ENGLISH
03 ޖުލައި 2026
އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އަލީ ހާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް ފަށައިފި
03 ޖުލައި 2026
|
އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ހާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުގެ ތެރެއިން.
އެންމެ މަޤްބޫލު
ޣައިރު ގާނޫނީ ސަހުޔޫނީ ދައުލަތް -- އިސްރާއީލާއި އެމެރިކާ ގުޅިގެން ދިން ހަމަލާތަކުގައި ޝަހީދުކޮށްލި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ހާމަނާއީއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމުގެ ގޮތުން ބާއްވާ ޖަނާޒާގެ ރަސްމިއްޔާތުތައް އީރާނުގައި ފަށައިފި އެވެ.
ހާމަނާއީ ޝަހީދުކޮށްލީ މިދިޔަ ފެބުރުއަރީމަހުގެ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާއިން ދިން ހަމަލާތަކުގައެވެ. ޝަހީދުކޮށްލިއިރު އުމުރުފުޅަކީ 86 އަހަރުފުޅެވެ.
ގާތްގަނޑަކަށް 40 އަހަރު ވަންދެން އީރާނުގެ އިންގިލާބީ ހަރަކާތްތަކަށް އިރުޝާދު ދެއްވި ލީޑަރުގެ ވަކިވުމާ ގުޅިގެން، މުޅި އީރާނާއި އިސްލާމީ އުންމަތް ވަނީ ހިތާމައިގަ އެވެ.
އަލީ ހާމަނާއީގެ ހަށިކޮޅު ތެހެރާންގެ ގްރޭންޑް މުސައްލާގައި މިއަދުން ފެށިގެން ބާއްވާފައިވާއިރު އީރާނުގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި މި ޖަނާޒާގައި 12 މިލިއަނާއި 20 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވާނެ އެވެ.
"ގަރުނުގެ ޖަނާޒާ" ގެ ގޮތުގައި ސިފަކުރާ މި ޖަނާޒާގައި އަލީ ހާމަނާއީގެ ހަށިކޮޅާއެކު، ފެބްރުއަރީ މަހުގެ ހަމަލާގައި ޝަހީދުވި އެމަނިކުފާނުގެ އާއިލީ ބޭފުޅުންގެ ހަށިކޮޅުތައް ވެސް ތެހެރާންގެ ގްރޭންޑް މުސައްލާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ އެއް އަހަރުގެ ކާފަ ދަރިފުޅު ޒަހްރާ މުހައްމަދު ވެސް ހިމެނެ އެވެ. ތެހެރާންގައި ބާއްވާ މި ރަސްމިއްޔާތުތަކަށް ފަހު، ހަށިކޮޅު ގުމް އަށާއި އިރާގުގެ ނަޖަފްގެ އިތުރުން ކަރުބަލާއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އީރާނުގެ ސަރުކާރުން ލަފާކުރާ ގޮތުގައި، 15 މިލިއަނާއި 20 މިލިއަނާ ދެމެދުގެ މީހުން ޖަނާޒާގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މަގުތަކަށް ނުކުންނާނެއެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ދެއްވި މެސެޖެއްގައި، ހުރިހާ އީރާނު ރައްޔިތުން މި ޖަނާޒާގައި ބައިވެރިވުމަށް ވަނީ ގޮވާލައްވާފައެވެ. ރައީސް ވިދާޅުވީ ހާމަނާއީގެ ނަންފުޅާއި، ފިކުރާއި، އަދި އެމަނިކުފާނު ދޫކުރެއްވި ތަރިކަ އީރާނުގެ ތާރީހުގައި އަބަދަށް ދެމިއޮންނާނެ ކަމަށެވެ. އަދި އެމަނިކުފާނު ޝަހީދުވުމަކީ ލިބުނު ފުން ހިތާމައެއް ނަމަވެސް، މިއީ އިސްލާމީ ޖުމްހޫރިއްޔާގެ ބިންގާ ކަމުގައިވާ އީމާންތެރިކަމާއި އަޒުމް އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޕެޒެޝްކިއަން އިތުރަށް ފާހަގަކުރެއްވި ގޮތުގައި ސަހުޔޫނީންނާ ދެކޮޅަށް ހާމަނާއީ ގެންގުޅުއްވި ދެކޮޅުވެރިކަމާއި އުފުއްލެވި މިނިވަންކަމުގެ ދިދަ ދުވަހަކުވެސް ބިމަކަށް ނުވެއްޓޭނެއެވެ. އަދި މި ޖަނާޒާގައި ގިނަ އަދަދެއްގެ މުސްލިމުން ބައިވެރިވުމަކީ، އިސްތިއުމާރީ ބާރުތަކުން ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް ދެވޭ ވަރުގަދަ ރައްދެއްކަމަށް ވިދާޅުވިއެވެ.
މި ޖަނާޒާގައި ރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކަކުން ބައިވެރިވާނެއެވެ. މިހާރުވެސް ޖަނާޒާގެ ކަންކަމުގައި ބައިވެރިވުމަށް ދުނިޔޭގެ 30 އަށްވުރެ ގިނަ ގައުމުގެ އިސް އޮފިޝަލުން ތިއްބެވީ އީރާނުގައެވެ. އޭގެ ތެރޭގައި ރަޝިޔާ، ޗައިނާ، ޕާކިސްތާން، އިންޑިއާ، ޖޯޖިއާ އަދި ކިއުބާ ފަދަ ގައުމުތަކުގެ މަންދޫބުން ހިމެނެއެވެ.
މިހާ ގިނަ އަދަދެއްގެ ގައުމުގެ މަންދޫބުން އަލީ ހާމަނާއީގެ ޖަނާޒާގައި ބައިވެރިވުމަކީ އެމެރިކާއާއި އިސްރާއީލުގެ އުދުވާނާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުން ދެއްކި އެއްބައިވަންތަކަމުގެ ރަމްޒެއް ކަމަށް މުހައްލިލުން ވިދާޅުވެއެވެ.
ހާމަނާއީ އަވަހާރަވުމުން އެމަނިކުފާނުގެ މަގާމަށް މިހާރު އައްޔަންކުރައްވާފައިވަނީ ދަރިކަލުން މުޖްތަބާ ހާމަނާއީއެވެ.