ENGLISH
03 ޖުލައި 2026
ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
03 ޖުލައި 2026
|
ޕެންޝަން އޮފީސް.
އެންމެ މަޤްބޫލު
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލްކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޕެންޝަން އޮފީހުން ބުނިގޮތުގައި މި ފުރުޞަތު ހުޅުވާލީ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުންގެ ތެރެއިން ހުސްވެފައިވާ 2 މަޤާމަކަށް މެންބަރުން އައްޔަންކުރުމަށެވެ.ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެ އޮފީހުގެ ބޯޑަށް މެންބަރުން ހޮވުމާއި އައްޔަންކުރުމާބެހޭ އުސޫލާ އެއްގޮތަށެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ސިލެކްޝަން ކޮމިޓީން 3 ނަން ޝޯޓްލިސްޓް ކުރާނެ ކަމަށާއި، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން (ސީއެމްޑީއޭ) އެ ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ޔަޤީންކުރާނެ ކަމަށްވެސް އެ އޮފީހުން މަޢުލޫމާތު ދެއެވެ.ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުން ބޯޑަށް ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 35 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ވާންޖެހެއެވެ. އަދި ވިޔަފާރި، އިޤްތިޞާދީ ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށް، މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވާންޖެހެއެވެ. މީގެ އިތުރުން ޕެންޝަން ނުވަތަ އިންވެސްޓްމަންޓް ދާއިރާގެ ތަޖުރިބާ ހުރުމަކީވެސް ޝަރުތެކެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކަށް ވެގެން ނުވާނެއެވެ. އަދި ސަރުކާރުން 50 އިންސައްތައަށްވުރެ މަތިން ހިއްސާވާ ކުންފުންޏެއްގެ ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށްވެސް ވެގެން ނުވާނެ ކަމަށް ޝަރުތުތަކުގައި ބަޔާންކޮށްފައިވެއެވެ.
މި މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ޝައުޤުވެރިވާ ފަރާތްތަކުން ލިޔެކިޔުންތަކާއެކު ގޫގުލް ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ޕެންޝަން އޮފީހުން ވަނީ އެދިފައެވެ.
ބޯޑު މެންބަރުންގެ މަސްއޫލިއްޔަތުތަކާއި މާކްސް ދޭނެ އުސޫލު ހިމެނޭ ޓާރމްސް އޮފް ރެފަރަންސް މިހާރު ވަނީ ޝާޢިއުކޮށްފައެވެ.
2009 ވަނަ އަހަރު ޤާއިމްކުރި ޕެންޝަން އޮފީހަކީ ރާއްޖޭގެ ޕެންޝަން ސްކީމްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ އިދާރާއެވެ. އެ އޮފީސް ހިންގަނީ 8 މެންބަރުންގެ ބޯޑަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބޯޑުގެ ޗެއަރޕަރސަން، ސީއެމްޑީއޭގެ އިސް މުވައްޒަފެއް، ފިނޭންސް މިނިސްޓްރީގެ އިސް މުވައްޒަފެއް، ސޯޝަލް ސެކިއުރިޓީއާ ބެހޭ ވުޒާރާގެ އިސް މުވައްޒަފެއް އަދި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ 4 މެންބަރުންނެވެ.