްގީއާއި، ތައުލީމީ ދާއިރާގެ އިތުރުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުން ފަދަ، ދެ ގައުމުގެ މަސްލަހަތު ހިމެނޭ، ދާއިރާތަކުން ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުންމަތީ ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލައްވަމުން، ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ، އަދި ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ރަޙުމަތްތެރިކަމާއި އެއްބާރުލުންދިނުމުގެ ގުޅުން އިތުރަށް ފުޅާކުރުމަށްޓަކައި އެމެރިކާގެ ރައީސް ޓްރަމްޕާއެކު ގާތުން މަސައްކަތްކުރެއްވުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.