ENGLISH

03 ޖުލައި 2026

Advertisement

އޮސްޓްރޭލިއާއާ ދެކޮޅަށް ފުރަތަމަ އެގާރައިގައި ސަލާހު ކުޅުވުމާމެދު ވަކިގޮތެއް ނުނިންމަން: މިސްރުގެ ކޯޗު

03 ޖުލައި 2026

|

މުޙައްމަދު އަދުހަމް

ނޫސްވެރިންގެ ބައްދަލުވުމުގައި މިސްރުގެ ކޯޗު، ހުސާމް ވާހަކަ ދައްކަނީ. --ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ޓީމުގެ ބުރުގައި މިރޭ އޮސްޓްރޭލިއާ އާ ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ އެގާރައިގައި މިސްރުގެ ތަރި، މުޙައްމަދު ސަލާހު ކުޅުވުމާމެދު ވަކިގޮތެއް ނިންމާފައިނުވާކަމަށް އެ ޓީމުގެ ކޯޗު، ހުސާމް ހަސަން ބުނެފި އެވެ.

މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މިސްރުގެ ކޯޗު، ހުސާމް ބުނީ، އޮސްޓްރޭލިއާ އާ ދެކޮޅަށް ކުޅޭ މެޗަށް ސަލާހު އެއްކޮށް ފިޓްނޫންނަމަ ރިސްކެއް ނުނަގާނެ ކަމަށެވެ.

އުމުރުން 34 އަހަރުގެ ސަލާހުގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ރަނގަޅުވެ، ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. ސަލާހު އަށް އަނިޔާވީ، މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އީރާނާ 1-1 އިން މިސްރު އެއްވަރުވި މެޗުގަ އެވެ.

މިސްރުގެ ކޯޗު، ހުސާމް ބުނީ، ސަލާހަކީ ކޮންމެ މެޗެއްގައި ކުޅުމަށް ޝައުގުވެރިކަން ބަހައްޓާ ކުޅުންތެރިއެއް ކަމަށާއި، ޓީމަށް އެހީތެރިވުމަށް އޭނާ ނުހަނު ބޮޑަށް ބޭނުންވާ ކަމަށެވެ.

"ނަމަވެސް، އޭނާ އަށް މެޗު ކުޅެވޭވަރަށް އެއްކޮށް ސަތޭކަ ޕަސެންޓް ފިޓްނޫން ނަމަ އެއްވެސް ވަރެއްގެ ރިސްކެއް ނުނަގާނަން." ހުސާމް ބުންޏެވެ.

މިސްރުގެ ފަރިތަކުރުންތަކުގައި ސަލާހު ބައިވެރިވަނީ. --ފޮޓޯ: ރޮއިޓަރސް

ހުސާމް ބުނީ، އޮސްޓްރޭލިއާ އާ ދެކޮޅަށް އެމެރިކާގެ ޑަލަސް ސްޓޭޑިއަމްގައި މިސްރު ކުޅެން ހަމަޖެހިފައިވާ މެޗުގައި ސަލާހު ބައިވެރިވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އެހެންނަމަވެސް، އެ މެޗުގެ ފުރަތަމަ އެގާރައިގައި ސަލާހު ހިމެނޭނެ ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށް ފާހަގަކުރި އެވެ.

މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ނިއުޒީލެންޑް އަތުން 3-1 އިން މިސްރު މޮޅުވި މެޗުގައި ސަލާހު ލަނޑުޖެހިއިރު، އީރާނާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން އެ މެޗު ނިމެން ބާކީ ތިރީހަކަށް މިނެޓަށްވެފައިވަނިކޮށް، އޭނާ ބަދަލުކުރަން އެދުމާ ގުޅިގެން، ވަނީ ބަދަލުކޮށްފަ އެވެ.

"އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެކަކު. އޭނާއާ އެކު މަސައްކަތް ކުރަން ލިބުމަކީ އަހަރެންގެ ނަސީބެއް،" ހުސާމް ބުންޏެވެ.

ހުސާމް ބުނީ، ޓެކްޓިކަލީ ސަލާހު ލައްވާ އޭނާ ކުޅުވަން ބޭނުންވި ގޮތަށް، އެންމެން އުއްމީދުކުރި ވަރަށްވުރެ ރަނގަޅު ކުޅުމެއް މިހާތަނަށް ދައްކާފައިވާ ކަމަށެވެ.

އީރާނާ ދެކޮޅަށް މިސްރު ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

ޓޯނީ ޕޮޕޮވިޗްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އޮސްޓްރޭލިއާގެ ކިބައިން އޭނާގެ ޓީމަށް ފިޒިކަލީ ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ހުސާމް ބުންޏެވެ.

މީގެކުރިންވެސް، އެފްރިކާ ބައްރުގެ އިސްކޮޅުން ދިގު ކުޅުންތެރިންނާ ދެކޮޅަށް މެޗުތައް ކުޅުމުގެ ތަޖުރިބާ އޮތުމުން އޮސްޓްރޭލިއާ އާ ދެކޮޅަށް ކުޅުމަކީ މާބޮޑު ޗެލެންޖެއްގެ ގޮތުގައި ހުސާމް ފާހަގަނުކުރެ އެވެ. އަދި، މި މުބާރާތުގައި ކުރީން ނިއުޒީލެންޑްގެ އިތުރުން އީރާނާ ދެކޮޅަށް މެޗު ކުޅެފައިވުމުން އެކަމަށް ފުރިހަމައަށް ތައްޔާރުވެވިފައިވާ ކަމަށް އޭނާ ބުންޏެވެ.

މީގެއިތުރުން، ހުސާމްގެ ވާހަކަ ނިންމާލަމުން ވަނީ، ފުޓްބޯޅަ އަކީ ހަމައެކަނި އިސްކޮޅަށް ބަލައިގެން ކުޅޭ ކުޅިވަރެއް ނޫންކަން ފާހަގަކުރަމުން އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާ އާއި ލިއޮނަލް މެސީގެ ވާހަކަތައް މިސާލެއްގެ ގޮތުގައި ބުނެދީފަ އެވެ. އޭނާ ބުނީ، މި ކުޅެނީ ރަގްބީ ނުވަތަ އެމެރިކަން ފުޓްބޯޅަ ނޫން ކަމަށާއި، ފުޓްބޯޅަ ކުޅުމަށް ބޭނުންވާ ހުރިހާ ކަމަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.

މުބާރާތުގެ ނޮކްއައުޓް ބުރުގައި އޮސްޓްރޭލިއާ އާ ދެކޮޅަށް މިސްރު ކުޅޭ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 11 ޖަހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު