ENGLISH

05 ޖުލައި 2026

Advertisement

ކްލަބް މޯލްޑިވްސް ކަޕް: އެޗްޑީސީ އާއި ވެމްކޯއަށް މުހިންމު މޮޅެއް

03 ޖުލައި 2026

|

އިސްމާއިލް ޝާހު

ކްލަބް މޯލްޑިވްސް ކަޕުގައި އެޗްޑީސީ އާއި އާރްއާރްސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް 2026 ގައި މިރޭ ކުޅުނު މެޗުތަކުން ކުލަބު އެޗްޑީސީ އާއި ކުލަބު ވެމްކޯ މުހިންމު މޮޅެއް ހޯދައިފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްކޮށްފައިވާ މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕުގައި 17 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ، ބީ އަދި ސީގައި ހަތަރު ޓީމު ހިމެނެއެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ ފަސް ޓީމެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް ޑީގައި މިރޭ ކުޅުނު މެޗުން އެޗްޑީސީ މޮޅުވީ އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު އާރްއާރްސީގެ އަލީ ހާފިޒަށް ރެފުރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އަދި އޭގެ ފަހުން އެޗްޑީސީގެ އަލީ ޝާމިސްއަށްވެސް ވަނީ ރަތް ކާޑެއް ދައްކާފައެވެ. މި ދެ ކުޅުންތެރިންނަށްވެސް ރަތް ކާޑު ދެއްކީ ބޯޅަ ނެތީސް އިދިކޮޅު ޓީމުގެ ކުޅުންތެރިއަކަށް ހަމަލާ ދިނުމާ ގުޅިގެންނެވެ. މި މެޗުގައި އެޗްޑީސީގެ ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ކާމިޔާބުކުރި މުޙައްމަދު ސާދު ނިޒާރު އަދި ޔޫސުފް ޝާއިފެވެ.

ކްލަބް މޯލްޑިވްސް ކަޕުގައި ވެމްކޯ އާއި ކުލަބު ފެން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި ގްރޫޕުގެ އަނެއް މެޗުގައި މިރޭ ވެމްކޯއިން ވަނީ 8-4 ގެ ނަތީޖާއަކުން ކުލަބު ފެން ބަލިކޮށްފައެވެ. މި މެޗުގައި ވެމްކޯގެ އިބްރާހީމް މައިސާން ހެޓްރިކެއް ހެދިއިރު، ފިގެއިރެޑޯ ކަޖާ ވަނީ ދެ ލަނޑު ޖަހާފައެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އަޙްމަދު ބައްސާމް މުޙައްމަދު ނައީމް، އިބްރާހީމް އައިސަމް އަދި އިބްރާހީމް މަހުދީ ހުސައިންނެވެ. މި މެޗުގައި ފެން ކުލަބުގެ ލަނޑުތައް ޖަހައިދިނީ ޒަކަރިއްޔާ ޒަހޫރު އިސްމާޢީލް، ސޮލާހު އަލީ، އަޙްމަދު މަހުދީ އަދި ސައިފާން އަޙްމަދު މަނިކެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ޑީގެ އެއްވަނައިގައި އެޗްޑީސީ އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އާރްއާރްސީ އާއި، ތިންވަނައިގައި އޮތް ވެމްކޯއަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ކުލަބު އިމިގްރޭޝަނަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފައެވެ. އަދި ފުލުގައި އޮތް ފެން ކުލަބަށް ހަތަރު މެޗުން ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި މުބާރާތުގެ މެޗުތައް ދެން ކުޅޭނީ އަންނަ އަންގާރަ ދުވަހުގެރެއެވެ.

  • އެމްޕީއެލް - ޕޮލިސް ކުލަބު (20:15)
  • ސްޓެލްކޯ އާރްސީ - ކުލަބު ޓީޓީއެސް (20:15)
  • އެމްއޭސީއެލް - ކަސްޓަމްސް އާރްސީ (22:30)
  • ޓީމު ފެނަކަ - ޔުނައިޓެޑް ބީއެމްއެލް (22:30)
ކިޔުންތެރިންގެ ހިޔާލު