ENGLISH
03 ޖުލައި 2026
ފައިނޭންޝަލް އެކްސްޕޯގެ ޒަކާތު ހައުސް ސްޓޯލަށް ޒިޔާރަތްކޮށްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު
03 ޖުލައި 2026
|
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ ، މޯލްޑިވްސް ޒަކާތު ހައުސްގެ ސްޓޯލް - ފޮޓޯ: ޒަކާތު ހައުސް
އެންމެ މަޤްބޫލު
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026ގެ މޯލްޑިވްސް ޒަކާތު ހައުސް ސްޓޯލަށް ޒިޔާރަތްކުރައްވައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޒަކާތާއި ބެހޭ މައުލޫމާތު މީހުންނަށް އެނގޭ މިންވަރު ވަޒަންކުރުމުގެ ގޮތުންނާއި، އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން " ޒަކާތު ކުއިޒް" ގެ ނަމުގައި ހަރަކާތެއް ފަށާފައިވެ އެވެ.
ޒަކާތު ހައުސް އިން ބުނީ، މި ކުއިޒްގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ ދުވަހަކު ނަސީބުވެރިއަކަށް ހޮވޭ ފަރާތަކަށް 1000 ރުފިޔާގެ ފައިސާއެއް އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން އެކްސްޕޯ ކުރިއަށްދާ ތިން ދުވަހު ކުއިޒްގައި ބައިވެރިވާ މީހުންގެ މެދުގައި ނެގޭ " ގްރޭންޑް ލަކީ ޑްރޯ" އަށް ހޮވޭ ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ލިބިގެންދާނެ ކަމަށެވެ.
މި ކުއިޒްގެ ސުވާލުތައް އަމާޒުކޮށްފައިވަނީ ޒަކާތުގެ އަސާސްތަކާއި، އުސޫލުތަކާއި، ޒަކާތާ ގުޅޭ އަމަލީ ކަންކަމުގެ އިތުރުން މޯލްޑިވްސް ޒަކާތު ހައުސްއިން ފޯރުކޮށްދޭ ހިދުމަތްތަކާއި ކުރިއަށްގެންދާ މަޝްރޫއުތަކުގެ މައްޗަށް ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
މި އެކްސްޕޯގައި ޒަކާތާ ގުޅޭގޮތުން ދީނީ އިލްމުވެރިންނާ ސުވާލުކޮށް މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ޒަކާތު ހައުސްގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބެއެވެ. އަދި ޒަކާތު ހައުސްގެ ޚިދުމަތްތަކުގެ މައުލޫމާތާއި، މިހާރު ހުޅުވާލެވިފައިވާ "ޒަކާތު ސްކޮލަރޝިޕް"އާ ގުޅޭ މައުލޫމާތު ހޯދުމުގެ އިތުރުން، ޒަކާތާ ގުޅޭ ފޮތްތަކާއި ލީފްލެޓްތައް ހިލޭ ލިބޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް ޒަކާތު ހައުސްއިން މައުލޫމާތު ދީ ފައިވެއެވެ.
އެމްއެމްއޭއިން އިންތިޒާމުކުރާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 އާންމުންނަށް ހުޅުވާލާފައި ހުންނާނީ ޖުލައި 2 އިން 4 އަށް، ކޮންމެ ދުވަހަކު ހަވީރު 3:00އިން ރޭގަނޑު 10:00އަށެވެ.