ENGLISH
03 ޖުލައި 2026
އަރާގްޖީއާއި ގާލިބާފް ޝަހީދުކޮށްލައިގެން މަޝްވަރާތަކަށް ހުރަސްއަޅަން އުޅުނުކަން ފަޅާއަރައިފި
03 ޖުލައި 2026
|
އިރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރް ޤާލިބާފްއާއި ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ.
އެންމެ މަޤްބޫލު
އީރާނާއެކު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވާ އެ ގައުމުގެ އިސް ދެ މަސްއޫލުވެރިން ކަމަށްވާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރް ޤާލިބާފް އާއި ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ އަވަހާރަކޮށްލަން ސަހުޔޫނީން ރޭވި ނުރައްކާތެރި ރޭވުމަކުން އެބޭފުޅުން ސަލާމަތްވެވަޑާއިގެންފައިވާ ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއިން ވަނީ މެދުއިރުމަތީގެ ގައުމުތައް މެދުވެރިކޮށް، ސަހުޔޫނީންގެ މި ރޭވުމާ ބެހޭ އިންޒާރު އީރާނަށް ފޯރުކޮށްދީފަ އެވެ. އެމެރިކާގެ ކަންބޮޑުވުމަކީ އީރާނުގެ މި ދެ އިސްވެރިން އަވަހާރަކޮށްލައިފި ނަމަ، މިހާރު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތައް ހުއްޓި، މުޅި ގަލްފު ސަރަހައްދުގައި އަލުން ހަނގުރާމަ ފެށިގެން ދިއުމެވެ.
އީރާނުގެ ލީޑަޝިޕް ނައްތާލުމަށް ސަހުޔޫނީން ގެންގުޅޭ ސިޔާސަތުގެ ދަށުން، ފާއިތުވި އަހަރުތަކުގައި އީރާނުގެ 50 އަށްވުރެ ގިނަ ލީޑަރުން ވަނީ ޝަހީދުކޮށްލާފަ އެވެ. އޭގެ ތެރޭގައި އީރާނުގެ ކުރީގެ ރޫހީ ލީޑަރު އާޔަތުއްﷲ އަލީ ހާމަނާއީ، އީރާނުގެ ސަލާމަތީ ކަންކަމާބެހޭ ކުރީގެ އިސްވެރިޔާ އަލީ ލާރިޖާނީ، ރިވޮލިއުޝަނަރީ ގާޑްސްގެ ގުދުސް ފޯސްގެ ކުރީގެ ކޮމާންޑަރު ގާސިމް ސުލައިމާނީ، އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސްގެ ކުރީގެ ކޮމާންޑަރު މޭޖަރ ޖެނެރަލް ހުސެއިން ސަލާމީ ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މިހާރުގެ ހާލަތަށް ބަލާއިރު އަރާގްޗީ އާއި ގާލިބާފަކީ ހުރުމުޒް ކަނޑުއޮޅި ހުޅުވާލުމަށާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭގޮތުން އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަސައްކަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރައްވާ ދެ ބޭފުޅުންނެވެ.
މިދިޔަ މާރިޗު މަހު ސަހުޔޫނީން އެކުލަވާލި "ޓާގެޓް ލިސްޓް" ގައި މި ދެ ބޭފުޅުންގެ ނަންފުޅު ހިމެނުނު ނަމަވެސް، އެމެރިކާގެ އެދުމުގެ މަތިން ވަގުތީގޮތުން އެ ނަންތައް އުނިކޮށްފައިވެއެވެ. ރިޕޯޓްތައް ބުނާގޮތުން، މީގެ ކުރިން އިޒްރޭލުން ދިން ދެ ހަމަލާއަކުން އޭނާ ވަނީ ސަލާމަތްވެވަޑައިގެންފައެވެ.
މުހައްލިލުން ވިދާޅުވާގޮތުގައި ސަހުޔޫނީން އަދިވެސް ބޭނުންވަނީ އީރާނުގެ ވެރިކަން ވައްޓާލައި، އެ ގައުމުގެ އަސްކަރީ ބާރު ކަނޑުވާލުމަށް ހަނގުރާމަ ދިގުދަންމާލުމަށެވެ. ސުލްހައިގެ އެއްބަސްވުމަކީ އީރާނަށް އިގްތިސާދީ ގޮތުން ލިބޭނެ ކުރިއެރުމެއް ކަމަށް ބުނެ ސަހުޔޫނީން އަންނަނީ އެއީ އެމީހުންނަށް އޮތް ނުރައްކަލެއްކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.