ENGLISH

03 ޖުލައި 2026

Advertisement

ޕާޓީ ބަދަލުކުރުމުން ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ހުސްވެއްޖެކަމަށް ކަނޑައަޅައިފި

03 ޖުލައި 2026

|

އައިމިނަތު ޝަފާ

ވ. ތިނަދޫ ކައުންސިލް ރައީސް

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި، އިންތިހާބުވި ޕާޓީ ބަދަލުކުރުމުން ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ހުސްވެއްޖެ ކަމަށް ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅައިފ އެވެ. 

ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ޝުޖާއު ޢަލީ އިންތިހާބުވެވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ޓިކެޓެއްގައެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ށ) ގައި ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރު ތެރޭގައި އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުމުން، ކައުންސިލްގެ މެންބަރު ކަމުގެ މަގާމުން ވަކިވާނެކަމުގައި ބަޔާންކޮށްފައިވެއެވެ. 

މިކަމާ ގުޅިގެން އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު، މިއަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވ.ތިނަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވުމަށްފަހު ދައުރު ފެށުނުފަހުން އިންތިހާބުވެފައިވާ ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި މިދިޔަ މޭ މަހުގެ 19 ވަނަ ދުވަހު އިލެކްޝަން ކޮމިޝަންގައި ދަފްތަރުވެފައިވާކަން އަންގާފައިވާކަމަށެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ށ)ގެ ދަށުން ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާއު، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވެފައިވާތީ، އޭނާ އެ މަގާމުން ވަކި ވެއްޖެކަމަށް އެލްޖީއޭއިން ވަނީ ކަނޑައަޅާފަ އެވެ. އަދި އެކަން އިލެކްޝަން ކޮމިޝަނަށް އެންގުމަށް އެ އޮތޯރިޓީގެ ބޯޑު ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.  

އިންތިހާބުވި ޕާޓީ ބަދަލުކުރުމުން ޝުޖާއުގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ކައުންސިލްގެ ނައިބު ރައީސްއާ ހަވާލުކުރުމަށް އެލްޖީއޭއިން އެންގީ ހުސްވި ޖޫންމަހުގެ ފަސް ވަނަ ދުވަހުއެވެ. 

އެލްޖީއޭގެ ބޯޑުން ގޮތެއް ނިންމައި ވަކިގޮތެއް އަންގަންދެން ޝުޖާއު، މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާވުމަށާއި ކައުންސިލް އިދާރާއަށް ނުނިކުތުމަށް އޭރު އެ އޮތޯރިޓީން ޝުޖާއުއަށް އެންގިއެވެ. 

ކިޔުންތެރިންގެ ހިޔާލު